ޚަބަރާއި އިވެންޓްސް

ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވައިދެއްވައިފި

3 ފެބްރުއަރީ 2020 10:00

ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރިޔާސީ ބަޔާން އިއްވަވައިދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ރިޔާސަތު ބެލެހެއްޓެވި މި ޖަލްސާގައި، ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޤައުމުގެ ހާލަތު ބަޔާންކޮށްދެއްވައި އަދި ޤައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވަވައިދެއްވިއެވެ. މިގޮތުން އިއްވަވައިދެއްވި، ރިޔާސީ ބަޔާނުގައި ޤައުމުގެ ސިޔާސީ، އިޖްތިމާޢީ، އަދި އިޤްތިޞާދީ ހާލަތަށް އަލިއަޅުއްވާލެއްވިއެވެ.

މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ދިވެހިރާއްޖޭގެ ކުރިއެރުމާއި، ލާބައާއި ތަރައްޤީއަށްޓަކައި ސަރުކާރުން ކުރައްވާ ހުރިހާ ކަމަކަށް ރައްޔިތުންގެ މަޖިލީހުން އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަންދެއްވާފައެވެ. އަދި، ނިމިދިޔަ ހުރިހާ މަޖިލީހަށްވުރެ 19 ވަނަ މަޖިލީހުގެ މަސައްކަތް ކުރަައްވާފައިވަނީ ރެކޯޑު މިންވަރަކަށްކަން ބަޔާންކުރައްވައި، މި މަސައްކަތުގައި 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ހުރިހާ މެންބަރުންގެ ބައިވެރިވެވަޑައިގަތުން ފާހަގަކުރެއްވިއެވެ. އަދި، ރިޔާސީ ބަޔާން އިއްވަވައިދެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މަރުޚަބާ ދަންނަވާ ޝުކުރު ދެންނެވިއެވެ.

މިއަދު ހެނދުނު 9:00ގައި ޖެހިއިރު ބޭއްވެވި މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރައްޔިތުންގެ މަޖިލިސް ކުރާގެއަށް ވަޑައިގަތުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އޮނަރަބަލް އީވާ ޢަބްދުﷲއާއި މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓަރީ ގުރޫޕު ލީޑަރުން އެ ދެކަނބަލުންނަށް އިސްތިގުބާލުކުރެއްވިއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހުގެ ގެއަށް ވަދެވަޑައިގަތުމުގެ ކުރިން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަރާތުން ރިޔާސީ ކުރުނީހެއް އެރުވިއެވެ.

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން، ދައުލަތުގެ ޢިއްޒަތްތެރިންނާއި ބޭރު ޤައުމުތަކާއި ޖަމާޢަތްތަކުގެ ސަފީރުންނާއި މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.

(ނިމުނީ)

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

އަލްފާޞިލް ޙަސަން ޒިޔާޢު، ޑިރެކްޓަރ, މީޑިއާ އެންޑް ކޮމިއުނިކޭޝަން | ރައްޔިތުންގެ މަޖިލީހުގެ އިދާރާ މެދުޒިޔާރަތްމަގު، މާލެ, ދިވެހިރާއްޖެ | ފޯން: 3312107 އީމެއިލް: [email protected] މަޖިލިސް ޓުވިޓަރ: @mvpeoplesmajlis

ގުޅުންހުރި ފޮޓޯތައް

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA