ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލެންސީ ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއްކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް އިސްލާމީ ޢުޙުއްވަތްތެރިކަމާއި، އެއްގޮތް އުޞޫލުތަކާއި، ބަދަހި އެކުވެރިކަމުގެ މައްޗަށް ބިނާވެފައިވާ ޒަމާންވީ ގުޅުމުގެ މައްޗަށް މަޖިލީހުގެ ރައީސް އަލިއަޅުއްވާލެއްވިއެވެ. މީގެއިތުރުން، މި އަހަރުގެ ތެރޭގައި ދެ ޤައުމުގެ މެދުގައި ކުރެވުނު ޒިޔާރަތްތަކަކީ، ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ އެކުވެރިކަން ވަރުގަދަކޮށް، ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބުނު ފުރުޞަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، މިފަދަ ދަތުރުފުޅުތަކުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އެއްބާރުލުން އިތުރުވެގެން ދިޔަކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސަޢޫދީ ޢަރަބިއްޔާގެ ސަފީރުގެ ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ޚާރިޖީ، ބަރުލަމާނީ އަދި ސަޤާފީ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ސަރަޙައްދީ ސަލާމަތީ މަޝްރަހާ ގުޅޭގޮތުންނާއި، ސަޢޫދީ ޢަރަބިއްޔާއަށް އަމާޒުކޮށް ހޫޘީން ދެމުންދާ ހަމަލާތަކާއި އޭގެ ސަބަބުން ޔަމަނަށް ކުރިމަތިވެފައިވާ އިންސާނީ ގޮންޖެހުންތަކާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ. އަދި، ސަރަޙައްދީ ސުލްޙަޔާއި ހަމަޖެހުން ޤާއިމުކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން ކުރަމުންދާ މަސައްކަތްތަކާއި، ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަންވެސް ސަޢޫދީ ޢަރަބިއްޔާގެ ސަފީރު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ސަޢޫދީ ޢަރަބިއްޔާއާއެކުކަން ފާހަގަކުރައްވައި، ސަރަޙައްދީ ކަންކަމުގައި ޤައުމުތަކުގެ މެދުގައި އޮންނަ މަޝްވަރާއާއި އެއްބާރުލުން ދެމެހެއްޓުމުގެ މުހިންމުކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މުޤައްރިރު، ޙަސަން ޒަރީރު ވިދާޅުވީ، ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް ގުޅުމަކީ، އިސްލާމީ އަޤީދާއާއި އެކަކު އަނެކަކަށް ކުރާ އިޙްތިރާމުގެ މައްޗަށް ބިނާވެފައިވާ ޒަމާންވީ، ގާތް ގުޅުމެއް ކަމަށެވެ. އަދި، ދާދިފަހުން އަމަލުކުރަން ފެށުނު މުހިންމު އެއްބަސްވުންތަކާއެކު، ސަފީރުގެ މި ޒިޔާރަތުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
މިބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި، ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މެންބަރުންނާއި، މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛާ ފާޠިމަތު ނިޔުޝާ ބައިވެރިވެވަޑައިގެންނެވިއެވެ.