ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

17 ޑިސެމްބަރު 2025 13:45

ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް، އޮނަރަބަލް ސަރްދާރް އަޔާޒް ޞޯދިޤް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

 

މި ބައްދަލުވުމުގައި މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދުގައިވާ ޒަމާންވީ އެކުވެރިގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާއިބެހޭ ގޮތުން ވާހަކަފުޅުދައްކަވާފައެވެ. އަދި، ރާއްޖޭގެ ތަޢުލީމާއި ސިއްޙީ ދާއިރާއަށް ޕާކިސްތާނުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވިއެވެ.

 

އަދި، ރައްޔިތުންގެ މަޖިލީހަށް ޕާކިސްތާނުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި، މަޖިލީހުގެ އިމާރާތަކީ ދެ ޤައުމުގެ ވަރުގަދަ ގުޅުމުގެ ރަމްޒެއްގެ ގޮތުގައި މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ.

 

މި ބައްދަލުވުމަށްފަހު، ރައްޔިތުންގެ މަޖިލީހާއި ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހާ ދެމެދު އެއްބާރުލުން ދިނުމާ ބެހޭ އެމް.އޯ.ޔޫ އެއްގައި ސޮއިކުރެވުނެވެ. މި އެމް.އޯ.ޔޫގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ފެށުމާއެކު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަން މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

 


ލިޔުން ޝެއަރ ކުރުމަށް
ގުޅުންހުރި ފޮޓޯތައް

© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA