ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

19 އޯގަސްޓު 2019 11:00

ނަންބަރު

29

މާލިއްޔަތު ކޮމިޓީގެ 29 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، އުމުރުން 65 އަހަރަށްވުރެ މަތިވެފައިވާ ފަރާތްތަކުގެ ތެރެއިން ފަރުޟު ޙައްޖުވެފައި ނުވާ ފަރާތްތަކަށް ޙައްޖުވެވޭނެ ގޮތް ހައްދަވާދެއްވުން އެދި 17 ޖުލައި 2019 ގައި ޙުސައިން އާދަމް/ ހުޅުމާލެފްލެޓް 63.01.04 ފޮނުއްވާފައިވާ ސިޓީއާ ގުޅޭ ގޮތުން ކޮމިޓީގައި މަޝްވާރާ ކުރެއްވުމަށްފަހު ނިންމެވީ މި މައްސަލައަކީ ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމަކަށްވާތީ، އެ މައްސަލައާ ގުޅޭ ގޮތުން ސަރުކާރުގެ ކަމާގުޅޭ އިދާރާއަށް މައްސަލަ ހުށަހަޅުއްވައިގެން ކުރިއަށް ގެންދެވުމަށް ސިޓީ ފޮނުއްވާފައިވާ ފަރާތަށް ދެންނެވުމަށެވެ. އެއަށްފަހު، އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދެއްވާ އެހީގެ ދަށުން، ރިޒާރވް ބެންކް އޮފް އިންޑިއާ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އާ ދެމެދު 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕްއަށް ރިޒާރވް ބޭންކް އޮފް އިންޑިއާއަށް ސެކުއިރިޓީއެއްގެ ގޮތުގައި ދިވެހިސަރުކާރުގެ ފަރާތުން ދެއްވާފައިވާ ގެރެންޓީ ގުޅޭ ލިޔުންތައް، 25 ޖުލައި 2019 ގައި މިނިސްޓްރީ އޮފް ފިނޭންސްއިން މަޖިލީހުގެ މަޢުލޫމާތަށްޓަކައި ފޮނުއްވާފައި ސިޓީ ބެއްލެވިއެވެ. އަދި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) ގެ ސައުތު އޭޝިއާ ސަބްރީޖަނަލް އިކޮނޮމިކް ކޯޕަރޭޝަން (ސަސެކް) ގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ނޭޝަނަލް ސިންގަލް ވިންޑޯ (އެން.އެސް.ޑަބްލިއު) ޕްރޮޖެކްޓް" އަށް އޭ.ޑީ.ބީގެ ސްޕެޝަލް އޮޕަރޭޝަންސްގެ ދަށުން ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ $5,000,000 (ފަސް މިލިއަން އެމެރިކާ ޑޮލަރު) އަދި އޯޑިނަރީ އޮޕަރޭޝަންސް (ކޮންސެޝަނަލް) ގެ ދަށުން ލޯނުގެ ގޮތުގައި ލިބިފައިވާ $5,000,000 (ފަސް މިލިއަން އެމެރިކާ ޑޮލަރު) ގެ ލޯން އަދި ހިލޭ އެހީގެ އެއްބަސްވުމާއި ގުޅޭ ލިޔުންތައް، 16 ޖުލައި 2019 ގައި މިނިސްޓްރީ އޮފް ފިނޭންސްއިން ފޮނުއްވާފައިވާ ސިޓީ ބެއްލެވިއެވެ. އެއަށްފަހު، އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާގެ އައު ޢިމާރާތެއް އެޅުމަށްޓަކައި، 2020 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށްޓަކައި އެހީތެރިކަމަށްއެދި އެ ކައުންސިލުން ފޮނުއްވާފައިވާ ސިޓީއާ ގުޅޭ ގޮތުން ކޮމިޓީގައި މަޝްވަރާ ކުރެއްވުމަށްފަހު ނިންމެވި މި މައްސަލަ ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދެވުމަށް ކައުންސިލްގައި ދެންނެވުމަށެވެ. އެއަށްފަހު މޯލްޑިވްސް ޓްރޭޑް ޔޫނިއަންއިން މާލިއްޔަތު ކޮމިޓީއާއި ބައްދަލުކޮށްލަން ބޭނުންފުޅުވާކަން އަންގަވައި، ފޮނުއްވާފައިވާ ސިޓީއާ ގުޅޭ ގޮތުން ކޮމިޓީގައި މަޝްވަރާ ކުރެއްވުމަށްފަހު ނިންމެވީ އެ ބޭފުޅުންނާ ރިސެސްގެ ފަހުން ބައްދަލުކުރެއްވުމަށެވެ. މި ހުށަހެޅުން ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، އަދި މި ހުށަހެޅުމަށް ތާއީދު ކުރެއްވީ ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް. އެއަށްފަހު އެހެނިހެން ކަންކަމުގެ ދަށުން ޕެންޝަން ދެވޭ އުސޫލާ ގުޅޭ މައްސަލައެއް ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ހުށަހެޅުއްވި އެވެ. މި ހުށަހެޅުމަށް މަޝްވަރާ ކުރެއްވުމަށްފަހު ކޮމިޓީން ނިންމެވީ އަސާސީ ޕެންޝަން އަދި ރިޓަރމަންޓް ޕެންޝަން ދިނުމުގައި ގެންގުޅޭ އުޞޫލްތަކުގެ ތަފްޞީލް ޕެންޝަން އޮފީހުން މި މައުލޫމާތު ސާފުކުރެއްވުމަށްފަހު މި މައްސަލަ އިތުރަށް ކުރިއަށް ގެންދެވުމަށެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA