ޚަބަރާއި އިވެންޓްސް

ޔޫރަޕިއަން ޔޫނިއަންގެ ސަފީރު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއްކުރައްވައިފި

26 ޖެނުއަރީ 2020 12:30

ޔޫރަޕިއަން ޔޫނިއަނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ޑެނިސް ޗައިބީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއްކުރައްވައިފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ޖުޑީޝިއަރީ އިސްލާހު ކުރުމަށް ކުރައްވަމުންގެންދާ މަސައްކަތް، ފާހަގަކުރައްވާ އެކަމާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއި، އޭގެ ސަބަބުން ދެމެހެއްޓެނިވި ތަރައްޤީއަށް ކުރިމަތިވާ ދަތިތަކާއި ބެހޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެއެވެ. އަދި އެކަންތައްތައް ހައްލުކުރުމަށް މިކަންކަމާ ގުޅިގެން ސަރުކާރުން ހައްދަވާ ޕޮލިސީތައް ބަލައި އެކަމުގައި މަޖިލީހުން އަދާ ކުރެވޭނެ ދައުރާ ބެހޭ ގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވޭނެއެވެ. މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި، ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ ޝުކުރުއަދާކުރެއްވިއެވެ.

މި ބައްދަލުވުމުގައި، ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ޑެނިސް ޗައިބީ ވަނީ، އޭނާ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތަފުސީލު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއާ ހިއްސާކުރައްވާފައެވެ. އަދި، ރާއްޖޭގެ ޖުޑީޝިއަރީ އިސްލާޙް ކުރުމަށް ކުރަމުންދާ މަސައްކަތުގައި ޔޫރަޕިއަން ޔޫނިއަންގެ އެހީތެރިކަން ލިބޭނެކަން ފާހަގަކުރައްވާ، އެކަމުގައި ކުރިއަށް ދެވިދާނެގޮތްތަކާބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ޔޫރަޕިއަން ޔޫނިއަންއާއި ދިވެހިރާއްޖޭގެ ގުޅުން އެކިދާއިރާތަކުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

އަލްފާޞިލް ޙަސަން ޒިޔާޢު، ޑިރެކްޓަރ، މީޑިއާ އެންޑް ކޮމިއުނިކޭޝަން | ރައްޔިތުންގެ މަޖިލީހުގެ އިދާރާ މެދުޒިޔާރަތްމަގު, މާލެ, ދިވެހިރާއްޖެ | ފޯން: 3312107 އީމެއިލް: [email protected] މަޖިލިސް ޓުވިޓަރ: @mvpeoplesmajlis

ގުޅުންހުރި ފޮޓޯތައް

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA