ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ޑޮކްޓަރ އެމް.ޑީ. ނަޒްމުލް އިސްލާމް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއްކުރައްވައިފިއެވެ.
މިއަދު ރައްޔިތުންގެ މަޖިލިސް ކުރާގޭގައި އޮތް މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖީލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ބަންގްލަދޭޝްއަކީ ޒަމާނުއްސުރެ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް އޮންނަ ޤައުމެއްކަން ފާހަނގަކުރެއްވިއެވެ. އަދި، ރައްޔިތުންގެ މަޖިލީހާއި ބަންގްލަދޭޝްގެ ޤާނޫނު ހަދާ މަޖިލީހާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.
މިބައްދަލުކުރެއްވުމުގައި، ބަންގްލަދޭޝް ސަފީރު ހިޒް އެކްސެލެންސީ ޑޮކްޓަރ އެމް.ޑީ. ނަޒްމުލް އިސްލާމް، ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮންނަ ރަޙްމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.