ޚަބަރާއި އިވެންޓްސް

ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ވަފުދެއް އިންޑިއާއަށް ވަޑައިގެންފި

8 ޑިސެމްބަރު 2019 10:00

ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނިވަޑައިގަންނަވާ ވަފުދެއް މިއަދު އިންޑިއާއަށް ވަޑައިގެންފިއެވެ.

މި ދަރުރުފުޅަކީ ރާޖްޔާ ސަބާގެ ޗެއަރމަން، ޝްރީ މ. ވެންކައިއަ ނައިޑު އަދި އިންޑިއާގެ ޤާނޫނު ހަދާ މަޖިލިސް، ލޮކް ސަބާގެ ރައީސް، ޝްރީ އޯމްގެ ދަޢުވަތަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މެންބަރުން ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ މައިގަނޑު މަޤްސަދަކީ ލޮކް ސަބާއާއި ރައްޔިތުންގެ މަޖިލީހާ ދެމެދު ވެވޭ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގައި ސޮއިކުރެއްވުމެވެ.

މީގެއިތުރުން، މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ވަފުދު، ލޮކް ސަބާއާއި ރާޖްޔާ ސަބާގެ ޖަލްސާތައް ބައްލަވާލައްވާނެއެވެ. އަދި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރާޖްޔާ ސަބާގެ ޗެއަރމަން، ޝްރީ މ. ވެންކައިއަ ނައިޑު އަދި ލޮކް ސަބާގެ ރައީސް، ޝްރީ އޯމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށްވެސް ހަމަޖެހިފައެވެ. އެއަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ވަފުދު އިންޑިއާގެ ކޮންސްޓިޓިއުޝަން ކްލަބްއަށް ޒިޔާރަތްކުރައްވައި އިންޑިއާގެ ޤައުމީ ބެޑްމިންޓަން މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ގުޖުރާތް ލެޖިސްލޭޓިވް އެސެމްބްލީގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްކުރައްވާނެއެވެ. އަދި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިންޑިއާގެ "ލޮކް ސަބާ ޓީވީ"އަށް އިންޓަވިއުއެއް ދެއްވުމަށްވެސްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މިދަތުރުފުޅުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިންޑިއާގެ ބޮޑު ވަޒީރުއާވެސް ބައްދަލުކުރައްވާނެއެވެ.

މި ދަތުރުފުޅުގައި ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އޮނަރަބަލް އީވާ ޢަބްދުﷲއާއި މެދުހެންވޭރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ ޢާޡިމާއި ހެންވޭރު ހުޅަނގު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙަސަން ލަޠީފްއާއި ހުޅުދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިލްޔާސް ލަބީބުއާއި ހެންވޭރު ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙުސައިން ޝަހީމްއާއި ހިތަދޫ އުތުރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު އަސްލަމާއި ތިމަރަފުށި ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ރިޔާޟްއާއި ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު، ފާތިމަތު ނިޔުޝާއާއި އަދި ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް، ފާތިމަތު ފިލްޒާއެވެ.

ގުޅުންހުރި ފޮޓޯތައް

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA