2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު، ބަޖެޓު ދިރާސާކުރާ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސް ކުރިއަށް ގެންގޮސްފިއެވެ.
މިއަދުގެ ޖަލްސާގައި، ބަޖެޓު ދިރާސާކުރާ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓު މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ ނައިބު މުޤައްރިރު ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދުއެވެ. މި ރިޕޯޓަށް 23 އިސްލާޙު ވަނީ ހުށަހަޅާފައެވެ. ކޮމެޓީ ރިޕޯޓަށް މިއަދުގެ ޖަލްސާގައި 12 މެންބަރުން ވާހަކަފުޅުދެއްކެވިއެވެ.
އަދި، މިއަދުގެ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެމަތިން، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ހުށަހަޅުއްވާފައިވާ، ފުށިދިއްގަރު ފަޅުގައި ތަރައްޤީކުރުމަށް ސަރުކާރާއި އީގަލް ހިލްސް ކުންފުންޏާ ދެމެދު ހަދާފައިވާ އެއްބަސްވުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤަރާރު، ދިރާސާކޮށް ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުއްވުނެވެ.
މީގެއިތުރުން، މިއަދުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޞްޠަފާ ޙުސައިން ހުށަހަޅުއްވާފައިވާ ނަފްސާނީ ސިއްޙަތުގެ ބިލާއި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހަޅުއްވާފައިވާ އާއިލާއާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމް ހުށަހަޅުއްވާފައިވާ ވަޒީފާއާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުންވަނީ އިއްވަވާފައެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 24 ނޮވެންބަރު 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:00 ގައެވެ.