ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

8 އޮކްޓޯބަރު 2019 11:00

ނަންބަރު

43

މާލިއްޔަތު ކޮމިޓީގެ 43 ވަނަ ބައްދަލުވުން

ޚުލާސާ

1. މިއަދުގެ ބައްދަލުވުމުގައި ކޮމިޓީ އެލަވަންސް ދިނުމަށް ކޮމިޓީން ކަނޑައަޅުއްވާފައިވާ އުޞޫލު މުރާޖަޢާކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. އެގޮތުން އުޞޫލުގެ 03 ވަނަ ނުކުތާ ތިރީގައި ބަޔާންކޮށްފައިވާގޮތަށް މުރާޖަޢާކުރެއްވުމަށް ނިންމެވިއެވެ. • މެންބަރުން ރަސްމީ ދަތުރުފުޅުގައާއި ރިސެސްގައި އުޅުއްވާއިރު އަދި މަޤްބޫލު އުޒުރެއް ދިމާވެގެން މެޑިކަލް ސެޓްފިކެޓް ހުށަހަޅުއްވައިފިނަމަ ބެލެވޭނީ ކޮމިޓީއަށް ޙާޟިރުވިކަމަށާއި އެހެންނަމަވެސް، މެންބަރުން ދައުރުތެރޭގައި ނަންގަވާ ޗުއްޓީގައާއި ސަލާމްގައި ތިއްބަވާއިރު ކޮމިޓީއަށް ޙާޟިރުވިކަމަށް ނުބެލެވޭނެކަމަށް. 2. އެއަށްފަހު، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ މަސްޢޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރެވެމުންދާ ގޮތާއި، މިވަގުތު ކުރެވެމުންދާ މައިގަނޑު މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ޙިއްޞާކޮށްލުމަށް ބޭނުންފުޅުވާތީ، މާލިއްޔަތު ކޮމިޓީގެ މެންބަރުންނާއެކު މަޢުލޫމާތު ޙިއްޞާކުރުމުގެ ސެޝަންއެއް ބޭއްވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް އެދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ފޮނުއްވާފައިވާ ނަންބަރު 98-FIU/57/2019/23 (01 ސެޕްޓެންބަރު 2019) ސިޓީއާމެދު މަޝްވަރާކުރެއްވުމަށްފަހު ބައްދަލުވުން 16 އޮކްޓޫބަރު 2019 ވަނަ ދުވަހަށް ތާވަލުކުރުމަށް ނިންމެވިއެވެ. 3. 22 ޖުލައި 2019 ވަނަ ދުވަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ކުރީގެ ގަވަރުނަރު އަލްފާޟިލް އަޙްމަދު ނަޞީރު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެން އެ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ޑޭޓާ ބޭސްގައި ބޮޓްއެއް އިންކަމަށް ވިދާޅުވެފައިވާތީ، އެކަމާއި ގުޅިގެން އޮތޯރިޓީގެ އިންފޮރމޭޝަން ޓެކްނޮލިޖީ ސެކްޝަންއިން ބޮޓްގެ މައްސަލަ ބެލުމަށްފަހު، ފެނިފައިވާ ކަންތައްތައް އެކުލެވޭ ލިޔުމެއް މާލިއްޔަތު ކޮމިޓީގެ މަޢުލޫމާތަށްޓަކައި ފޮނުއްވާފައިވާ ނަންބަރު 98-BGS/57/2019/17 (22 އޮގަސްޓް 2019) ސިޓީއާމެދު މަޝްވަރާކުރެއްވުމަށްފަހު ނިންމެވީ މައްސަލަ ޙައްލުކުރެއްވުމަށް އެ އޮތޯރިޓީން މިހާތަނަށް އަޅުއްވާފައިވާ ފިޔަވަޅުތަކާއި، މި މައްސަލަ ތަކުރާރުނުވާނެގޮތަށް އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުތަކުގެ ތަފްޞީލް ފޮނުއްވައިދެއްވުމަށް ދެންނެވުމަށެވެ. މީގެ އިތުރުން، މި މައްސަލައިގައި އިބްރާހީމް ޝަކީލް 23 ޖުލައި 2019 ގައި ފޮނުއްވާފައިވާ ސިޓީގައި ހިމަނުއްވާފައިވާ ކަންކަމާ ގުޅޭގޮތުން އެމް.އެމް.އޭ އިން މަޢުލޫމާތު ޙިއްޞާކޮށްފައިވާތީ އަދި މައްސަލަ ޙައްލުކުރެއްވުމަށް އޮތޯރިޓީން މިހާތަނަށް އަޅުއްވާފައިވާ ފިޔަވަޅުތަކާއި، މައްސަލަ ތަކުރާރުނުވާނެގޮތަށް އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުތަކުގެ ތަފްޞީލް ހޯއްދެވުމަށް ނިންމަވާފައިވާތީ، އިތުރަށް މި ސިޓީއާ ގުޅިގެން ނިންމަންޖެހޭ ކަމެއް ނެތްކަމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA