ޚަބަރާއި އިވެންޓްސް

ކޮވިޑް-19ގެ ނުރައްކަލާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރުމަށްޓަކައި، އެ މަސައްކަތްތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމަވައިފި

29 މާރިޗު 2020 14:30

ކޮވިޑް-19ގެ ނުރައްކަލާ ގުޅިގެން އެކަމުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އަދި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރުމަށްޓަކައި، އެ މަސައްކަތްތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވަނީ ނިންމަވާފައިއެވެ.

އެގޮތުން، އޮންލައިންކޮށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ، ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީން ކަނޑައަޅުއްވާފައިވާ އުސޫލާ އެއްގޮތަށް، މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް 30 މާރިޗު 2020 ވާ ހޯމަ ދުވަހު 11:00ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާގެ އެޖެންޑާ ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުން މިހާރު ފެނިވަޑައިގަންނަވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލިސްކުރާ ގެއަށް ވަޑައިނުގެންނެވިނަމަވެސް، ޖަލްސާތަކަށް ހުށެހެޅޭ މައްސަލަތަކާއި ބިލުތަކަށް އޮންލައިންކޮށް ބަހުސްކުރުމާއި، ވޯޓުދިނުމާއި، އަދި ކޮމިޓީތަކުގެ މަސައްކަތާއި މަޖިލީހުގެ އެހެނިހެން މަސައްކަތްތައް ކުރިއަށްދާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށްޓަކައި މިދިޔަ ބުރާސްފަތި އަދި ހޮނިހިރު ދުވަހު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވަނީ މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް މަޖިލީހުގެ ޖަލްސާއެއްގެ ޓެސްޓް ސެޝަންތަކެއް ކުރިއަށް ގެންދަވާފައެވެ. 30 މާރިޗު 2020 ވާ ހޯމަ ދުވަހު ބާއްވާ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 23 ވަނަ ޖަލްސާ މަޖިލީހުގެ ޔޫޓިއުބް ޗެނަލްއިން ވަގުތުން ފެނިވަޑައިގަންނަވާނެއެވެ.

               __________________

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

އަލްފާޞިލް ޙަސަން ޒިޔާޢު، ޑިރެކްޓަރ, މީޑިއާ އެންޑް ކޮމިއުނިކޭޝަން | ރައްޔިތުންގެ މަޖިލީހުގެ އިދާރާ މެދުޒިޔާރަތްމަގު، މާލެ, ދިވެހިރާއްޖެ | ފޯން: 3312107 އީމެއިލް: [email protected] މަޖިލިސް ޓުވިޓަރ: @mvpeoplesmajlis

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA