ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

12 އޭޕްރީލު 2020 11:00

ނަންބަރު

22

އިޤްތިޞާދީ ކޮމިޓީގެ 2020 ވަނަ އަހަރުގެ 22 ވަނަ ބައްދަލުވުން

ޚުލާސާ

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ހިންގެވުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒްކުރުމަށް ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައިގައި ކޮމިޓީގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަލްފާޟިލާ ޒަހާ ވަޙީދުއާ ބައްދަލުކުރެއްވިއެވެ. އެގޮތުން؛  ބޮޑުކަންނެލި ގަނެ އެކްސްޕޯޓުކުރުމުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ކޭޝްފްލޯ ރަނގަޅުކޮށް މަސް ގަތުން ހުއްޓުމެއްނެތި ކުރިއަށްގެންދެވޭނެ މަގުފަހިކުރުމަށްޓަކައި 100 މިލިއަން ރުފިޔާގެ ލޯން ފެސިލިޓީއެއް ހަމަޖެއްސިފައިވާކަމަށާއި، އެ ފެސިލިޓީގެ ބޭނުންހިފުމަށް ފާއިތުވެދިޔަ 6 (ހައެއް) މަސްދުވަހުމަސް ގަތުމުގައި ޙަރަކާތްތެރިވެފައިވާ ކުންފުނިތަކަށް ފުރުޞަތު ހުޅުވާލުމުން އެކަމަށް ޝައުޤުވެރިކަން ފާޅުކޮށް ކުރިމަތިލި ކުންފުނިތަކުގެ ތެރެއިން 4 (ހަތަރެއް) ކުންފުންޏަކަށް (އެންސިސް، ބިގް ފިޝް، ސިޕްރިއާ އަދި އޯޝަން ފްރެޝް) ލޯނު ފެސިލިޓީ ހަމަޖެހިފައިވާކަމަށާއި، އެ ލޯނު ފެސިލިޓީގެ ބޭނުންހިފާ ފަރާތްތަކުން މަސްވެރިންގެ އަތުން މަސް ގަންނާނެ އެންމެ ދަށް އަގަކީ 25/- (ފަންސަވީސް ރުފިޔާ) ކަމުގައި ޝަރުތުކުރެވިފައިވާކަމަށާއި، އެ އަގުގައި މަސްވެރިން ބާނައިގެން ގެންނަ ހުރިހާ ބޮޑުކަންނެއްޏެއް ކުނިނުވެ ހުރިނަމަ ގަތުމަށް ލާޒިމުކުރެވިފައިވާކަމަށާއި ދޮށީގެ މަސްވެރިކަމަށް މާބޮޑު ބަދަލެއްގެނެސްފައިނުވާނެކަމަށް؛  މިނިސްޓްރީން ކަނޑައަޅާފައިވާ އެންމެ ދަށް އަގަށްވުރެ އަގު ދަށްކޮށް ބައެއް ކުންފުނިތަކުން މަސްގަންނަކަމުގެ ޝަކުވާ ލިބެމުންދާކަމަށާއި، އެގޮތަށް މަސްގަންނަނީ މަހުގެ ކޮލިޓީ ދަށްވެފައިވުމުންކަމަށް މަސްގަންނަ ކުންފުނިތަކުން މަޢުލޫމާތު ދެއްވާފައިވާކަމަށާއި، ނަމަވެސް މިނިސްޓްރީން ފައިސާ ދޫކުރާނީ މިނިސްޓްރީން ކަނޑައެޅި އެންމެ ދަށް އަގުގައި މަސް ގަންނަ ފަރާތްތަކަށްކަމަށް؛  ލޯނު ފެސިލިޓީއަކީ އިޤްތިޞާދީގޮތުން ކަންނެލީގެ ވިޔަފާރީގައި ޙަރަކާތްތެރިވާ ބޮޑެތި ކުންފުނިތަކަށް ފައިދާއެއް ހޯދައިދިނުމުގެ ބަދަލުގައި ދާއިމީގޮތެއްގައި ކަންނެލީގެ މަސައްކަތުގައި ޙަރަކާތްތެރިވާ އާއިލާތަކުގެ އާމްދަނީ ކޮންމެވެސް އެއްގޮތެއްގައި ހިފެހެއްޓިފައިވުމާއެކު، މުޖުތަމަޢުއަށް ފައިދާވާނެގޮތަށް މަސައްކަތްކުރުމަށް ހުޅުވާލެވުނު ފެސިލިޓީއެއްކަމަށް؛  ދަނޑުވެރިކަންކުރުމުގައި ވީހާވެސް ގިނަ ފަރާތްތަކުން ޙަރަކާތްތެރިވެ، އެ ޞިނާޢަތަށް މީހުން ވެއްދުމުގެ ވިސްނުމުގައި މީހުން ދިރިއުޅޭ ރަށްރަށުގެ ހުސްބިންތައް އެއްވެސް ކުއްޔަކާ ނުލާ 3 (ތިނެއް) އަހަރަށް ރައްޔިތުންނަށް ދޫކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއާ ގުޅިގެން މަސައްކަތްކުރަމުންގެންދާކަމަށް؛  ބައެއް ކައުންސިލްތަކުގެ އިޙްތިޞާޞްގެ ތެރެއަށް ވަދެފައިވާ ފަޅު ރަށްރަށް އެ ކައުންސިލްތަކާ ޙަވާލުކުރުމުގެ މަސައްކަތްކުރިއަށްދާކަމަށާއި، އިތުރަށް ބޭނުންވާ ދަނޑުބިންތައް ހޯދުމަށްޓަކައި ފަޅުރަށްރަށުގެ ބިންތައް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށްގެންދާކަމަށް؛  މިވަގުތު އިސްކަންދެނީ ފަލަމަޑި، ތަރުކާރީ އަދި މޭވާގެ 17 (ސަތާރަ) ބާވަތެއްގެ އުފެއްދުމުގެ މަސައްކަތަށްކަމަށާއި، މިހާރު ފުޅާ ދާއިރާއެއްގައި 48 (ސާޅީސްއަށެއް) ރަށުގައި ދަނޑުވެރިކަންކުރާކަމަށާއި، 87 (އައްޑިހަހަތެއް) ރަށުގައި ޕާޝިއަލީ ދަނޑުވެރިކަންކުރާކަމާއި، މިހާރުވެސް އެސް.ޑީ.އެފް.ސީއިން 12 މިލިއަން ރުފިޔާގެ ލޯން ފެސިލިޓީއެއް ހަމަޖެހިފައިވާނެކަމަށާއި މިހާތަނަށް އެ ޢަދަދުގެ ތެރެއިން 4 މިލިއަން ރުފިޔާ ޚަރަދުކުރެވިފައިވާކަމަށް، އަދި އެ ޕްރޮގްރާމަށް އިތުރު 10 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ނިންމާފައިވާކަމަށް؛  ދިގު މުއްދަތަކަށް ހުޅުވާލާ ރަށްރަށުގެ އުސޫލުތައް އަދި މުޅިން ނުނިމޭކަމަށާއި ކައުންސިލްތަކުގެ އިޙްތިޞާޞްގެ ތެރެއަށް ވަންނަ 140 (ސަތޭކަސާޅިސް) ރަށެއް ކައުންސިލްތަކާ ޙަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް؛  މޭ 1 2020 އިން ފެށިގެން އެސް.ޓީ.އޯއިން ދަނޑުވެރިން ހައްދާ ތަކެތި ގަތުމަށް ހަމަޖެހިފައިވާކަމަށާއި، ރީޖަނަލް ސެންޓަރުތަކެއް ހަދައިގެން އިތުރު ސަރަޙައްދުތަކުން ތަކެތި ގަތުމުގެ އިންތިޒާމު ހަމަޖެއްސުމާ ގުޅޭގޮތުން އެސް.ޓީ.އޯއާ މަޝްވަރާކުރައްވާނެކަމަށާއި، ކޮންޓްރެކްޓިންގ ފަރމިންގ ކުރިއަށްގެންދަން ނިންމާފައިވާކަމަށާއި، އެ މަސައްކަތްކުރަމުންގެންދަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާ ގުޅިގެންކަމަށާއި، އެކަމުގެ ތަފްޞީލްތައް ވަރަށް އަވަހަށް ހާމަކުރާނެކަމަށް؛  އިމްޕޯޓުކުރާ ބާވައްތައް ދިވެހިރާއްޖޭގައި އުފެއްދޭނެ މިންވަރަށް ވާޞިލްވުމަށްޓަކައި ގޯތިގެދޮރުން 5% (ފަހެއް އިންސައްތަ)، މީހުން ދިރިއުޅޭ ރަށްރަށުން 25% (ފަންސަވީސް އިންސައްތަ) އަދި ދިގު މުއްދަތަށް ދޫކޮށްފައިވާ ފަޅު ރަށްރަށުން 75% ހަތްދިހަފަހެއް) އިންސައްތައަށް އުފެއްދުންތެރިކަން ނެރުމަށް މަސައްކަތްކުރަމުންދާކަމަށާއި އުފެއްދުންތެރިކަން ނެރެވޭނެކަން ޔަޤީންކުރުމުގައި މޮނިޓަރކުރުމުގެ ބޮޑު ދައުރެއް އޮންނަންޖެހޭކަމަށް؛  ކީކިމިނީގެ އެގްރީމެންޓް ނިމުމަކަށް ގެނެއުމަށް މިހާރު ފޮނުވިފައިވާކަމަށާއި ސަރުކާރު ހުޅުވުމުން އެކަމަށް ޖަވާބެއް ލިބޭނެކަމަށް އުއްމީދުކުރެވޭކަމަށް؛  ކަނޑުއޮށްގިރީގެ ބަނދަރު ހަލާކުވުމުގެ ސަބަބުން މަސްވެރި އުޅަނދުފަހަރަށް ވަދެ ނުކުމެ އުޅުމަށް ދަތިތަކާ ކުރިމަތިވާކަމަށާއި، ކަޅު ބިލަމަހުގައި ފައިސާ ނުދެވިވާ ފަރާތްތައް މިހާރުވެސް އެބަހުރިކަމަށާއި، ފާނަ މަސްވެރިކަމާއި ފަރުމަހުގެ މަސްވެރިކަންކުރާ ފަރާތްތަކުގެ ރަޖިސްޓްރީއެއް މިނިސްޓްރީގައި ނެތްކަމަށާއި، އެ ފަރާތްތަކަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކުރިއަށްގެންދާ ޕެކޭޖަށް ކުރިމަތިލެވޭނެކަމަށް؛  ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްރަށުގައި މަސައްކަތްކުރަމުންދަނީ އެކި މިންވަރުގައިކަމަށާއި، އެގޮތުން ބައެއް ރަށްރަށުގައި ވަރަށް ކުޑަ މިންވަރަކަށް ދަނޑުވެރިކަން ކުރަމުންދާކަމަށާއި، އަނެއްބައި ރަށްރަށުގައި މެދު މިންވަރެއްގައި ދަނޑުވެރިކަންކުރާކަމަށް، އަދި ބައެއް ރަށްރަށުގައި ވަރަށް ބޮޑެތި ފައިސާގެ އިންވެސްޓްމަންޓްތަކެއް ކޮށްފައިވާކަމަށާއި، ނަމަވެސް މިހާރުގެ ވިސްނުމަކީ 3 (ތިނެއް) އަހަރަށް ހިލޭ ރަށްރަށް ދީގެން އުފެއްދުން އިތުރުކުރުންކަމަށް؛  މަސް ސްޓޯރޭޖް ފެސިލިޓީ އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، 2 (ދޭއް) އަހަރުގެ މުއްދަތެއްގެ ތެރޭގައި ބޭނުންވާ މިންވަރަށް ސްޓޯރޭޖް ފެސިލިޓީ ޤާއިމްކުރެވޭނެކަމަށާއި، ޕްރޮޖެކްޓް ޕްރޮޕޯސަލްތައް އެކުލަވާލެވި ހުށަހެޅިފައިވާކަމަށާއި، އެގޮތުން މިހާރު 2 (ދޭއް) ޕްރޮޖެކްޓެއްގެ މަސައްކަތްކުރަމުންދާކަމާއި، އެއީ އެލް.އޯ.ސީއެއްގެ ދަށުން އިންޑިއާ އެގްޒިމް ބޭންކާއެކުއާއި ސައުދީ ފަންޑުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކެއްކަމަށް؛  އޮޑިދޯނިފަހަރު ބަނުމަށް ބޭނުންވާ ސާމާނާއި އެމް.ޓީ.ސީ.ސީފަދަ ކުންފުނިތަކުން ގެންނަ އިންޖީނު ސާމާނުގެ ޑިއުޓީ މާފުކުރުމާ ގުޅޭގޮތުން ޤާނޫނަށް ގެންނަންޖެހޭ ޓެކްސް ބަދަލުތައް މިނިސްޓްރީން އެކުލަވާލައި ނިންމައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާކަމަށާއި، އެ މަސައްކަތް މިހާރުގޮސްފައިވާ ހިސާބު އޮޅުންފިލުވުމަށްފަހު އަންގާނެކަމަށް؛  ދަނޑުވެރިކަމަށް ދޫކުރާ ބިންތައް މޮނިޓަރކޮށް، އެ ބިންތަކުން އުފެއްދުންތެރިކަން ނެރުމަށާއި، ދަނޑުވެރިކަން ކުރަމުންދަނީ ގުޑް އެގްރިކަލްޗަރ ޕްރެކްޓިކްސްއާ އެއްގޮތަށްތޯ ކަށަވަރުކުރުމުގައާއި، ތަފާސް ހިސާބުތައް ބެލެހެއްޓުމަށާއި، މިނިސްޓްރީން އެކުލަވާލާ އުސޫލުތަކާ އެއްގޮތަށް ދަނޑުވެރިކަން ކުރަމުންދޭތޯ ކަށަވަރުކުރުމުގައި ކައުންސިލްތަކުގެ ޒިންމާ ވަރަށް ބޮޑުކަމަށް.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA