ދިވެހިރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު ވޯލްޑް ކަޕް ކޮލިފިކޭޝަނާއި އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ކުޅޭ މެޗު ބައްލަވާލެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި މެންބަރުންނަށް ދަޢުވަތު އަރުވައިފި

13 ނޮވެމްބަރު 2019 14:00

ދިވެހިރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު މާދަމާ ކުޅޭ ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗާއި މިމަހުގެ 19 ވަނަ ދުވަހު ކުޅޭ އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަން މެޗު ބައްލަވާލެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށާއި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށް ދަޢުވަތު އަރުވައިފިއެވެ. މިއަދު ރައްޔިތުންގެ މަޖިލީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި، ދަޢުވަތު އެރުވީ ޤައުމީ ޓީމް ކޮމިޓީގެ ފަރާތުން، މިނިސްޓަރ އޮފް ޓޫރިޒަމް އަލްފާޟިލް ޢަލީ ވަޙީދުއެވެ. ޤައުމީ ޓީމް ކޮމީޓީގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި، ޤައުމީ ޓީމުގެ ޖޯޒީއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޓިކެޓުތައް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހަވާލުކުރެއްވެވިއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓޫރިޒަމް އަލްފާޟިލް ޢަލީ ވަޙީދުވަނީ، ދިވެހިރާއްޖޭގެ ޤައުމީ ޓީމަށް ހިތްވަރު ދެއްވުމާއި، ޓީމުގެ މެޗުތައް ބެއްލެވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަކީ މިސާލުދައްކަވާ ބޭފުޅެއްކަން ފާހަގަކުރައްވާ، ޤައުމީ ޓީމު ކުޅޭ ދެ މެޗަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދަޢުވަތު އަރުވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ޤައުމީ ޓީމަށް ހިތްވަރު ދެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އުފަލެއްކަން ފާހަގަކުރައްވައި، ޤައުމީ ޓީމު ކުޅޭ ދެ މެޗު ބައްލަވާލެއްވުމަށް، އެމަނިކުފާނާއި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން ދަނޑަށް ވަޑައިގަންނަވާނެކަމަށް ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޓީމު ކުޅޭ ދެ މެޗުގެ މުހިންމުކަން ފާހަގަކުރައްވައި، ޤައުމީ ޓީމަށް ވަރަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގެންނެވިއެވެ. ފީފާ ވޯލްޑް ކަޕް 2022ގެ ކޮލިފިކޭޝަން މެޗުގައި ރާއްޖެއާއި ފިލިޕީންސް ކުޅޭ މެޗު އޮންނާނީ މާދަމާ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައެވެ. އަދި އޭއެފްސީ އޭޝިއަން ކަޕް 2023ގެ ކޮލިފިކޭޝަން މެޗުގައި ރާއްޖެއާއި ގުއާމް ކުޅޭ މެޗު އޮންނާނީ 19 ނޮވެންބަރު 2019 ގައެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ: އަލްފާޟިލް ޙަސަން ޒިޔާޢު ޑިރެކްޓަރ، މީޑިއާ | ރައްޔިތުންގެ މަޖިލީހުގެ އިދާރާ، މެދުޒިޔާރަތްމަގު، މާލެ، ދިވެހިރާއްޖެ | ފޯން: 3312107 އީމެއިލް: [email protected]
ލިޔުން ޝެއަރ ކުރުމަށް
ގުޅުންހުރި ފޮޓޯތައް

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA