މަޖިލީހުން ނިންމަންޖެހޭ މުޙިއްމު މަސައްކަތްތަކެއް ހުރުމާއެކު ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ތިންވަނަ ދައުރު، އަންނަ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމަށް ފާސްކޮށްފިއެވެ.
ތިންވަނަ ދައުރު އިތުރުކުރުމަށް މިއަދު ނެގުނު ވޯޓުގައި މިކަމަށް ތާޢީދުކޮށް 43 މެންބަރަކު ވޯޓުދެއްވިއެވެ. ނުފެންނަކަމަށް ވޯޓުދެއްވީ 11 މެންބަރުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާގޮތުން ތިންވަނަ ދައުރުގެ މުއްދަތަކީ އޮކްޓޫބަރު މަހުގެ 1 އިން ނޮވެންބަރު މަހުގެ ނިޔަލަށެވެ.
މީގެއިތުރުން، މިއަދުގެ ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ)ގެ ދަށުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް، އަލްއުސްތާޛު ޢަލީ ސަމީރު، މއ.ވޭސައިޑް 610 ފްލެޓް، ޢައްޔަންކުރެއްވުމަށް ފާސްކުރެއްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެންބަރުންގެ އިއްތިފާޤުންނެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އަލްއުސްތާޛު ޢަލީ ސަމީރު ޢައްޔަންކުރެއްވުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، ޖުޑީޝިއަރީ ކޮމެޓީން ދިރާސާކޮށް ނިންމެވިގޮތުގެ ރިޕޯޓު މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ޖުޑީޝިއަރީ ކޮމެޓީގެ މުޤައްރިރު ހޮޅުދޫ ދާއިރާގެ މެންބަރު، ޢަބްދުއްސައްތާރު މުޙައްމަދުއެވެ.
މިއަދުގެ ޖަލްސާގައި، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަދި ކެޔޮދޫ ދާއިރާގެ މެންބަރު، މިނިސްޓަރ އޮފް ހެލްތް، ފެމެލީ އެންޑް ވެލްފެއަރއާ ސުވާލުކުރެއްވުން އޮތެވެ. ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑޮކްޓަރ އަޙްމަދު ޝަމްހީދުވަނީ، ދިވެހިރާއްޖޭގެ އެންމެ އާބާދީ ބޮޑު އެއް ސަރަޙައްދު ކަމުގައިވާ ހުޅުމާލޭގައި، ފެންވަރު ރަނގަޅު ސަރުކާރު ހޮސްޕިޓަލެއް ނެތުމަކީ އެސިޓީގެ ރައްޔިތުން އުފުލަމުންދާ ވަރަށް ބޮޑު ތަކުފީލެއްކަމާއި، ހުޅުމާލޭގައި ހިންގާ އަމިއްލަ ހޮސްޕިޓަލް، ޓްރީޓޮޕްގެ ޚިދުމަތްތަކުގެ އަގުތައް ސިންގަޕޫރާއި އިނގިރޭސިވިލާތް ފަދަ ޤައުމުތަކަށްވުރެވެސް ބޮޑުކަން ގިނަ ބަޔަކު ފާހަގަކުރާއިރު، ހުޅުމާލޭގައި ސަރުކާރުގެ އާ ހޮސްޕިޓަލެއް ބިނާކުރުމުގެ މަސައްކަތް ފެށޭނީ ކޮން ތާރީޚެއްގައިތޯ އަދި ޓްރީޓޮޕް ހޮސްޕިޓަލުން ޚިދުމަތް ހޯދުމުގައި ހިނގާ ޚަރަދުތައް ކުޑަކުރެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ ވިސްނުންފުޅެއް ގެންގުޅުއްވަންތޯ ސާފުކޮށްދެއްވުން އެދިވަޑައިގެން މިނިސްޓަރ އޮފް ހެލްތް، ފެމެލީ އެންޑް ވެލްފެއަރއާ ސުވާލުކުރައްވާފައެވެ.
އަދި، ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދުވަނީ، މިސަރުކާރުން ކޮންޓްރެކްޓަރއާއެކު ސޮއިކުރައްވާފައިވާ ވ. ކެޔޮދޫ ޞިއްޙީ މަރުކަޒުގެ އާ ޢިމާރާތުގެ މަސައްކަތް ފެށޭނީ ކޮންއިރަކުންތޯ ސާފުކޮށްދެއްވުން އެދިވަޑައިގެން މިނިސްޓަރ އޮފް ހެލްތް، ފެމެލީ އެންޑް ވެލްފެއަރއާ ސުވާލުކުރައްވާފައެވެ. މިނިސްޓަރާކުރެއްވި ސުވާލުތަކަށް މިނިސްޓަރ ޖަވާބު ދެއްވައި، އަދި، އިތުރު ސުވާލު ކުރުމަށް ހުޅުވާލި ފުރުޞަތުގައި މެންބަރުން ކުރެއްވި ސުވާލުތަކަށްވެސް މިނިސްޓަރ ޖަވާބުދެއްވިއެވެ.
މީގެ އިތުރުން، ސަރުކާރުގެ ފަރާތުން، މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު ހުށަހަޅުއްވާފައިވާ ޤާނޫނު ނަންބަރު 2011/8 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާއި ސަރުކާރުގެ ފަރާތުން، ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރު ހުށަހަޅުއްވާފައިވާ ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުންވަނީ އިއްވަވާފައެވެ.
މިއަދުގެ ޖަލްސާގައި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2000/4 (އާއިލާއާބެހޭ ޤާނޫނު) އަށް އިސްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށްގެންދެވުނެވެ. އެހެންނަމަވެސް، މި ބިލު މަޖިލީހުން ބަލައިގަތުމަށް ފާހެއްނުވިއެވެ. މި ބިލު ބަލައިގަތުމަށް ނުފެންނަކަމަށް ވޯޓުދެއްވީ 44 މެންބަރުންނެވެ. ފެންނަކަމަށް ވޯޓުދެއްވީ 11 މެންބަރުންނެވެ.
އަދި، މިއަދުގެ ޖަލްސާގައި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށްގެންދެވުނެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 30 ނޮވެންބަރު 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 09:00 ގައެވެ.