ޚަބަރާއި އިވެންޓްސް

ކޮވިޑް-19 ރޯގާއާ ގުޅިގެން މަޖިލީހަށް ހުށަހަޅުއްވާފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއިން ދިރާސާކުރެއްވުމަށްފަހު އެކުލަވާލެއްވި ރިޕޯޓުގައި ހިމެނޭ މުހިއްމު ކަންކަން

6 މޭ 2020 21:00

ރައްޔިތުންގެ ލާމަރުކަޒީ ކޮމިޓީއާ ޙަވާލުވެފައިވާ މައިގަނޑު މަސައްކަތްތައް ދިރާސާކުރުމަށްޓަކައި، މާލެ ސިޓީ ކައުންސިލާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އާއެކު ފުޅާދާއިރާއެއްގައި ކުރި މަޝްވަރާތަކަށްފަހު މި މައްސަލައާ ގުޅިގެން ސަރުކާރުން ކުރެއްވުމަށް ހަމަޖައްސަވާފައިވާ ބައެއް މަސައްކަތްތަކާ ގުޅޭގޮތުން ކޮމިޓީއިން ގިނަ ހުށަހެޅުންތަކެއް ވަނީ ހުށަހަޅާފައެވެ.

އެގޮތުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި، ދަނޑުވެރިންނާއި، ރިޒޯޓުތަކާއި، ގެސްޓް ހައުސްތަކާއި، މަސްވެރިންނަށް ތަފާތު ސްކީމްތަކުގެ ތެރެއިން ލޯނާއި، ފައިސާ ދޫކުރުމަށް ސަރުކާރުން ނިންމަވާފައިވާހިނދު، ރަށްރަށުގެ އަމިއްލަ ވިޔަފާރިތަކަށް ކޮށްފައިވާ ނުރަނގަޅު އަސަރުތައް ކައުންސިލްތައް މެދުވެރިކޮށް އެލް.ޖީ.އޭއިން ހޯދުމަށްފަހު، އެ ފަރާތްތަކަށް ލޯނު ނަގައިގެން ނުވަތަ އެނޫންވެސްގޮތަކުން ލިބިފައިވާ ގެއްލުންތަކުން އަރައިގަނެވޭނެ ގޮތް ހަމަޖައްސައިދިނުމުގެ ގޮތުން ސަރުކާރުން މި ދަނޑިވަޅުގައި ތަފާތު ސްކީމްތަކުގެ ދަށުން ދެމުންގެންދާ ފައިސާ ހޯދުމަށްއެދި ހުށަހެޅޭނެ ފަސޭހަ އިންތިޒާމްތަކެއް ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ލިބިފައިވާކަން ކަށަވަރުކުރުމަށް ކޮމިޓީން ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން، ކާނާގެ ޔަޤީންކަން އިތުރުކުރުމުގެގޮތުން ދަނޑުވެރިންނާ ގުޅިގެން އެސްޓީއޯއިން ފަށާފައިވާ މަސައްކަތްތަކާއި ގުޅިގެން މި ކޮމިޓީއިން ވަނީ ގިނަ ހުށަހެޅުންތަކެއް ހުށަހަޅާފައެވެ. އެގޮތުން، މީހުން ދިރިއުޅޭ ގޭގޭގައިވާ ހުސް ޖާގާއިގައި ކާނާ ލިބޭ ދަނޑުވެރިކަންކުރުމަށް ބާރުއެޅުމުގެގޮތުން ކުޑަ ޖާގައެއްގައި ކުރެވިދާނެ ދަނޑުވެރިކަމާގުޅޭ މަޢުލޫމާތު އެލް.ޖީ.އޭ މެދުވެރިވެގެން ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށާއި، ރަށްރަށުގައި ދަނޑުވެރިކަން ކުރުމަށް އެރަށަކުން ލިބެންހުރި ބިމުގެ ސަރަޙައްދުގެ ތަފާސްހިސާބެއް ކައުންސިލްތަކުން ހަދައި އެލް.ޖީ.އޭއާއި ހިއްސާކޮށް، ވަގުތީގޮތުން ދަނޑުވެރިކަންކުރުމަށް އެދޭ ފަރާތްތަކަށް ކައުންސިލްތައް މެދުވެރިކޮށް ބިން ދޫކުރުމަށް ވަނީ ހުށަހަޅާފައެވެ. އަދި، ކާބޯތަކެތީގެ ރައްކާތެރިކަމަށް އިސްކަންދީގެން ދިވެހި އުފެއްދުންތަކާއި، ހުނަރުވެރިކަން، އިތުރުކުރުމަށްޓަކައި އެލް.ޖީ.އޭ މެދުވެރިކޮށް ތަމްރީނުތަކެއް ކުރިއަށްގެންދިޔުމަށާއި، ބިމުގެ ދަތިކަމުގެ ސަބަބުން އަމިއްލަ ރަށުގައި ދަނޑުވެރިކަން ކުރެވެން ނެތް ފަރާތްތަކަށް، އެކަކަށްވުރެ ގިނަ މީހުންނަށް ދަނޑުވެރިކަން ކުރެވޭގޮތަށް ފަޅުރަށްތައް ކުރު މުއްދަތަކަށް ދޫކުރުމަށްވެސް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން، ދަނޑުވެރިކަމަށް މިހާރު ދޫކޮށްފައިވާ ރަށްތަކުގެ ބޭނުންކުރަނީ ދަނޑުވެރިކަމަށްކަން ކަށަވަރުކުރުމުގެ ގޮތުން އެފަދަ ރަށްތަކުގެ ސާރވޭއެއް އަތޮޅު ކައުންސިލްތައް މެދުވެރިކޮށް ހަދައި، ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދަނޑުވެރިކަން ކުރަމުންނުދާ ނަމަ އެރަށްތަކުގެ އެއްބަސްވުން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ބާތިލުކުރުމަށާއި، ދަނޑުވެރިކަމަށް ބިން ދޫކުރުމުގެ މައިގަނޑު އެއް ބޭނުމަކީ ދިވެހިންނަށް މަސައްކަތުގެ ފުރުސަތުތަކާއި އާމްދަނީ ހޯދޭނެ ގޮތްތައް މަގުފަހިކޮށްދިނުން ކަމުގައިވާތީ، ދަނޑުވެރިކަމަށް ދޫކުރާ ބިންތަކާއި ރަށްތަކުގައި އެ މަސައްކަތް ކުރަނީ ދިވެހިންކަން ކައުންސިލްތައް މެދުވެރިކޮށް ޔަޤީންކުރުންވެސް ކޮމިޓީން ހުށަހެޅި ކަންކަމުގެ ތެރޭގައި ހިމެނެއެވެ.

އަދި، ކޮވިޑް-19އާ ގުޅިގެން ވަޒީފާ ގެއްލޭ މުވައްޒަފުންގެ ފަރާތުން ހުށަހަޅާ މައްސަލަތައް ބެލުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ދަށުން ހިންގަމުންދާ ލޭބަރ ރިލޭޝަންސް އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކާއި ގުޅިގެން، ކޮންމެ ރަށެއްގެ ރަށު ކައުންސިލުން އެ ރަށެއްގައި ރަށްވެހިވެފައިވާ ރައްޔިތުންގެ ތެރެއިން ވަޒީފާ ގެއްލިފައިވާ މީހުންގެ ތަފާސްހިސާބެއް ހަދައި އެލް.ޖީ.އޭއާ ހިއްސާކުރުމަށާއި، ވަޒީފާ ގެއްލޭ ފަރާތްތަކަށް ސަރުކާރުން ދިނުމަށް ނިންމާފައިވާ ޢިނާޔަތްތަކުގެ މަޢުލޫމާތުތަކަށް ރަށްރަށުގައި އުޅޭ މީހުން އަހުލުވެރިވެފައިވާކަން ކަށަވަރުކުރުމާއެކު މި ފައިސާ ހޯދުމަށްއެދި ހުށަހެޅޭނެ ފަސޭހަ އިންތިޒާމްތަކެއް ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ހަމަޖެހިފައިވާކަން ކަށަވަރުކުރުމަށް މި ކޮމިޓީން ވަނީ ހުށަހަޅާފައެވެ.

މީގެއިތުރުން، މާލޭގެ މާރުކޭޓުގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުންކުރަމުންގެންދާ މަސައްކަތްތަކާއި ގުޅިގެން، މި ކޮމިޓީއިން ވަނީ މާރުކޭޓު ގޮޅިތައް ކުއްޔަށްދޫކޮށްފައިވާ ފަރާތްތަކުން ތިންވަނަ ފަރާތަކަށް ކުއްޔަށް ދީގެން ވިޔަފާރިކުރަމުންދާ ގޮޅިތައް އެފަދަ ފަރާތްތަކުން އަތުލުމަށާއި، މާރުކޭޓުގެ ގޮޅިތައް ތިންވަނަ ފަރާތަކަށް ކުއްޔަށް ދިނުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބަކީ ގޮޅިތަކުގެ ސައިޒު ކުޑަވުމުގެ ސަބަބުން ދެ ގޮޅި އެއްކޮށްލައިގެން ވިޔަފާރިކުރުންކަމުގައިވާތީ، އަލަށް އިއުލާންކޮށްގެން ގޮޅިތައް ދޫކުރާއިރު އެ ގޮޅިތަކަކީ އެކަށީގެންވާ ސައިޒްތަކެއްގެ ގޮޅިތަކެއްކަން ކަށަވަރުކުރުމަށް ހުށަހަޅާފައެވެ. މި މައްސަލައާ ގުޅިގެން ސަރުކާރުން ކުރެއްވުމަށް ހަމަޖައްސަވާފައިވާ ބައެއް މަސައްކަތްތަކާ ގުޅޭގޮތުން މި ހުށަހެޅުންތަކުގެ އިތުރުން، އިތުރު ބައެއް ކަންކަން ކޮމިޓީގެ މެންބަރުން ފާހަގަކޮށްފައިވެއެވެ. އޭގެތެރޭގައި، ލާމަރުކަޒީ ޤާނޫނަށް އެންމެ ފަހުން ގެނެވުނު އިޞްލާޚުގެ ދަށުން ކައުންސިލްތަކަށް ލިބިފައިވާ ބާރުތަކާ ގުޅޭގޮތުން ކައުންސިލްތަކަށް އެލް.ޖީ.އޭއިން ލަފާދިނުމަށްފަހު ވީހާވެސް އަވަހަކަށް ކައުންސިލްތަކުގެ މަސައްކަތްތައް ފަށައިގަތުމަށް ވަނީ ހުށަހަޅާފައެވެ. އަދި، ރަށްރަށުގައި މަސްވެރިކަމުގެ މަސައްކަތްތައް ކުރުމަށް ދޫކުރެވިފައިވާ ބިންތަކުގެ ސާރވޭއެއް ހަދައި ވަކި ޕްލޭނެއްގެ ދަށުން މަސްވެރިކަމުގެ ބޭނުމަށް ކައުންސިލްތައް މެދުވެރިކޮށް ބިން ދޫކުރުމަށާއި، އެކިއެކި އިޤްތިސާދީ މަސައްކަތްތައް ކުރުމަށް ދޫކޮށްފައިވާ ބިންތައް އެ ބިންތައް ދޫކޮށްފައިވާ ބޭނުމަށް ބޭނުންކުރަމުންނުދާނަމަ އެފަދަ ފަރާތްތަކާއެކު ހަދާފައިވާ އެއްބަސްވުން ބާތިލުކުރުމަށްވެސް ވަނީ ހުށަހަޅާފައެވެ.

މީގެއިތުރުން، ކޮވިޑް19ގެ ސަބަބުން ދިމާވެފައިވާ މި ޙާލަތުގައި އިޖްތިމާއީ ގައިދުރުކަމަށް އިސްކަންދީގެން ކައުންސިލްގެ ބައްދަލުވުންތައް ބާއްވައި، ކައުންސިލްގެ އެހެނިހެން މަސައްކަތްތައް ކުރެވޭނެ އިންތިޒާމް ކައުންސިލްތަކުގައި ހަމަޖެހިފައިވާކަން އެލް.ޖީއޭ.އިން ކަށަވަރުކުރުމަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި، ކޮވިޑް19ގެ ސަބަބުން ދިމާވެފައިވާ މި ޙާލަތުގައި އެތައް ރައްޔިތުންނަކަށް ނަފްސާނީގޮތުން އަސަރުކޮށްފައިވާއިރު، އެފަދަ ފަރާތްތަކުގެ ތެރެއިން ކައުންސެލިން ބޭނުންވާ ފަރާތްތަކަށް ރަށުގައި ތިބެގެން އެ ޚިދުމަތް ހޯދޭނެ އިންތިޒާމް ހަމަޖެހިފައިވާކަން އަތޮޅު ހޮސްޕިޓަލްތަކާ ގުޅިގެން ކައުންސިލްތަކުން ކަށަވަރުކުރުމަށާއި، އަދި، ކޮންމެ ރަށެއްގެ ރަށު ކައުންސިލަކުންވެސް އެ ރަށެއްގައި މަސައްކަތްކުރަމުންދާ ބިދޭސީންގެ ދަފްތަރެއް އެ ބިދޭސީއަކު މަސައްކަތް ކުރަމުންދާ ދާއިރާ ސާފުވާނެގޮތަށް އެކުލަވާލައި އެލް.ޖީ.އޭއަށް ފޮނުވުމަށް އެ ކޮމިޓީއިން ވަނީ ހުށަހަޅާފައެވެ.


އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

އަލްފާޟިލް ޙަސަން ޒިޔާޢު، ޑިރެކްޓަރ, މީޑިއާ އެންޑް ކޮމިއުނިކޭޝަން | ރައްޔިތުންގެ މަޖިލީހުގެ އިދާރާ މެދުޒިޔާރަތްމަގު، މާލެ, ދިވެހިރާއްޖެ | ފޯން: 3312107 އީމެއިލް: [email protected] މަޖިލިސް ޓުވިޓަރ: @mvpeoplesmajlis

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA