ޚަބަރާއި އިވެންޓްސް

ޚަބަރަށްދޭ މަޢުލޫމާތު - 24 ނޮވެންބަރު 2019

24 ނޮވެމްބަރު 2019 13:00

ފާއިތުވި ހަފުތާގައި ރައްޔިތުންގެ މަޖިލީހުންވަނީ، ސަރުކާރުގެ ފަރާތުން އައްޑޫ މީދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލާއި ސަރުކާރުގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެންބަރު މީކާއިލް ޢަޙްމަދު ނަސީމް ހުށަހެޅުއްވި ކުޑަކުދިންގެ ޢަދުލުގެ ބިލު ފާސްކުރައްވާފައެވެ. މިއީ ކުޑަކުދީންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބައިނަލްއަޤުވާމީ މުޢާހަދާ، ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑްގައި ރާއްޖެއިން ބައިވެރިވެ، އެ މުޢާހަދާއަށް 30 އަހަރު ފުރުނުއިރު، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

  • ކޮމިޓީތަކުން ޑްރާފްޓުކުރައްވަމުންގެންދަވާ ބިލުތަކުގެ މަސައްކަތް
  1. ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް އިސްލާޙު ގެނައުމުގެ ބިލު މި ބިލު ޑްރާފްޓްކުރެއްވުމުގެ މަސައްކަތް، ލާމަރުކަޒީ ކޮމިޓީން ގެންދަވަނީ ކުރައްވަމުންނެވެ. މި ބިލު ދިރާސާކުރެއްވުމަށް މިހާތަނަށް 11 ބައްދަލުވުން ކޮމިޓީންވަނީ ބާއްވަވާފައެވެ.

  2. ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު މި ބިލު ދިރާސާކުރެއްވުމުގެ މަސައްކަތް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ކުރިއަށް ގެންދެވިއެވެ. ފާއިތުވި ހަފްތާތަކުގައި ކޮމިޓީއިންވަނީ ބިލު ދިރާސާކުރެއްވުމަށް 3 ބައްދަލުވުން ބާއްވަވާފައެވެ.

  3. ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު މި ބިލު ޑްރާފްޓް ކުރެއްވުމުގެ މަސައްކަތް، ބިލު ޑްރާފްޓް ކުރެއްވުމަށް އެކުލަވާލެއްވި ސަބް ކޮމިޓީއިން ގެންދަވަނީ ކުރައްވަމުންނެވެ. މިދިޔަ ހަފްތާގައި ބޭއްވެވި ސަބް ކޮމިޓީގެ 12 ވަނަ ބައްދަލުވުމުގައި ބިލުގެ މަސައްކަތް ގޮސްފައިވާ ހިސާބާއި، ބިލާ ގުޅޭގޮތުން މަޝްވަރާކުރައްވައި ޚިޔާލުބަދަލުކުރެއްވުމަށް ސަބް ކޮމިޓީގެ ފަރާތުން، މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ އަދި ޖުޑީޝިއަރީ ކޮމިޓީއާ ބައްދަލުކުރައްވާފައިވެއެވެ.

  4. ވަޒީފާ ހޯދާ ފަރާތްތަކަށްދޭ އެލަވަންސް ދިނުމާބެހޭ ބިލު ވަޒީފާ ހޯދާ ފަރާތްތަކަށްދޭ އެލަވަންސްދިނުމާބެހޭ ބިލުގެ މަސައްކަތް ކުރެއްވުމަށް ހޮއްވެވި ސަބް ކޮމިޓީއިން ވަނީ މިދިޔަ ހަފްތާގައި ބިލު ޑްރާފްޓް ކުރެއްވުމަށް ބައްދަލުވުމެއް ބާއްވަވާފައެވެ. ސަބް ކޮމިޓީއިން ގެންދަވަނީ މިހާރު މި ބިލާ ގުޅޭގޮތުން ފަންނީ އެހީތެރިކަން ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ.

މަތީގައި ބަޔާންކޮށްފައިވާ ބިލުތަކުގެ އިތުރުން، މިހާރު ޑްރާފްޓުކުރައްވައި ނިންމަވާފައިވާ ބިލުތައް ދިރާސާކުރެއްވުމުގެ މަސައްކަތާއި ކޮމިޓީތަކަށް ފޮނުއްވާ އެހެނިހެން މައްސަލަތައް ދިރާސާކުރެއްވުމުގެ މަސައްކަތްވެސް ކޮމިޓީތަކުން ގެންދަވަނީ ކުރައްވަމުންނެވެ.

އެގޮތުން، މަރާލާފައިވާ މީހުންނާއި، ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤުކުރާ ކޮމިޝަނުން އެކުލަވާލެއްވި ޑޮކްޓަރު އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައިގެ ރިޕޯޓު ދިރާސާކުރެއްވުމުގެ މަސައްކަތް ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ވަނީ ކުރައްވާފައެވެ.

މީގެ އިތުރުން، ފާއިތުވި ދެ ހަފްތާގައި އެންމެ ބޮޑަށް ކުރެވުނު އެއް މަސައްކަތަކީ 2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރެއްވުމުގެ މަސައްކަތެވެ. ބަޖެޓުގެ ބަހުސްގައި 76 ޢިއްޒަތްތެރި މެންބަރުންވަނީ ވާހަކަފުޅުދައްކަވާފައެވެ. ބަޖެޓު ދިރާސާކުރާ ކޮމިޓީއިން މިހާތަނަށް އައިރުވަނީ 18 ބައްދަލުވުމެއް ބާއްވަވާފައެވެ. އަދި 14 ފަރާތަކާ ބައްދަލުކުރައްވައި ބަޖެޓާ ގުޅޭގޮތުން އެބޭފުޅުންގެ މަޝްވަރާ ހޯއްދަވާފައެވެ. އަދި ބަޖެޓު ދިރާސާކުރާ ކޮމިޓީން މިހާރުވަނީ ބަޖެޓު ދިރާސާކުރެއްވުމުގެ މަސައްކަތް ނިންމަވައި ކޮމިޓީ ރިޕޯޓު އެކުލަވާލައްވާފައެވެ.

  • ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ބައްދަލުވުންތަކާއި ދަތުރުފުޅުތައް

ރައްޔިތުންގެ މަޖިލީހުގެ ރައީސް31 އޮކްޓޫބަރު 2019 ގައި ރަސްމީ ދަތުރުފުޅެއްގައިވަނީ ގއ.ވިލިނގިލިއަށް ވަޑައިގަންނަވާފައެވެ. އެއީ، ދެކުނުގެ 4 އަތޮޅު ހިމެނޭ ގޮތަށް ގއ.ވިލިނގިލީގައި ބޭއްވި "ދެކުނު މަހާސިންތާ" ހުޅުއްވައިދެއްވުމަށް އެމަނިކުފާނު ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި، ވިލިނގިލީގައި އަލަށް ޢިމާރާތްކުރާ އިންޖީނުގޭގެ ބިންގާވެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ އަޅުއްވައިދެއްވާފައެވެ.

30 އޮކްޓޫބަރު 2019 ގައި ކިއުބާގެ ސަފީރު ހަރ އެކްސެލެންސީ މިސް ހުވާނާ އެލޭނާ ރާމޯސް ރޮޑްރިގެޒް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތްކުރެއްވިއެވެ. ރައްޔިތުންގެ މަޖިލީހުގައި އޮތް މި ބައްދަލުވުމުގައި ކިއުބާއާއި ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި، ހަމަ އެދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވަނީ ސްވިޒަލެންޑުގެ ޔުނިވަރސިޓީ އޮފް ފްރިބޯގްގެ އިންސްޓިޓިއުޓް ފޮރ ފެޑެރަލިޒަމްގެ ކޯ-ޑިރެކްޓަރ ޕްރޮފެސަރ އީވާ މާރިއާ ބެލްސަރއާ ބައްދަލުކުރައްވާފައެވެ.

5 ނޮވެންބަރު 2019 ގައި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ސަފީރު ހިޒް އެކްސެލެންސީ ޑރ. ސަޢީދު އަލްޝަމްސި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވިއެވެ. ރައްޔިތުންގެ މަޖިލީހުގައި އޮތް މި ބައްދަލުވުމުގައި ޔޫއޭއީއާއި ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

7 ނޮވެންބަރު 2019 ގައި ސްރީ ލަންކާގެ ސަފީރު ހިޒް އެކްސަލެންސީ ކޮހޮނަ ވަލައްވެ ނިމާލް ދަރްމަކީރްތި ކަރުނަރަތްނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވިއެވެ. ރައްޔިތުންގެ މަޖިލީހުގައި އޮތް މި ބައްދަލުވުމުގައި ސްރީލަންކާއާއި ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ 7 ނޮވެންބަރު 2019 ގައި ވޯރލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުން ބައްދަލުކުރައްވާފައެވެ. ރައްޔިތުންގެ މަޖިލީސްކުރާ ގޭގައި އޮތް މިބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ، ވޯރލްޑް ބޭންކްގެ ވަފުދުގެ ބޭފުޅުންނަށް މަރުޚަބާ ވިދާޅުވެ ރާއްޖޭގެ އިޤްތިޞާދީ ލަނޑުދަނޑިތަކާއި އަމާޒުތަކާގުޅޭ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. މީގެ އިތުރުން ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހަރުދަނާކޮށް ދެމެހެއްޓުމަށް ރާއްޖެއިން ކުރަމުން ގެންދަވާ މަސައްކަތުގެ ތަފްސީލު ދެއްވިއެވެ.

މީގެ އިތުރުން، މިދިޔަ ހަފްތާގެ ތެރޭގައި، އދ.ގެ ސްޕެޝަލް ރެޕަޓުއަރ އޮން ޓޯޗަރ އެންޑް އަދަރ ކްރުއަލް، އިންހިއުމަން އޮރ ޑީގްރޭޑިންގ ޓްރީޓްމަންޓް އޮރ ޕަނިޝްމަންޓް، މިސްޓަރ ނިލްސް މެލްޒަރ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއާ ބައްދަލުކުރެއްވިއެވެ. ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި ބޭއްވެވި މިބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ، އަނިޔާވެރިކަމާއި ލާއިންސާނީ ޢަމަލުތައް ހުއްޓުވުމަށް ދިވެހިރާއްޖެއިން ޢަމަލުކުރަމުންދާ ސިޔާސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި، ލާއިންސާނީ ޢާމަލުތަކާއި އަނިޔާވެރިކަން ހުއްޓުވުމަކީ ދިވެހިރާއްޖެއިން ބޮޑު އަހުމިއްޔަތުކަމެއް ދެއްވާކަމެއްކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި، އދ. ގެ އެކިއެކި ގުނަވަންތަކުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވިއެވެ.

20 ނޮވެންބަރު 2019 ގައި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ސަންޖޭ ސުދީރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްކުރެއްވިއެވެ.

  • އިންޓަރނޭޝަނަލް ވިޒިޓަރ ލީޑަރޝިޕް ޕްރޮގްރާމް

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިމްތިޔާޒް ފަހުމީއާއި ތުޅާދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙިސާން ޙުސައިން، މި ވަގުތު ތިއްބެވީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އިންޓަރނޭޝަނަލް ވިޒިޓަރ ލީޑަރޝިޕް ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެންނެވުމަށް އެމެރިކާގައެވެ.

-ނިމުނީ -

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

އަލްފާޟިލް ޙަސަން ޒިޔާޢު ޑިރެކްޓަރ، މީޑިއާ | ރައްޔިތުންގެ މަޖިލީހުގެ އިދާރާ މެދުޒިޔާރަތްމަގު، މާލެ، ދިވެހިރާއްޖެ | ފޯން: 3312107 އީމެއިލް: [email protected] ރައްޔިތުންގެ މަޖިލީހުގެ ޓުވިޓާ: mvpeoplesmajlis@

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA