ޚަބަރާއި އިވެންޓްސް

އޮންލައިންކޮށް ކުރިއަށްގެންދާ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކުގެ މަޢުލޫމާތު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކޮމަންވެލްތް އަދި އައިޕީޔޫއާ ޙިއްސާކުރައްވައިފި

31 މާރިޗު 2020 15:30

އޮންލައިންކޮށް ކުރިއަށްގެންދާ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކުގެ މަޢުލޫމާތު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކޮމަންވެލްތް ޕާލަމެންޓަރީ އެސޯސިއޭޝަން އަދި އިންޓަރ-ޕާލަމެންޓަރީ ޔޫނިއަންއާ ޙިއްސާކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނުއްވި ސިޓީފުޅުގައި، ކޮވިޑް-19ގެ ނުރައްކަލާ ގުޅިގެން އެކަމުން ރައްކާތެރިވުމަށް ދިވެހި ސަރުކާރުން އަޅުއްވާފައިވާ މުހިންމު ފިޔަވަޅުތަށް ބަޔާންކުރައްވާފައިވެއެވެ. އޭގެތެރޭގައި، ޑޮމެސްޓިކް އަދި އިންޓަރނޭޝަނަލް ދަތުރުފަތުރު ހުއްޓުވުމާއި، ދިވެހިރާއްޖެއަށް ބޭރުން އަންނަ މީހުން ކަރަންޓީނުކުރުމާއި، ކެފޭ އަދި ރެސްޓޯރަންޓުތައް ބަންދުކުރުމާއި، ސަރުކާރުގެ އޮފީސްތައް ބަންދުކޮށް، މުވައްޒަފުން ގޭގައި ތިބެ މަސައްކަތްކުރުމަށް އިލްތިމާސްކުރެއްވަމާއި އަދި ކޮންމެހެން ދާންނުޖެހޭ ތަންތަނަށް ނުދިއުމަށް ނަސޭހަތްތެރިވުން ހިމެނެއެވެ.

އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް އޮންލައިންކޮށް ގެންދެވުމަށް ނިންމާފައިވަނީވެސް ކޮވިޑް19 އިން ރައްކާތެރިވުމަށް ސަރުކާރުން އެޅުއްވި ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. އަދި، ދިވެހިރާއްޖޭގެ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވީނަމަވެސް، ދިވެހި ސަރުކާރަށް ބޭނުންވާ އެހީއެއް ރައްޔިތުންގެ މަޖިލީހުން ފޯރިކޮށްދިނުމަށް އަބަދުވެސް ތައްޔާރަށް ތިބިކަމަށާއި އަދި ދާއިރާތާކުގެ ކަންބޮޑުވުންތައް އަޑުއަހާ އެ މައްސަލަތަކަށް ޙައްލެއް މަޖިލީހުން ހޯދޭތޯ މަސައްކަތްކުރައްވާނެކަމަށް ފާހަގަކުރައްވާފައިވެއެވެ.

އަދި، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށްގެންދާނެކަމާއި، މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޖަލްސާތަކުގައި ބައިވެރިވެވަޑައިގެން ޖަލްސާއަށް ހުށަހަޅާ މައްސަލަތަކަށް ބަހުސްކުރުމާއި، ވޯޓުދިނުމާއި، އަދި އެހެނިހެން މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މި ސިޓީގައި ބަޔާންކުރައްވާފައިވެއެވެ.

މީގެ އިތުރުން، ދިވެހިރާއްޖެއިން މިވަގުތު ހުރިހާ ޤައުމަކަށްވެސް އެދިވަޑައިގަންނަވަނީ މަދަދުވެރިކަމާއި ހެޔޮއެދުން ކަމުގައްޔާއި، އަދި، ވީހާވެސް އަވަހަކަށް މި ބަލިން ޝިފާއެއް ލިބި ސަލާމަތްވުން ކަމުގައިވެސް ވިދާޅުވިއެވެ.


އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

އަލްފާޞިލް ޙަސަން ޒިޔާޢު، ޑިރެކްޓަރ, މީޑިއާ އެންޑް ކޮމިއުނިކޭޝަން | ރައްޔިތުންގެ މަޖިލީހުގެ އިދާރާ މެދުޒިޔާރަތްމަގު، މާލެ, ދިވެހިރާއްޖެ | ފޯން: 3312107 އީމެއިލް: [email protected] މަޖިލިސް ޓުވިޓަރ: @mvpeoplesmajlis

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA