19ވަނަ މަޖިލީހުގެ މެންބަރުން

އާދަމް ޝަރީފް

މަޑުއްވަރި ދާއިރާ

މެންބަރުގެ ތަޢާރުފް

އާދަމް ޝަރީފަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރެވެ. ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރެވެ. ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޕާލަމަންޓްރީ ގްރޫޕްގެ ޑެޕިޔުޓީ ލީޑަރެވެ.

މާޅޮސްމަޑުލު އުތުރުބުރީ ފައިނަށް އުފަން، އާދަމް ޝަރީފު ވަނީ މެލޭޝިއާއާއި އިނގިރޭސި ވިލާތުން މަތީ ތަޢުލީމު ޙާޞިލު ކުރައްވާފައެވެ. މާސްޓަރސް ޙާޞިލު ކުރެއްވީ ޔުނިވަރސިޓީ އޮފް އީސްޓް އެންގްލިއާ އިންނެވެ. އަދި އޮސްޓްރޭލިއާ، ސައުތު އެފްރިކާ، ޗައިނާ، ތުރުކީ، މެކްސިކޯ، ހަވާއީ، ސަޢުދީ އަރަބިއާ، އިންޑިއާ އަދި ސްރީލަންކާއާއެކު ތަޢުލީމީ، އިޖުތިމާޢީ އަދި ސިޔާސީ ދާއިރާގެ މަސައްކަތުގެ ތަޖުރިބާ ހޯއްދަވާފައިވެއެވެ.

މެންބަރު ކުރައްވާފައިވާ ޚިދުމަތް

އާދަމް ޝަރީފު ޤައުމަށް ޚިދުމަތް ކުރައްވަން ފައްޓަވާފައިވަނީ އުމުރުން 17 އަހަރުގައި، 22 ފެބުރުއަރީ 1981 ގައެވެ. ޓީޗަރުކަމުން ފެށިގެން ލެކްޗަރާރކަމާއި ހަމައަށް ކިޔަވައިދެއްވުމުގައި މަސައްކަތް ކުރެއްވިއިރު، ހިންގުމުގެ ދާއިރާއިން މެނުއަލްތައް ލިޔުއްވައި، ތަޢުލީމީ މުއައްސަސާތަކުގެ އެންމެ އިސްވެރިއެއްގެގޮތުގައި މަސައްކަތް ކުރައްވާފައިވެއެވެ. އަދި ތަޢުލީމީ ކަންކަން ދިރާސާ ކުރައްވައި، އެ ދިރާސާތައް ހުށަހަޅުއްވާފައިވެއެވެ.

ރާއްޖޭގައި ޓީޗަރ ރިސޯސް ސެންޓަރތައް ޤާއިމު ކުރުމާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން އުފެއްދުމާއި މުދައްރިސުންގެ ފެންވަރު މަތިކުރުމަށް ކޯސްތައް ހިންގުމާއި މުދައްރިސުންނަށް ބައިނަލްއަޤުވާމީ ކޮންފަރެންސްތައް ބޭއްވުމާއި މަދަރުސީ ތަޢުލީމުގެ ޤައުމީ މަންހަޖު ފަރުމާ ކުރުމުގައި ވަރަށް މުހިންމު ދައުރެއް އާދަމް ޝަރީފު އަދާކުރެއްވިއެވެ.

އާދަމް ޝަރީފު ލިޔުއްވާފައިވާ ފޮތްތަކުގެ ތެރޭގައި ދަރިވަރުންގެ ފެންވަރު ވަޒަންކުރުން، ކްލާސްރޫމް އިންތިޒާމް ކުރުން އަދި މުދައްރިސުންގެ ފަންނީ އޮނިގަނޑު ހިމެނެއެވެ. މީގެއިތުރުން، ރާއްޖޭގެ މުދައްރިސުންގެ ތަޢުލީމުގެ ރިހިފޮތް، ސާސްކަފުގެ 17، ފަދަ ފޮތްތައް އެކުލަވާލުމުގައިވެސް އެމަނިކުފާނު ވަރަށް މުހިންމު ދައުރެއް އަދާކުރެއްވިއެވެ.

އާދަމް ޝަރީފު ފުރަތަމަ އަދާކުރެއްވި ސިޔާސީ މަޤާމަކީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން އެވެ. އެއީ، 2014 ވަނަ އަހަރުއެވެ. އެ މަޤާމުގައި ހުންނަވަނިކޮށް، 28 އޮކްޓޫބަރ 2015 ވަނަ ދުވަހު ރާއްޖޭގެ ދިފާޢީ ވަޒީރުކަމަށް އައްޔަން ކުރެއްވިއެވެ. ރައީސް ޔާމީންގެ ރިޔާސީ ދައުރު ނިމެންދެން ހުންނެވީ އެ މަޤާމުގައެވެ.

ދިފާޢީ ވަޒީރު ކަމުގެ މަޤާމުގައި ހުންނަވައިގެން ކުރެއްވި ޚިދުމަތްތަކުގެތެރޭގައި ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓްޑީޒާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި އިސްކަންދަރު އެއަރބޭސް ޤާއިމު ކުރުމާއި ނޮދަން އޭރިއާގެ ހެޑްކުއާޓާޒް ޅ.މާފިލާފުއްޓަށް ބަދަލުކުރުމާއި ސީ އެންބިއުލާންސްގެ ޚިދުމަތް ހަރުދަނާކުރުމާއި ކާރިސާތަކުގައި މީހުންނާއި މުދާ ސަލާމަތް ކުރުމަށް ބޭނުންވާނެ ވަސީލަތްތައް ހޯދުމުގައި އާދަމް ޝަރީފު ކުރެއްވި މަސައްކަތް ފާހަގަކޮށްލެވެއެވެ.

ޝާމިލްވެލައްވާ ބައެއް މަސައްކަތްޕުޅުތައް
  • މެންބަރަށް ގުޅުއްވުމަށް

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA