ޚަބަރާއި އިވެންޓްސް

ރައްޔިތުންގެ މަޖިލީހާ ގުޅޭގޮތުން ރައްޔިތުން ކުރައްވަން ބޭނުންފުޅުވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޚާއްޞަ ޕްރޮގްރާމެއް ބޭއްވެވުމަށް ނިންމަވައިފި

2 ޑިސެމްބަރު 2019 17:00

ރައްޔިތުންގެ މަޖިލީހާ ގުޅޭގޮތުން ރައްޔިތުން ކުރައްވަން ބޭނުންފުޅުވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަންނަ ހޮނިހިރު ދުވަހު ޚާއްޞަ ޕްރޮގްރާމެއް ބޭއްވެވުމަށް ވަނީ ނިންމަވާފައެވެ.

ޓީވީއާއި ސޯޝަލް މީޑިއާ މެދުވެރިކޮށް، ރައްޔިތުންގެ ސުވާލުތަކުގެ ޖަވާބު ދެއްވުމަށް ބާއްވަވާ، 'އާސްކް ސްޕީކަރ" ޕްރޮގްރާމް އޮންނާނީ 07 ޑިސެންބަރު 2019 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 9:00 ގައި ޕީއެސްއެމް ސްޓޫޑިއޯގައެވެ. އަދި މި ޕްރޮގްރާމް ދިވެހިރާއްޖޭގެ ހުރިހާ ޓީވީ ޗެނަލްތަކުންނާއި ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ވަގުތުން ފެނިވަޑައިގަންނަވާނެއެވެ. މި ޕްރޮގްރާމުގައި ރައްޔިތުންގެ ސުވާލުތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަގުތުން ޖަވާބު ދެއްވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސާ ސުވާލުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން، ސުވާލު ފޮނުއްވުމުގެ ފުރުޞަތު ވަނީ ހުޅުވާލައްވާފައެވެ. އެގޮތުން ސުވާލު ވީޑިއޯ ކުރެއްވުމަށްފަހު ފޮނުއްވައިގެން ނުވަތަ މެސެޖު މެދުވެރިކޮށް ސުވާލުކުރެއްވޭނެގޮތް ވަނީ ހަމަޖައްސަވާފައެވެ. އަދި ފޯނު މެދުވެރިކޮށް ސުވާލުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ނަން ނޯޓުކުރެއްވުމުގެ ފުރުޞަތު ވަނީ ހުޅުވާލައްވާފައެވެ. އެގޮތުން ސުވާލުކުރައްވާ ފަރާތުގެ ނަމާއި ކުރައްވަން ބޭނުންފުޅުވާ ސުވާލު ފޮނުއްވާނީ 06 ޑިސެންބަރު 2019 ވާ ހުކުރު ދުވަހުގެ ރޭގަނޑު 11:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މީޑިއާ ސެކްޝަންގެ ހޮޓްލައިން ނަންބަރު 7234566 އަށެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ސުވާލުކުރައްވަން ބޭނުންފުޅުވާ ފަރާތްތައް، ސުވާލު ޕޯސްޓު ކުރައްވާއިރު AskSpeaker# ބޭނުންކުރެއްވުން އެދެމެވެ.

"އާސްކްސްޕީކަރ" ޕްރޮގްރާމަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިސްނެގުމަކަށް، ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ލައިވް ޕްރޮގްރާމެކެވެ. މިއީ މިގޮތަށް ޢާންމުކޮށް ރައްޔިތުންނަށް ހުޅުވާލައިގެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ބާއްވަވާ ފުރަތަމަ ޕްރޮގްރާމެވެ.

-ނިމުނީ -

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

އަލްފާޟިލް ޙަސަން ޒިޔާޢު ޑިރެކްޓަރ، މީޑިއާ | ރައްޔިތުންގެ މަޖިލީހުގެ އިދާރާ މެދުޒިޔާރަތްމަގު، މާލެ، ދިވެހިރާއްޖެ | ފޯން: 3312107 އީމެއިލް: [email protected] ރައްޔިތުންގެ މަޖިލީހުގެ ޓުވިޓާ: mvpeoplesmajlis@

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA