ޚަބަރާއި އިވެންޓްސް

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް, ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ހުރިހާ ކަމެއް ފަސްޖެހުމެއްނެތި ކުރާނެކަމުގެ ޔަޤީންކަން

18 ޖެނުއަރީ 2020 14:00

ނޫސްބަޔާން ނަންބަރު: 01/PR-DV/2020

ރާއްޖޭގެ ދެކުނުގެ ރަށެއްގައި އުމުރުން 2 އަހަރު ނުވާ ކުއްޖަކަށް އެކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފަ ޖިންސީ ގޯނާ ކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް އައުމާގުޅިގެން, ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް 17 ޖަނަވަރީ 2020 ވަނަ ދުވަހުގެ ރޭ ވަނީ ބާއްވަވާ އެކަމާގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

މިގޮތުން، ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު ނިންމެވީ، ކަމާގުޅޭ މަޢުލޫމާތު ސާފުކުރެއްވުމުގެ ގޮތުން ކްރިމިނަލް ކޯޓަށާއި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ސިޓީ ފޮނުއްވުމަށެވެ. މީގެ އިތުރުން، 18 ޖަނަވަރީ 2020 ވާ ހޮނިހިރު ދުވަހުގެ ރޭ 21:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމިޓީގެ ބައްދަލުވުމުގައި، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި، ކްރިމިނަލް ކޯޓުގެ ބޭފުޅުންނާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް (އެފް.ސީ.ޕީ.ޑީ)ގެ އިސްވެރިން އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ބޭފުޅުން އަދި ގއ. ކަނޑުހުޅުދޫ ކައުންސިލުގެ ރައީސާ ބައްދަލުކުރައްވައި މަޢުލޫމާތު ސާފުކުރެއްވުމަށެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާ އެކަމަށް ބޭނުންވާ ޤާނޫނުތައް ހެދުމުގެ މަސައްކަތަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުން އެންމެ އިސްކަމެއްދީގެން ކުރިއަށް ގެންދަވާ މުހިއްމު ކަންކަމުގެ ތެރޭގައި ހިމެނޭކަމެއްކަން ފާހަގަކުރަމެވެ. އެގޮތުން 28 އަހަރަށްފަހު ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު މި މަޖިލީހުން ފާސްކުރައްވާ މިހާރުވަނީ ތަސްދީޤުކުރައްވާފައެވެ.

ކުޑަކުދިންނާގުޅޭ މި ފަދަ ހުރިހާ މައްސަލަތައް ދިރާސާކޮށް, އެކަމުގައި ހިމެނޭ މީހުން އިންސާފުގެ ކުރިމަށްޗަށް ގެނައުމަށާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް, ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ހުރިހާ ކަމެއް ފަސްޖެހުމެއްނެތި ކުރާނެކަމުގެ ޔަޤީންކަން އަރުވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

އަލްފާޞިލް ޙަސަން ޒިޔާޢު, ޑިރެކްޓަރ, މީޑިއާ އެންޑް ކޮމިއުނިކޭޝަންސް | ރައްޔިތުންގެ މަޖިލީހުގެ އިދާރާ މެދުޒިޔާރަތްމަގު, މާލެ, ދިވެހިރާއްޖެ | ފޯން: 3312107 އީމެއިލް: [email protected] މަޖިލިސް ޓުވިޓަރ: @mvpeoplesmajlis

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA