ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

17 މާރިޗު 2020 15:05

ނަންބަރު

28

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2020 ވަނަ އަހަރުގެ 28 ވަނަ ބައްދަލުވުން

ޚުލާސާ

މިވަގުތު ގައުމަށް ދިމާވެފައިވާ ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް ނިންމަވާފައިވާ ތާރީޚަށް އެ އިންތިޚާބު ނުބޭއްވި، އިލެކްޝަންސް ކޮމިޝަނުން އެ އިންތިޚާބު ބާއްވާ ދުވަސް 18 އޭޕްރީލް 2020 އަށް ފަސްކޮށްފައި ވަނިކޮށް އެ ދުވަހުވެސް އިންތިޚާބު ބޭއްވެން ނެތުމުން އޭގެ ސަބަބުން ދެން އަމަލު ކުރަންވީ ގޮތެއް ޤާނޫނު އަސާސީގައި އަދި އިލެކްޝަންސް ކޮމިޝަންގެ ޤާނޫނުގައި އަދި ކަމާގުޅުންހުރި އެއްވެސް ޤާނޫނަކުން ފަރުވާއެއް ލިބެން ނެތުމުން މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދިއުމަށް ނިންމަވާފައިވާތީ، އެ ކޮމިޝަނަށް ޤާނޫނީ ގޮތުން ފަރުވާއެއްނެތް މިމައްސަލައަށް ހައްލެއް ހޯދައި ދިނުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާ ކުރުމަށްފަހު އެ ކޮމިޝަނާ ބައްދަލު ކުރުމަށް ނިންމެވިއެވެ. 17 މާރިޗު 2020 (އަންގާރަ) ދުވަހުގެ ރޭ 20:30 ގައި އިލެކްޝަންސް ކޮމިޝަނާ ބައްދަލު ކުރުމަށް ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ހުށަހަޅުއްވައި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަޙްމަދު ތާއިދު ކުރެއްވި މި ހުށަހެޅުން ފާސްވީ ކޮމިޓީގައި ހާޒިރުވެ ވަޑައިގެން ވޯޓުދިން މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މީގެ އިތުރުން ކޮމިޓީން މަޝްވަރާ ކުރެވުނީ މީޑިއާތަކުން ފަތަރަމުންދާ ހަބަރުތަކާ ގުޅިގެން އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދެމުންދާތީ އެކަމާ ގުޅޭގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާ ބައްދަލު ކުރެއްވުމަށެވެ. 18 މާރިޗު 2020 (ބުދަ) ދުވަހު މެންދުރު 12:00 ގައި އެކޮމިޝަނާ ބައްދަލުކުރުމަށް، ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ހުށަހަޅުއްވައި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަޙްމަދު ތާއިދު ކުރެއްވި މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި އެވަގުތު ހާޒިރުވެ ވަޑައިގެންތިއްބެވި މެންބަރުންގެ އިއްތިފާގުން ފާސްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA