ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަންގެ އޭޝިއާ ރީޖަންގެ ރިޔާސަތު ބެލެހެއްޓުން ރާއްޖެއަށް

10 އޮކްޓޯބަރު 2025 23:04

ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަން (ސީޕީއޭ)ގެ އޭޝިއާ ރީޖަންގެ ރިޔާސަތު ކުރިއަށް އޮތް 3 އަހަރުގެ ދައުރަށް ބަލަހައްޓާ ޤައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެއެވެ.


މި މަޤާމަށް ރާއްޖެ ހޮވާފައިވަނީ ބާބަޑޯސްގައި މިއަދު ބޭއްވުނު ސީޕީއޭ އޭޝިއާ ރީޖަންގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައެވެ. ދިވެހިރާއްޖޭގެ ފަރާތުން މި މަޤާމު އަދާކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އޮނަރަބަލް އަޙްމަދު ނާޡިމްއެވެ. އެމަނިކުފާނުގެ ދައުރު ނިމޭނީ 71 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ ކޮންފަރެންސް (ސީޕީސީ) ގައެވެ.


ދިވެހިރާއްޖެއަށް މި ފަޚުރުވެރި މަޤާމު ލިބުމަކީ، ކޮމަންވެލްތުގެ ޕާލިމެންޓަރީ މުޖުތަމަޢުގައި ރާއްޖެ އަދާކުރަމުންދާ ހަރުދަނާ ދައުރާއި، އޭޝިއާ ސަރަޙައްދުގައި ސީޕީއޭގެ މަޤްޞަދުތައް ކުރިއެރުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގެ ހަރުދަނާކަމުގެ އަލިގަދަ ހެއްކެކެވެ.


މި މަޤާމު ރާއްޖެއަށް ލިބިފައިވަނީ ސްރީލަންކާގެ ދައުރު ނިމުމާ ގުޅިގެންނެވެ. ސީޕީއޭގެ ހިންގާ ގަވާއިދުގެ ދަށުން މި ދައުރަށް ހަމަޖެހިފައި އޮތީ ބަންގްލަދޭޝްއެވެ. ނަމަވެސް، މިވަގުތު އެ ޤައުމުގައި އިންތިޚާބުކޮށްފައިވާ ޕާލިމެންޓެއް ނެތުމާއި، އެ މަޤާމު އަދާކުރުމަށް ބަންގްލަދޭޝްއަށް ހުރަސްތައް ކުރިމަތިވުމާ ގުޅިގެން، ދިވެހިރާއްޖެ އެ ދައުރަށް އިންތިޚާބުކުރީއެވެ. 



ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަން

ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަނަކީ ކޮމަންވެލްތުގެ އެންމެ ހީވާގި، ހިންގުންތެރި އަދި ގިނަ ދުވަސްވީ ޖަމްޢިއްޔާތަކުގެ ތެރެއިން ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާގައި 180 އަށްވުރެ ގިނަ ޕާލިމެންޓުތަކާއި ސަރަޙައްދީ ޤާނޫނު ހަދާ މަޖިލިސްތައް ހިމެނެއެވެ. ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަންގެ އޭޝިއާ ސަރަހައްދުގެ ދާއިމީ މަރުކަޒު ހުންނަނީ އިސްލާމްއާބާދުގައެވެ.



ލިޔުން ޝެއަރ ކުރުމަށް

© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA