ޚަބަރާއި އިވެންޓްސް

ކޮވިޑް-19 ރޯގާއާ ގުޅިގެން މަޖިލީހަށް ހުށަހަޅުއްވާފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީތަކުން ދިރާސާކުރެއްވުމަށްފަހު އެކުލަވާލެއްވި ރިޕޯޓްތަކާއިގުޅޭ

5 މޭ 2020 20:00

ކޮވިޑް-19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ޢާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގަން ނިންމާފައިވާ ޕްރޮގްރާމްތައް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމަށް މަޖިލީހަށް ހުށަހަޅުއްވާފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީތަކުން ދިރާސާކުރެއްވުމަށްފަހު 300 އަށްވުރެ ގިނަ ހުށަހެޅުން ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ ޢާޡިމް ހުށަހެޅުއްވި މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ 11 ކޮމިޓީއަކުން ދިރާސާކުރައްވައި، ކޮމިޓީތަކުގެ ރިޕޯޓުތައްވަނީ ތަޅުމަށް ހުށަހެޅުއްވުމަށް ފޮނުއްވާފައިއެވެ. އޭގެ ތެރެއިން، 4 ރިޕޯޓެއް ތަޅުމަށް ހުށަހެޅި، އެ ރިޕޯޓުގައި ކޮމިޓީތަކުން ފާހަގަކުރައްވާފައިވާ ހޯދުންތަކާއި، ކޮމިޓީތަކުގެ ހުށަހެޅުންތަކާމެދު މެންބަރުންގެ މެދުގައި ބަހުސްކުރެއްވުމަށްފަހު މިހާރު ވަނީ މަޖިލީހުން ފާސްކުރައްވާފައެވެ.

މި ރިޕޯޓުތަކުގައި، މިވަގުތު ދިވެހިރާއްޖެއަށް ދިމާވެފައިވާ މާލީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ކުރިމަތިވެފައިވާ ދަތިތައް ވަރަށް ތަފްޞީލްކޮށް ބަޔާންކޮށްފައިވެއެވެ. އަދި، އެކަންކަމާ ގުޅޭގޮތުން، ދައުލަތުގެ ކަމާގުޅޭ ހުރިހާ ވުޒާރާއަކުން މަޢުލޫމާތު ސާފުކޮށް، ދައުލަތުގެ އާމްދަނީ ހުރި މިންވަރާއި، ދައުލަތުގެ އާމްދަނީއަށް އަންނާނެ ބަދަލާއި ދައުލަތުގެ އާމްދަނީއަށް ވެގެންދާނެކަމަށް އަންދާޒާކުރެވޭ ގޮތްތައް މި ރިޕޯޓުތަކުގައި ހިމަނުއްވާފައިވެއެވެ.

މީގެއިތުރުން، ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން، ވަޒީފާ ގެއްލޭނެކަމަށް އަންދާޒާކުރެވޭ މިންވަރާއި އަދި ވަޒީފާ ގެއްލޭނެ ކަމަށް އަންދާޒާކުރެވޭ ފަރާތްތަކާއި، އެކަމުގެ ސަބަބުން ކުރިމަތިވާނެ އިތުރު އިޖްތިމާޢީ މައްސަލަތަކާއި، ބޯހިޔާވެހިކަން ގެއްލޭނެ މިންވަރާއި، އެކަންކަން ގޮސްދާނެ މިސްރާބަކާގުޅޭ ދިރާސާތައްވެސް މި ރިޕޯޓުތަކުގައި ބަޔާންކޮށްފައިވެއެވެ. އަދި، މާލެއާއި އެހެން ރަށްރަށުގައި ބަންދުވެފައި ތިބި މީހުންނާއި، ވަޒީފާ ގެއްލޭ ފަރާތްތަކާއި، ބޯހިޔާވެހިކަން ގެއްލޭ ފަރާތްތަކަށް އެހީވެވޭނެ ގޮތްތަކާއި ލަފާ މި ރިޕޯޓުތަކުގައި ހިމަނުއްވާފައިވެއެވެ.

މި ރިޕޯޓުތައް އެކުލަވާލެއްވުމަށް ކޮމިޓީތަކުން ވަނީ ކަމާ ގުޅުންހުރި ހުރިހާ މުއައްސަސާތަކާއި ވަކިވަކި ފަރުދުންނާ ތަފާތު ވަޞީލަތްތައް މެދުވެރިކޮށް ބައްދަލުކޮށް މަޢުލޫމާތު އެއްކުރައްވާފައެވެ. އެގޮތުން، މިނިވަން މުސްތަޤައްލު މުއައްސަސާތަކާއި، ސަރުކާރުގެ އިދާރާތަކާއި، އަމިއްލަ ފަރާތްތަކާއި، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާޢަށްތަކާއި، އަމިއްލި ވިޔަފާރިތަކާއި އަދި ވަކިވަކި ފަރުދުންގެ ފަރާތުން މަޢުލޫމާތު ކޮމިޓީތަކުން ހޯއްދަވާފައިވެއެވެ. މި ރިޕޯޓުތަކުގައި ހިމެނޭ ކޮމިޓީތަކުގެ ހުށަހެޅުންތަކާއި، އެ ހުށަހެޅުންތަކުގެ އަމާޒަށް ބަލާއިރު، މި ރިޕޯޓުތައް ސިފަކޮށްދެނީ ދިވެހިރާއްޖެއަށް މި ދިމާވެފައިވާ ބޮޑު މުސީބާތުން އަރައިގަތުމަށްޓަކައި، ރައްޔިތުންގެ ވަކީލުންގެ ލަފައާއި އިރުޝާދެވެ. އަދި، އެ ރިޕޯޓުތަކުން ދައްކުވައިދެނީ، ސަރުކާރުން ޢަމަލުކުރައްވަންވީ ގޮތުގެ ތަޞައްވަރެކެވެ.

މި ރިޕޯޓުތަކުގެ ބޭނުމަކީ، އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ވިސްނުންފުޅަކީ، ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގައި މިހާރު އޮތް ޙާލަތާ ގުޅޭގޮތުން ސަރުކާރަށް ލަފައެއް އެރުވުމެވެ. އަދި، މި ޙާލަތުން އަރައިގަތުމަށްޓަކައި ސަރުކާރުން ކުރައްވަން ޤަސްދުކުރައްވާ މަސައްކަތްތަކާ ގުޅޭގޮތުން މަޖިލީހަށް ފެންނަ ގޮތެއް ސަރުކާރުގައި ދެންނެވުމެވެ. އެގޮތުން މި ރިޕޯޓުތަކާމެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމެވުމުން، އެ ރިޕޯޓުތަކުގައި ހިމެނޭ ކޮމިޓީތަކުގެ ހޯދުންތަކާއި، ހުށަހެޅުންތަކާއި، އެ ހުށަހެޅުންތަކުގެ އަމާޒް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙަށް ފޮނުއްވާނެއެވެ.

މި ރިޕޯޓުތައް މިހާރު ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓްއިން ފެނިވަޑައިގަންނަވާނެއެވެ.


އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

އަލްފާޟިލް ޙަސަން ޒިޔާޢު، ޑިރެކްޓަރ, މީޑިއާ އެންޑް ކޮމިއުނިކޭޝަން | ރައްޔިތުންގެ މަޖިލީހުގެ އިދާރާ މެދުޒިޔާރަތްމަގު، މާލެ, ދިވެހިރާއްޖެ | ފޯން: 3312107 އީމެއިލް: [email protected] މަޖިލިސް ޓުވިޓަރ: @mvpeoplesmajlis

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA