އަލްއުސްތާޛާ ފާތިމަތު ނިޔުޝާ

ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު

ތަޢާރުފް

ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމުގެ މަޤާމަށް އަލްއުސްތާޛާ ފާޠިމަތު ނިޔުޝާ ޢައްޔަންކުރެއްވީ 9 ޖުލައި 2018 ގައެވެ. އަމީން ޢާންމުގެ މަޤާމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން 6 އަހަރު ވަންދެން އަލްއުސްތާޛާ ފާޠިމަތު ނިޔުޝާ އަމީން ޢާންމުގެ ނައިބުގެ މަޤާމު އަދާކުރައްވާފައިވެއެވެ. މި މުއްދަތުގެ ތެރޭގައި އަމީން ޢާންމު ނެތް ޙާލަތްތަކުގައި އަމީން ޢާންމުގެ މަސްއޫލިއްޔަތު އަދާކުރައްވާފައިވެއެވެ.

އަލްއުސްތާޛާ ފާޠިމަތު ނިޔުޝާއަކީ 2006 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގައި ވަކާލާތުކުރުމުގެ ހުއްދައޮތް ޤާނޫނީ ވަކީލެކެވެ. އެގޮތުން އެކަމަނާއަކީ ޤާނޫނުތައް ޑްރާފްކުރުމާއި ތަރުޖަމާކުރުމުގައި ދިގު މުއްދަތަކަށް މަސައްކަތްކުރައްވާފައިވާ ޤާނޫނީ ތަޖުރިބާކާރެކެވެ. އަދި އެކަމަނާއަކީ ރައްޔިތުންގެ މަޖިލީހުގެ ތާރީޚުގައި ފުރަތަމަ އަންހެން އަމީން ޢާންމުއެވެ. އަލްއުސްތާޛާ ފާޠިމަތު ނިޔުޝާ މަތީ ތަޢުލީމު ހާސިލްކުރެއްވީ މެލޭޝިޔާއާއި އޮސްޓްރޭލިއާ އިންނެވެ. މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ބެޗެލަރ އޮފް ލޯސް ވިތް އޮނާސް ހާސިލްކުރެއްވީ 2006 ވަނަ އަހަރުގައެވެ. އެއަށްފަހު 2008 ވަނަ އަހަރު އޮސްޓްރޭލިއާގެ އޮސްޓްރޭލިއަން ނޭޝަނަލް ޔުނިވަރސީޓީން މާސްޓަރ އޮފް ލޯ ހާސިލްކުރެއްވިއެވެ.

ފާއިތުވި މުއްދަތުގެ ތެރޭގައި އަލްއުސްތާޛާ ފާޠިމަތު ނިޔުޝާ ވަނީ، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ގިނަ ބައްދަލުވުންތަކާއި ޖަލްސާތަކުގައި ރައްޔިތުންގެ މަޖިލީސް ތަމްސީލްކުރައްވާފައެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކުރިއަށްގެންދާ ޕާލިމަންޓަރީ އެޑިއުކޭޝަން ޕްރޮގްރާމް ހިންގެވުމުގައި އިސްދައުރެއް އަދާކުރައްވާފައިވެއެވެ. އަދި، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުންގެ ތެރެއިން އެންމެ ގިނަދުވަހު ރައްޔިތުންގެ މަޖިލީހަށް ޚިދުމަތްކުރެއްވުމުގައި ދެމިހުންނެވި ބޭފުޅުންގެ ތެރޭގައި އަލްއުސްތާޛާ ފާޠިމަތު ނިޔުޝާ ހިމެނިވަޑައިގަންނަވައެވެ.

© 2019 ރައްޔިތުންގެ މަޖިލީސްގެ އިދާރާA