ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

14 އޭޕްރީލު 2020 14:30

ނަންބަރު

24

އިޤްތިޞާދީ ކޮމިޓީގެ 2020 ވަނަ އަހަރުގެ 24 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ ކޮވިޑް19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާ ގުޅޭގޮތުން ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރުމުގެ މަސައްކަތެވެ. އެގޮތުން، މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް އަރަމުންދާ ލޮޅުންތަކާއި ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދަށް މި ވަގުތު ކުރަމުންދާ ނޭދެވޭ އަސަރުތަކާއި، މުސްތަޤްބަލުގައި އިޤްތިޞާދަށް ލިބިދާނެކަމަށް ލަފާކުރެވޭ ގެއްލުންތައް ދެނެގަތުމަށާއި، ދިވެހިރާއްޖޭގެ އިޤްތިޞާދު ސަލާމަތްކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މިނިސްޓަރ އޮފް ފިނޭންސް އަދި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއާ ބައްދަލުކުރައްވައި މައުލޫމާތު ސާފުކުރެއްވިއެވެ. ކުރު މުއްދަތުގެ އިޤްތިޞާދީ ފިޔަވަޅުތައް: 1. ވިޔަފާރިތަކަށާއި އަމިއްލަ ފަރާތްތަކަށް މިހާލަތުގައި ދިމާވެދާނެ މާލީ އަދި އިޤްތިޞާދީ ގޮންޖެހުންތައް ކުޑަކޮށްދިނުމަށް ސަރުކާރުން އިކޮނޮމިކް ރިލީފް ޕެކޭޖެއް ތަޢާރުފުކޮށްފައިވާކަމަށް. އޭގެ ތެރޭގައި ވަރކިން ކެޕިޓަލް، ލޯން، އަމިއްލަ މަސައްކަތްކުރާ ފަރުދުންނަށް ލޯނު ދޫކުރުން ހިމެނޭކަމަށް. (3 (ތިނެއް) އަހަރުން އަނބުރާ ދައްކާގޮތަށް 6% (ހައެއް އިންސައްތަ) އިންޓަރެސްޓް ރޭޓުގައި 6 (ހައެއް) މަހުގެ ގްރޭސް ޕީރިއަޑާއެކު ދެވޭ ލޯނެއް.) 10 މިލިއަނަށްވުރެ އިތުރުވާނަމަ އެ ލޯނު ދޫކުރެވޭނީ ބޭންކް އޮފް މޯލްޑިވްސްއިންކަމަށާއި، 10 މިލިއަނަށްވުރެ ދަށްވާނަމަ އެސް.ޑީ.އެފް.ސީއިންކަމަށް؛ 2. 2020 ވަނަ އަހަރުގެ އެޕްރީލް އަދި މޭ މަހުގެ ކަރަންޓް ބިލުގެ 40% (ސާޅިސް އިންސައްތަ) ސަރުކާރުން ސަބްސިޑައިޒް ކޮށްދިނުން؛ 3. 2020 ވަނަ އަހަރުގެ އޭޕްރިލް އަދި މެއި މަހުގެ ފެން ބިލުގެ 30% (ތިރީސް އިންސައްތަ) ސަރުކާރުން ސަބްސިޑައިޒް ކޮށްދިނުން؛ 4. ބޭންކް އޮފް މޯލްޑިވްސް އަދި ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ނަގާފައިހުރި ދަރަނީގެ ޕްރިންސިޕަލް އަދި އިންޓަރެސްޓް ޕޭމަންޓްތައް 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް ލަސްކޮށްދިނުން؛ 5. އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން އިން މިހާތަނަށް ދޫކޮށްފައިވާހުރި ލޯނުތަކުގެ ދަރަނީގެ ޕްރިންސިޕަލް އަދި އިންޓަރެސްޓް ޕޭމަންޓްތައް މާރިޗު 2020 އިން ފެށިގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް ލަސްކޮށްދިނުމުގެ އިތުރުން، އެ މުއްދަތުގެ ތެރޭގައި ހުރިހާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓު 4% (ހަތަރެއް އިންސައްތަ) އަށް ކުޑަކޮށްދިނުން؛ 6. ނޭޝަނަލް ސްޓޫޑަންޓް ލޯނު ސްކީމްގެ ދަށުން ދޫކޮށްފައިވާ ލޯނުތައް އަނބުރާ ދެއްކުން މާރިޗު 2020 އިން ފެށިގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް ލަސްކޮށްދިނުން؛ 7. ކޮވިޑް-19އާ ގުޅިގެން ވަޒީފާ ގެއްލޭ ފަރާތްތަކަށް 3 (ތިނެއް) މަސްދުވަހުގެ މުއްދަތަށް ސަރުކާރުން އެލަވަންސް ދިނުން؛

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA