ޚަބަރާއި އިވެންޓްސް

ވޯރލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއާ ބައްދަލުކުރައްވައިފި

7 ނޮވެމްބަރު 2019 13:30

ރާއްޖެ ވަޑައިގެން އުޅުއްވާ ވޯރލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ވަފުދުގެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއާ ބައްދަލުކުރައްވައިފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި އޮތް މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ، ވޯރލްޑް ބޭންކުގެ ވަފުދުގެ ބޭފުޅުންނަށް މަރުޚަބާ ވިދާޅުވެ ރާއްޖޭގެ އިޤްތިސާދީ ލަނޑުދަނޑިތަކާއި އަމާޒުތަކާގުޅޭ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. މީގެ އިތުރުން ރާއްޖޭގެ އިޤްތިސާދީ ދުވެލި ހަރުދަނާކޮށް ދެމެހެއްޓުމަށް ރާއްޖެއިން ކުރަމުން ގެންދަވާ މަސައްކަތުގެ ތަފްސީލު ދެއްވިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވޯރލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ވަފުދުގެ ބޭފުޅުން ވަނީ މިހާރު ރާއްޖޭގައި އެ ބޭންކުން ކުރިއަށްގެންދަވާ މަޝްރޫޢުތަކާއި ކުރިއަށް ރާވާފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. މީގެ އިތުރުން، ވޯރލްޑް ބޭންކުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތަކާއި އަދި ކުރިއަށް އޮތްތަނުގައި އެހީ ދެވިދާނެ ދާއިރާތަކާއިގުޅޭ ގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އޮނަރަބަލް އީވާ ޢަބްދުﷲ އާއި އަމީންޢާއްމު އަލްއުސްތާޛާ ފާތިމަތު ނިއުޝާއާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ގުޅުންހުރި ފޮޓޯތައް

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA