ޚަބަރާއި އިވެންޓްސް

ނޯރވޭ ސަފީރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

26 ޖެނުއަރީ 2020 12:00

ނޯރވޭއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ މިސް. ޓްރައިން ޖޮރަންލި އެސްކެޑަލް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލިސް ކުރާގޭގައި އޮތް މިބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެއާއި ނޯރވޭއާއި ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި އެކިދާއިރާތަކުން ނޯރވޭ ސަރުކާރުން ރާއްޖެއަށް ވެދެއްވަމުންގެންދަވާ އެހީތަކާއި، ދެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މީގެ އިތުރުން، ހިޒް އެކްސެލެންސީ މިސް. ޓްރައިން ޖޮރަންލި އެސްކެޑަލްގެ ސަފީރު ކަމުގެ ދައުރުގައި ރާއްޖެއާއި ނޯރވޭއާއި ދެމެދު އޮތްގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރައްވާ، މި ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާއިބެހޭ ގޮތުން ދެ ބޭފުޅުން މަޝްވާރާ ކުރެއްވިއެވެ.

ނޯރވޭ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ މިސް. ޓްރައިން ޖޮރަންލި އެސްކެޑަލް ދެއްކެވި ވަހަކަފުޅުގައި، ރާއްޖެއާއި ނޯރވޭއާ ދެމެދުއޮތީ ވަރަށް ގާތް ގުޅުމެއްކަން ފަހަގަކުރައްވާ، ކުރިއަށްއޮތް ތަނުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ ރީތިކަމާއި ދިވެހިންގެ މެހުމާންދާރީގެ ފުރިހަމަކަން އޭނާ ފާހަގަކުރެއްވިއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

އަލްފާޞިލް ޙަސަން ޒިޔާޢު، ޑިރެކްޓަރ، މީޑިއާ އެންޑް ކޮމިއުނިކޭޝަން | ރައްޔިތުންގެ މަޖިލީހުގެ އިދާރާ މެދުޒިޔާރަތްމަގު, މާލެ, ދިވެހިރާއްޖެ | ފޯން: 3312107 އީމެއިލް: [email protected] މަޖިލިސް ޓުވިޓަރ: @mvpeoplesmajlis

ގުޅުންހުރި ފޮޓޯތައް

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA