ދުނިޔޭގެ ކުޑަކުދިންގެ ދުވަހާ ގުޅިގެން ކުޑަކުދިންނާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ބައްދަލުވުމެއް ބާއްވައިފި
ދުނިޔޭގެ ކުޑަކުދިންގެ ދުވަހާއި، ކުޑަކުދިންގެ ޙައްޤުތަކާގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާއަށް 30 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަދި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ކުޑަކުދިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
މިއަދުގެ ބޭއްވެވި ކޮމިޓީ ބައްދަލުވުމުގައި، ކުޑަކުދިން ތަމްސީލުކުރުމުގެ ގޮތުން 13 ކުދިން، ކުޑަކުދިންގެ ބައިވެރިވުމާއި، އެކުދިންގެ ޙައްޤުތަކާއި، އެ ޙައްޤުތައް ރައްކާތެރިކުރުމާއި ޙިމާޔަތްކުރުމުގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ އިތުރުން، އެކުދިންގެ ކަންބޮޑުވުންތައް ކޮމިޓީއާ ޙިއްސާކޮށް މަޝްވަރާކުރިއެވެ. އެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގެން އެކުދިންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެކުދިންނަށް މަޢުލޫމާތު ދެއްވިއެވެ.
ބައްދަލުވުން ނިންމަވާލެއްވުމުގެ ގޮތުން، 16 ކަމެއްގެ މައްޗަށް އެކުލެވޭ ޚިޔާލު ކަރުދާހެއް އެކުދިންގެ ފަރާތުން ހުށަހެޅިވެ. މި ކަރުދާހުގައި ހިމެނިފައިވަނީ، ކުޑަކުދިންނަށް ދިމާވަމުންދާ ވަރަށް ކަންބޮޑުވާންޖެހޭ އަދި އަވަސް ޙައްލެއް ބޭނުންވާ ކަންތައްތަކެކެވެ. މިގޮތުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ކަންބޮޑުވާންޖެހޭ މިންވަރަކަށް އިތުރުވެފައިވާކަމާއި، އަމިއްލަ ނަފްސަށް ގެއްލުންދިނުމުގެ މައްސަލަތަކާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ލިބެންޖެހޭ އެންމެ އެކަށީގެންވާ އަޅާލުމާއި ރައްކާތެރިކަން ނުލިބޭކަމާއި، ނުކުޅެދުންތެރިކަން ހުންނަ ކުދިން މުޖްތަމަޢުގައި ބައިވެރިކުރުމާއި، އެކުދިންނަށް ފަސޭހައިން އެއްތަނުން އެނެއްތަނަށް ދަތުރުކުރުމާއި، ތަންތަނަށް ވަދެ ނިކުތުމުގައި ދިމާވާ ދަތިތަކަށް ޙައްލެއް ހޯދުމުގެ ގޮތުން އެކުދިން ހުށަހަޅާ ކަންތައްތައް އެ ކަރުދާހުގައި ހިމަނާފައިވެއެވެ. މި ކަރުދާހާ ޙަވާލުވެވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ.
-ނިމުނީ -
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:
އަލްފާޟިލް ޙަސަން ޒިޔާޢު ޑިރެކްޓަރ، މީޑިއާ | ރައްޔިތުންގެ މަޖިލީހުގެ އިދާރާ މެދުޒިޔާރަތްމަގު، މާލެ، ދިވެހިރާއްޖެ | ފޯން: 3312107 އީމެއިލް:
[email protected] ރައްޔިތުންގެ މަޖިލީހުގެ ޓުވިޓާ: mvpeoplesmajlis@