ކޮވިޑް-19 ރޯގާއާ ގުޅިގެން މަޖިލީހަށް ހުށަހަޅުއްވާފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއިން ދިރާސާކުރެއްވުމަށްފަހު އެކުލަވާލެއްވި ރިޕޯޓުގައި ހިމެނޭ މުހިއްމު ކަންކަން

6 މޭ 2020 20:00

ކޮވިޑް-19 ޕެންޑެމިކްއާ ގުޅިގެން ސަރުކާރުން އިޢުލާންކުރައްވާފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމެޓީގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަންކަމާގުޅިގެންނާއި، އެ ކޮމެޓީގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ މުއައްސަސާތަކުގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވަންޖެހޭކަމަށް އެ ކޮމެޓީއަށް ފެންނަ ކަންކަމާ ގުޅޭގޮތުން އެ ކޮމިޓީން ފާސްކޮށްފައިވާ ރިޕޯޓުގައި ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ ޚުލާސާ ތިރީގައި އެވަނީއެވެ. ކޮވިޑް-19 ޕެންޑެމިކްގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ވެސް އެ ކޮމިޓީގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ހުރިހާ މުއައްސަސާއެއްގެ މަސައްކަތްތަކާއި، އެ މުއައްސަސާއަކަށް ޤާނޫނީ ގޮތުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގެ ގޮތުން އެ މުއައްސަސާއަކުން ކުރައްވަންޖެހޭ ކަންކަން މެދުނުކެނޑޭނޭގޮތަށް އެ މުއައްސަސާތަކުން ޚާއްޞަ އިންތިޒާމުތަކެއްގެ ހަމަޖައްސަވައިގެން ކުރިއަށް ގެންދެވުމަށް ތަކުރާރުކޮށް އެ ކޮމިޓީން ހުށަހަޅާފައިވެއެވެ. އަދި އެ އިންތިޒާމްތައް ހަމަޖެއްސެވުމުގައި، އެ މުއައްސަސާތަކުގެ މަސްއޫލިއްޔަތުތައް އަދާކުރައްވާ ފަރާތްތަކުންނާއި ޚިދުމަތް ހޯއްދަވާ ފަރާތްތަކުގެ ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައި، އެކަމަށް ރިޢާޔަތްކުރައްވައި އެ މުއައްސަސާތަކުގެ ޚިދުމަތްތައް ވަރޗުއަލްކޮށް ދެވޭނެ އިންތިޒާމްތައް ހަމަޖެއްސެވުމަށް އިސްކަންދެއްވުމަށާއި، އަދި ފިޒިކަލްކޮށް ނުވަތަ އެ މުއައްސަސާއަކަށް ހާޒިރުވެގެން ޚިދުމަތް ހޯދުމުގެ އިންތިޒާމްތައް ހަމަޖައްސަވާނަމަ، އިޖުތިމާޢީ ގައިދުރުކުރުމުގެ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިން އެ އިންތިޒާމްތައް ހަމަޖެއްސެވުމުގައި ސަމާލުކަންދެއްވުމަށް އެ ކޮމިޓީން ހުށަހަޅާފައިވެއެވެ. އަދި އެ އިންތިޒާމްތައް ޙާލަތަށް އަންނަ ބަދަލުތަކާ ގުޅިގެން ދޭތެރެ ދޭތެރެއިން މުރާޖައާކުރެވޭ އިންތިޒާމުތަކަކަށް ހެއްދެވުމަށް އެ ކޮމިޓީން ހުށަހަޅާފައިވެއެވެ. މިގޮތުން، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަންކަމާއި ހުރިހާ މުއައްސަސާތަކާ ގުޅޭގޮތުން އެ ކޮމިޓީން ހުށަހަޅާފައިވާ ޢާންމު ހުށަހެޅުމުގައި، ޝަރުޢީ ދާއިރާއާގުޅޭ އެންމެހައި ކަންކަން ބެލުމަކީ ވެސް އެ ކޮމިޓީގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ މަސްއޫލިއްޔަތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 121 ވަނަ މާއްދާގެ (ހ) ގެ 11 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވީ ނަމަވެސް، ޝަރުޢީ ދާއިރާއާ ގުޅޭގޮތުން އެ ކޮމިޓީން ހުށަހަޅާ ހުށަހެޅުންތަކަށް ރިއާޢަތްކުރައްވައިގެން އެކަންކަން ޙާޞިލުކުރެއްވުމަށް ކޯޓުތަކާ ޙިއްޞާކުރައްވަންޖެހޭ ކަންކަން ޙިއްޞާކުރައްވައި މަސައްކަތްކުރައްވާނީ އެކަމުގެ ޤާނޫނީ މަސްއޫލިއްޔަތު ލިބިގެންވާ މުއައްސަސާތަކުންކަމަށް ބަޔާންކޮށްފައިވެއެވެ. އެއާއެކު، އެ ކޮމިޓީގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ޖުޑީޝަލް ސަރވިސް ކޮމިޝަނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަސައްކަތްތަކާ ގުޅޭގޮތުން އެ ކޮމިޓީން ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ ތެރޭގައި، އެ ދެ މުއައްސަސާއިން އިސްވެ ބަޔާންކޮށްފައިވާ ޢާންމު ހުށަހެޅުމަށް ރިޢާޔަތްކުރައްވައި، އެ ދެ މުއައްސަސާގެ ޤާނޫނީ ދައުރު އެކަމުގައި އޮތް މިންވަރަކުން ކޯޓުތަކާ ޙިއްޞާކުރައްވައި އެގޮތަށް ޢަމަލުކުރެއްވުމަށް ކޯޓުތަކަށް މަގު ތަނަވަސްކޮށްދެއްވަމުން ގެންދެވުމަށް އެ ކޮމިޓީން ހުށަހަޅާފައިވެއެވެ. އެއަށްފަހު، ޝަރުޢީ ދާއިރާގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމާއި ޤާނޫނުގެ ވެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުން އެ ކޮމިޓީން ހުށަހަޅާފައިވާ ހުށަހެޅުންތަކުގައި، ސަރުކާރުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރައްވައި އަދި ސަރުކާރު ބަންދުކުރައްވާފައި މިވާ ދަނޑިވަޅުގައި، ކޯޓުގެ މައްސަލަތަކާއި ޝަރީޢަތުގެ އަޑުއެހުންތައް އެއްކޮށް މެދުނުކެނޑޭގޮތަށް ކުރިއަށް ގެންދެވުމަށް ޚާއްޞަ އިންތިޒާމްތައް ހަމަޖައްސަވާއިރު އިންސާފުވެރި ޝަރީޢަތެއްގެ މައިގަނޑު ހަމަތަކާއި އުޞޫލުތައް ނުގެއްލޭނޭގޮތަށް ޝަރީޢަތުގެ އަޑުއެހުންތައް ކުރިއަށް ގެންދެވުމުގެ އިންތިޒާމްތައް ހަމަޖެއްސެވުމަށް އެ ކޮމިޓީން ހުށަހަޅާފައިވެއެވެ. އަދި، ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން އަވަހަށް ނިންމަންޖެހޭ (ޕްރައިއޮރިޓީ) މައްސަލަތައް ކަނޑައަޅުއްވައި، އެ މައްސަލަތަކަށް އެންމެ ފުރަތަމަ އިސްކަމެއް ދެއްވައިގެން އެ މައްސަލަތަކާއި އަޑުއެހުންތައް ކުރިއަށް ގެންދެވުމަށާއި، އެންމެ އިސްކަމެއްދީގެން އަވަހަށް ނިންމަންޖެހޭ (ޕްރައިއޮރިޓީ) މައްސަލަތައް ކަނޑައެޅުއްވުމުގައި، ހައްޔަރުކުރެވިގެން ބަންދާމެދު ގޮތް ނިންމެވުމަށް ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި، ޙުކުމަކާ ނުލައި ހައްޔަރުގައި ތިބޭ މީހުންގެ ބަންދުގެ މުއްދަތުގެ މައްސަލަތަކާއި، އެފަދަ މީހުންގެ ޝަރީޢަތުގެ އަޑުއެހުންތަކާއި، ޓެރަރިޒަމްގެ މައްސަލަތަކާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ބެހޭ ޤާނޫނުގެ ދަށުން ހުށަހެޅޭ މައްސަލަތަކާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކާއި، ގެވެށި އަނިޔާއާގެ މައްސަލަތަކާއި، އަވަސް ނިޔާގެ މައްސަލަތަކާއި، ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ނުވަތަ ޤާނޫނަކުން ލާޒިމުކޮށްފައިވާ މައްސަލަތަކާއި، ކޯޓު ޢަމުރުގެ މައްސަލަތައް ހިމެނެންވާނޭކަމަށް އެ ކޮމިޓީން ހުށަހަޅާފައިވެއެވެ. މި ހުށަހެޅުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސްއޫލިއްޔަތުތަކާ ގުޅުންހުރި ހުށަހެޅުމަކަށްވުމުން، އެ އޮފީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ ތެރޭގައި މި ހުށަހެޅުން ތަކުރާކޮށްފައިވެއެވެ. މީގެ އިތުރުން، ޤާނޫނު ނަންބަރު 2012/7 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ (ހ) ގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އިޢުލާންކުރައްވާފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތަކީ އޭގެ ޒާތުގައި ރައްޔިތުންގެ އަސާސީ ޙައްޤުތައް ހަނިކުރެވިގެންދާ ދަނޑިވަޅެއްކަމަށްވުމާއި، ނުވަތަ އެ ޙާލަތުގައި ސަންސެޓް ޤާނޫނަކުން ވިޔަސް ޙައްޤުތައް ހަނިކޮށްފިނަމަ، އޭގެ ސަބަބުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ޤާނޫނު ނަންބަރު 2012/7 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާއާ ޚިލާފަށް އެއްވެސް ޙައްޤަކަށް އުނިކަމެއް އާދޭތޯ ބެލުމުގެ މައްސަލަތަކާއި، ދުސްތޫރީ މައްސަލަތައް ބެލުމުގެ ބޭނުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ހައިކޯޓުގެ މަސައްކަތްތައް މެދުނުކެނޑި ކޮންމެހެން ކުރިޔަށް ގެންދެވުމަށް އެ ކޮމިޓީން ހުށަހަޅާފައިވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ބައެއް މުއައްސަސާތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން ޚާއްޞަ ހުށަހެޅުންތަކެއް އެ ކޮމިޓީގެ ރިޕޯޓުގައި ހުށަހަޅާފައިވެއެވެ. އެގޮތުން، އެ ކޮމިޓީގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ޖުޑީޝަލް ސަރވިސް ކޮމިޝަނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއާ ގުޅޭގޮތުން ހުށަހަޅާފައިވަނީ، ޚާއްޞަ އިންތިޒާމްތަކެއް ހަމަޖައްސަވައިގެން އެ ދެ މުއައްސަސާގެ މަސައްކަތްތައް މެދުނުކެނޑި އެ ދެ މުއައްސަސާގެ ޤާނޫނީ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި އެކުއެކީގައި މަސައްކަތްކުރައްވަމުން ގެންދެވުމަށެވެ. އަދި، ކޮވިޑް-19 ޕެންޑަމިކްއާ ގުޅިގެން ޢާންމު ރައްޔިތުންގެ މާލީ ޙާލަތު ވަރަށް ބޮޑަށް ދަށްވެފައިވާ ދަނޑިވަޅެއްކަމަށްވެފައިވާތީ އެކަމަށް ރިޢާޔަތްކުރައްވައި ދިވެހިރާއްޖޭގެ ކޯޓުތަކުން މައްސަލައިގެ ބަޔާންތައް ފޮޓޯކޮޕީ ހެއްދުމުގައި ނަންގަވާ ފީތައް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މުރާޖަޢާކުރައްވައި، ފޮޓޯކޮޕީ ހެއްދެވުމަށް ބޮޑެތި ޢަދަދުތައް ނުނެންގެވުމަށް ނުވަތަ އެ އަގު ކުޑަކުރެއްވުމަށް ނުވަތަ އެކަމަށް އެއްވެސް އަގެއް މި ދަނޑިވަޅުގައި ނުނެންގެވުމާމެދު ގޮތެއް ނިންމެވުމަށް އެ ކޮމިޓީން ހުށަހަޅާފައިވެއެވެ. އެއަށްފަހު، އެ ކޮމިޓީގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާ ގުޅޭގޮތުން އެ ކޮމިޓީން ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ ތެރޭގައި، ޖިނާޢީ ތަޙްޤީޤުތައް ހިނގާގޮތް ބެއްލެވުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭކަމަކަށްވުމާއި، މި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި އެކަން ނުބައްލަވައިފިނަމަ ތަޙްޤީޤު ފުރިހަމަ ނުވާ، ނުވަތަ ދަޢުވާ ސާބިތުނުކުރެވިދާނޭ މައްސަލަތައް އިތުރުވުމުގެ ފުރުޞަތު އޮތަތީ، މި ޙާލަތުގައި ވެސް އެ މަސްއޫލިއްޔަތު ފުރިހަމައަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަދާކުރެއްވުމަށް އެ ކޮމިޓީން ހުށަހަޅާފައިވެއެވެ. އަދި، މި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ހައްޔަރުކުރެވޭ މީހުން ޖަލުގައި ބަންދުކުރެވެނީ ކޮންމެހެން ބަންދުކުރަންޖެހޭ މައްސަލައެއްގައި ނުވަތަ އެފަދަ ޙާލަތެއް އޮވެގެންތޯ ބެއްލެވުމުގައި އިތުރަށް ސަމާލުކަން ދެއްވައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ ކަންކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މުޠާލިއާކުރެއްވުމާއި މުރާޖަޢާކުރެއްވުމަށް އެ ކޮމިޓީން ހުށަހަޅާފައިވެއެވެ. އަދި، މި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައިވެސް، ޖިނާޢީ މައްސަލަތަކުގައި ކޯޓުތަކުން އިއްވަވާ ޙުކުމްތައް ނުވަތަ ނިންމެވުންތައް އިސްތިއުނާފުކުރެވި، އެ އިސްތިއުނާފްގެ އަޑުއެހުންތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލް ތަމްސީލު ކުރެވެންވާނޭކަމަށް އެ ކޮމިޓީން ހުށަހަޅާފައިވެއެވެ. ހަމައެއާއެކު، ޖިނާޢީ މައްސަލަތަކުގައި ދަޢުވާކުރުމުގެ މުއްދަތުތައް ޤާނޫނުތަކުން ކަނޑައެޅިފައިވާ މައްސަލަތަކުގައި އެ މުއްދަތުތަކާ އެއްގޮތަށް ދަޢުވާ އުފުއްލެވުމުގެ ބޭނުންތެރިކަން ފާހަގަކޮށް، ސަރުކާރުން އިޢުލާނުކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން، ފުރިހަމަ ތަޙްޤީޤެއް ކުރެވިގެން، އެ މުއްދަތުތަކާ އެއްގޮތަށް ދަޢުވާ އުފުއްލެވުމަށް ބޮޑެތި ހުރަސްތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމަކަށްވާތީ، އެކަމުގެ ސަބަބުން އެފަދަ މައްސަލަތަކުގައި ދަޢުވާ އުފުއްލެވުމުގެ ފުރުޞަތު އެއްކޮށް ގެއްލިގެން ހިނގައިދާނެތީ، އެގޮތަށް ބޮޑެތި ހުރަސްތައް ކުރިމަތިވާ މައްސަލަތައްކަމަށް ކަނޑައެޅޭ މައްސަލަތަކުގައި، މި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި އެކަނި ޢަމަލުކުރެވޭ ގޮތަށް އެފަދަ މައްސަލަތަކުގައި އިތުރު މުއްދަތެއް ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިދެވޭގޮތަށް ރައްޔިތުންގެ މަޖިލީހުން ކަމާގުޅުންހުރި ޤާނޫނަށް ޚާއްޞަ އިސްލާޙެއް ގެނައުމަށް ނުވަތަ ސަންސެޓް ޤާނޫނެއް ފާސްކުރުމަށް އެ ކޮމިޓީން ހުށަހަޅާފައިވެއެވެ. އެއަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްއާ ގުޅޭގޮތުން އެ ކޮމިޓީން ހުށަހަޅާފައިވާ ހުށަހެޅުމުގައި، ކޮވިޑް-19 ޕެންޑެމިކްއާ ގުޅިގެން ކުރިމަތިވެފައިވާ އިޤްތިޞާދީ މައްސަލަތަކާ ގުޅުވައިގެން، ޤާނޫނާއި ނުވަތަ ވަޒީފާގެ އެއްބަސްވުންތަކާ ޚިލާފަށް ބައެއް ތަންތަނުގައި ވަޒީފާއަދާކުރާ ފަރާތްތައް ވަޒީފާއިން ވަކިކޮށް، ނުވަތަ މިހާރު ވަޒީފާއިން ވީއްލާ ވީއްލުމަކީ އަހަރީ ޗުއްޓީކަމަށް ބެލުމަށް އަންގައި އެގޮތަށް މުވައްޒަފުންނަށް މަޖުބޫރުކުރުވަމުންދާ މައްސަލަތަކުގެ ޝަކުވާ ފެންމަތިވެފައިވުމާއި، ވަޒީފާއަދާކުރާ ފަރާތްތަކުގެ ޙައްޤު ގެއްލިދިއުމުގެ މައްސަލަތައް އިތުރުވުމަކީ މި ޙާލަތުގައި އެކަށީގެންވާކަމަކަށް ވީހިނދު، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަތައް ހުށަހެޅުމުގެ ފުރުޞަތު ފަހިކޮށްދެއްވާފައި އޮތް ނަމަވެސް، މައްސަލަތައް ބެއްލެވުން ކުރިއަށް ނުދާކަން ފާހަގަކުރެވޭތީ، މައްސަލަތައް ބެއްލެވުން އެއްކޮށް މެދުނުކެނޑޭނޭގޮތަށް ޚާއްޞަ އިންތިޒާމުތަކެއް ޤާއިމުކުރައްވައިގެން، މައްސަލަތައް ބައްލަވަމުން ގެންދެވުމަށް ހުށަހަޅާކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، އެ ކޮމިޓީގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކްލެމެންސީ ބޯޑާއި ޕެރޯލް ބޯޑާ ގުޅޭގޮތުން އެ ކޮމިޓީން ހުށަހަޅާފައިވަނީ، ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ މީހުންގެ މިނިވަންކަން (ލިބަޓީ) ގެއްލޭ ބާވަތުގެ މައްސަލަތަކަކީ މެދުނުކެނޑި ބެލެންވާނެ މައްސަލަތަކެއްކަމުގައި ވީހިނދު، ޖަލުތައް ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން ކްލެމެންސީއާއި ޕެރޯލް ޙައްޤުވާ ފަރާތްތައް ދެނެގަތުން ކުރިއަށްވުރެ ހަރުދަނާކުރައްވައި، ޖަލު ބަންދުގައި ގިނަ ޒަމާންތަކަކަށް ތިބެންނުޖެހޭ ފަރާތްތައް ވެސް ޢަދުލުގެ ނިޒާމުގައި ހުރި މައްސަލަތަކުގެ ސަބަބުން އެ ފަރާތްތަކުގެ މައްޗަށް އެންމެ ފުރިހަމައަށް އިންސާފު ޤާއިމުނުކުރެވިވުމުގެ ސަބަބުން ބަންދުގައި ހޭދަކުރަންޖެހިފައިވާކަމަށް ވެސް ރިއާޢަތްކުރައްވައި، ކްލެމެންސީ ނުވަތަ ޕެރޯލް ޙައްޤުވާ ފަރާތްތަކުގެ މައްސަލަތައް ލަސްނުކުރައްވައި ނިންމަވައި އެ ފަރާތްތަކަށް ކްލެމެންސީ ނުވަތަ ޕެރޯލްގެ ފުރުޞަތު ހަމަޖެހޭނޭ ގޮތް ހެއްދެވުމަށް އެ ކޮމިޓީން ހުށަހަޅާފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ދިވެހިރާއްޖޭގެ ބާ ކައުންސިލާ ގުޅޭގޮތުން އެ ކޮމިޓީން ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ ތެރޭގައި، ޢާންމު ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ކޯޓުތަކުން ޢަމަލުކުރެއްވުމަށް ހަމަޖައްސަވާފައިވާ ޚާއްޞަ އިންތިޒާމްތަކާ ގުޅިގެން ވަކީލުންގެ ސުލޫކީ މިންގަނޑު ހިފެހެއްޓެވުމަށް އިލްތިމާސްކުރައްވައި ބާރުއެޅުއްވުމަށާއި، އެ އިންތިޒާމްތަކުގެ ސަބަބުން ވަކީލުންނަށް ކުރިމަތިވާ ދަތިތަކާއި ގޮންޖެހުންތައް ފާހަގަކުރައްވައި އެކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް ބާރުއެޅުއްވުމަށާއި، ވަކީލުންގެ ޞިއްޙީ ރައްކާތެރިކަމަށް ސަމާލުކަންދެއްވުމަށް އިރުޝާދުދެއްވުމުގެ އިތުރުން އެކަން ކަށަވަރުވާގޮތަށް ދައުލަތުގެ މުއައްސަސާތަކުގެ އިންތިޒާމުތައް ހަމަޖެހިފައިވޭތޯ ބައްލަވަމުން ގެންދެވުމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލަށް އެ ކޮމިޓީން ހުށަހަޅާފައިވެއެވެ. ކޮވިޑް-19 ޕެންޑެމިކްއާ ގުޅިގެން ސަރުކާރުން އިޢުލާންކުރައްވާފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި، ޖުޑީޝިއަރީ ކޮމިޓީގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަންކަމާއި މުއައްސަސާތަކާ ގުޅޭގޮތުން އެ ކޮމިޓީން ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ އަމާޒަކީ، މި ޙާލަތަށް ކުރިމަތިލުމުގައި މުޅި ދައުލަތާއި އެންމެހައި މުއައްސަސާތަކާއި ކޯޓުތަކާއި ޓްރައިބިއުނަލްތަކާއި ޝަރުޢީ ދާއިރާގައި ހިމެނޭ އެންމެހައި މުއައްސަސާތަކެއްގެ މަސައްކަތްތައް އެއްކޮށް މެދުނުކެނޑި މަސައްކަތްކުރެވޭނޭ ގޮތްވުމާއި، އެފަދައިން މަސައްކަތްކުރާއިރު އިންސާނީ ޙައްޤުތަކުގެ މައިގަނޑު މަބްދައުތައް ނެތިނުދާނޭހެން އެކަންކަން ނެގެހެއްޓުމާއި، ޤާނޫނުގެ ވެރިކަން ހިނގާކަން ކަށަވަރުކުރުމާއި، އިންސާފަށް ވާސިލުވުމުގެ ޙައްޤު ކަށަވަރުކުރުމާއި، ދިގު މައްދަތަކަށް ޝަރުޢީ ނިޒާމު ހުއްޓިއްޖެނަމަ ދެން ކުރިމަތިވާނޭ ބޮޑެތި ގެއްލުންތަކާއި ގޮންޖެހުންތައް ކުޑަކުރުމާއި، މައްސަލަތައް ނުބެލި ތޮއްޖެހޭގޮތްވުން ކުޑަކުރުން ކަމުގައި އެ ކޮމިޓީން ފާހަގަކޮށްފައިވެއެވެ. ______________ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ: އަލްފާޟިލް ޙަސަން ޒިޔާޢު، ޑިރެކްޓަރ, މީޑިއާ އެންޑް ކޮމިއުނިކޭޝަން | ރައްޔިތުންގެ މަޖިލީހުގެ އިދާރާ މެދުޒިޔާރަތްމަގު، މާލެ, ދިވެހިރާއްޖެ | ފޯން: 3312107 އީމެއިލް: [email protected] މަޖިލިސް ޓުވިޓަރ: @mvpeoplesmajlis
ލިޔުން ޝެއަރ ކުރުމަށް

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA