ޗައިނާ ސަފީރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

18 ފެބްރުއަރީ 2020 12:00

ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ ޒަންގް ލިޒޯންގް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތް ކުރައްވައިފިއެވެ. މިއަދު ރައްޔިތުންގެ މަޖިލީހުގެ ގޭގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ޗައިނާގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ފެތުރުން ކޮންޓްރޯލްކޮށް، ބަލިޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތުގެ ތަފްޞީލު ޗައިނާ ސަފީރު ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ހިއްސާކުރެއްވިއެވެ. ސަފީރުގެ ވާހަކަފުޅުގައި، އަލަށް މި ރޯނގާޖޭހޭ މީހުންގެ ޢަދަދު ވަރަށް ބޮޑުތަނުން މަދުކަން ފާހަގަކުރައްވައި މި ރޯނގާއިން ފަސޭހަވާ މީހުންގެ ޢަދަދުވެސް ވަރަށް ބޮޑު ތަނުން އިތުރުވެފައިވާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، މި ރޯނގާގައި މަރުވަނީ ނުވަތަ ފުރާނައަށް ގެއްލުންވާ މިންވަރަށް ކަންތައް ދަނީ ވަރަށް މަދު ބަޔަކަށްކަން ސަފީރު ފާހަގަކުރެއްވިއެވެ. މި ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ މިވަގުތަކީ އެންމެންވެސް ޗައިނާއާ ދޭތެރޭގައި އިޚްލާޞްތެރިކަމާއި މަދަދުވެރިކަމާއެކު ޢަމަލުކުރަންޖެހޭ ވަގުތެއްކަން ފާހަގަކުރެއްވިއެވެ. އަދި، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ޢިއްޒަތްތެރި މެންބަރުންވެސް މިވަގުތު އެދިވަޑައިގަންނަވަނީ ޗައިނާއަށް މަދަދުވެރިކަމާއި، އިޚްލާޞްތެރިކަމާއި އަދި، ހެޔޮއެދުން ކަމުގައްޔާއި، އަދި، ވީހާވެސް އަވަހަކަށް މި ބަލިން ޗައިނާގެ ރައްޔިތުންނަށް ޝިފާއެއް ލިބި ރޯގާއިން ސަލާމަތްވުން ކަމުގައިވެސް ވިދާޅުވިއެވެ. މީގެ އިތުރުން، މި އަދުގެ ބައްދަލުވުގައި ރާއްޖެއާއި ޗައިނާއާ ދެމެދުއޮތީ ވަރަށް ގާތް ގުޅުމެއްކަން ފަހަގަކުރައްވައި، ކުރިއަށްއޮތް ތަނުގައި ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
ލިޔުން ޝެއަރ ކުރުމަށް
ގުޅުންހުރި ފޮޓޯތައް

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA