އިންޑިއާ ސަފީރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ސަންޖޭ ސުދީރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއްކުރައްވައިފިއެވެ.
މިއަދު ރައްޔިތުންގެ މަޖިލިސް ކުރާގޭގައި އޮތް މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖީލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، އިންޑިއާއަކީ ޒަމާނުއްސުރެ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް އޮންނަ ޤައުމެއްކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، އިންޑިއާއިން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތަކާއި އަދި ކުރިއަށް އޮތްތަނުގައި އެހީ ދެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި އިންޑިއާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ދިވެހިންނާއި އިންޑިއާ ރައްޔިތުންނާ ދެމެދު އޮންނަ ޚާއްޞަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި އިންޑިއާއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.
މިބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަލްފާޟިލާ އީވާ ޢަބްދުﷲ އާއި އާމީންޢާންމު އަލްއުސްތާޛާ ފާތިމަތު ނިއުޝާއާއި ކައުންސަލް ޖެނެރަލް އަލްއުސްތާޛާ ފާތިމަތު ފިލްޒާއާއި ޑިރެކްޓަރ އޮފް ފޮރިން ރިލޭޝަންސް އަލްފާޟިލާ ޒުއްޔިނާ ބަދުރީ ބައިވެރިވެވަޑައިގެންނެވިއެވެ.
-ނިމުނީ -
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:
އަލްފާޟިލް ޙަސަން ޒިޔާޢު ޑިރެކްޓަރ، މީޑިއާ | ރައްޔިތުންގެ މަޖިލީހުގެ އިދާރާ މެދުޒިޔާރަތްމަގު، މާލެ، ދިވެހިރާއްޖެ | ފޯން: 3312107 އީމެއިލް:
[email protected] ރައްޔިތުންގެ މަޖިލީހުގެ ޓުވިޓާ: mvpeoplesmajlis@