2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ބަޖެޓު ދިރާސާކުރާ ކޮމިޓީން ނިންމެވި ގޮތަށް 65 މެންބަރުންގެ ވޯޓުން ފާސްކުރައްވައިފިއެވެ. ބަޖެޓު ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް 13 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.
2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ބަޖެޓު ދިރާސާކުރާ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓަށް 23 އިޞްލާޙު ފޮނުއްވާފައިވެއެވެ. އެހެންނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ޝަރުތުތައް ފުރިހަމަވަނީ އެ އިޞްލާޙުތަކުގެ ތެރެއިން 7 އިޞްލާޙަށެވެ. އަދި، އެ އިޞްލާޙުތަކުގެ ތެރެއިން 1 އިޞްލާޙްވަނީ އަނބުރާ ގެންދަވާފައެވެ. މި 6 އިޞްލާޙަށް ވޯޓަށް އައްސަވައި، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣްލަބިއްޔަތު ނުލިބުމުގެ ސަބަބުން އެ އިޞްލާޙުތައް ފާހެއް ނުވިއެވެ.
މިއަދުގެ ޖަލްސާގައި، ބަޖެޓު ދިރާސާކުރާ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓަށް 9 މެންބަރުން ވާހަކަފުޅުދެއްކެވިއެވެ.
މީގެ އިތުރުން، މިއަދުގެ ޖަލްސާގައި، މާވަށު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ޝާކިރު، މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބްއާ ސުވާލު ކުރެއްވުން އޮތެވެ. މާވަށު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ވަނީ، ލ. ކުނަހަންދޫ ފެނާއި ނަރުދަމާގެ މަސައްކަތް އެއްވެސްވަރަކަށް ކުރިއަށް ނުދާތީ، މި މަސައްކަތް އަލުން ފަށައި، އަދި ނިންމޭނެ ތާރީޚަކީ ކޮބާތޯއާއި، ލ. މާވަށުގެ ބިން ހިއްކުމުގެ މަސައްކަތް ފަށައި، އަދި ނިންމެނޭ ތާރީޚަކީ ކޮބާތޯ ސާފުކޮށްދެއްވުން އެދިވަޑައިގެން މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއާ ސުވާލުކުރައްވާފައެވެ. މިނިސްޓަރާކުރެއްވި ސުވާލުތަކަށް މިނިސްޓަރ ޖަވާބު ދެއްވައި، އަދި، އިތުރު ސުވާލު ކުރުމަށް ހުޅުވާލި ފުރުޞަތުގައި މެންބަރުން ކުރެއްވި ސުވާލުތަކަށްވެސް މިނިސްޓަރ ޖަވާބުދެއްވިއެވެ.
މިއަދުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން، ވިލިނގިލި ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢާޒިމް ޢަބްދުލްޢަޒީޒް ހުށަހަޅުއްވާފައިވާ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުންވަނީ އިއްވަވާފައެވެ.
އަދި، ސަރުކާރުގެ ފަރާތުން، މައްޗަންގޮޅި ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޞްޠަފާ ޙުސައިން ހުށަހަޅުއްވާފައިވާ، ނަފްސާނީ ޞިއްޙަތުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށްގެންދެވުނެވެ. މި ބިލަށް ބަހުސްގެ ކުރުމުގެ ވަގުތުގައި 3 މެންބަރުން މިބިލާ ގުޅޭގޮތުން ވާހަކަފުޅުދެއްކެވިއެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 25 ނޮވެންބަރު 2026 ވާ ބުދަ ދުވަހުގެ ހެނދުނު 09:00 ގައެވެ.