ޚަބަރާއި އިވެންޓްސް

‏ކޮވިޑް-19 ރޯގާއާ ގުޅިގެން މަޖިލީހަށް ހުށަހަޅުއްވާފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއިން ދިރާސާކުރެއްވުމަށްފަހު އެކުލަވާލެއްވި ރިޕޯޓުގައި ހިމެނޭ މުހިއްމު ކަންކަން

15 މޭ 2020 20:00

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއާ ޙަވާލުކުރެވުނީ ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ހިންގެވުމަށް ހުށައަޅާފައިވާ ޕްރޮގްރާމްއާއި ގުޅިގެން އާމްދަނީ ދަށްވެފައިވާ މީހުންނާއި ދާއިރާތަކުގެ ލިސްޓެއް އެކުލަވާލުމާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައެވެ. މި ލިސްޓު އެކުލަވާލެވިފައިވަނީ، ދިވެހިރާއްޖޭގެ ހުރިހާ ރަށު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށް ސިޓީ ފޮނުވައި، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުން ލިބުނު ޖަވާބުތަކުގެ މައްޗަށް ބިނާކޮށެވެ.

އެގޮތުން، މި ކޮމިޓީގެ ހޯދުންތަކުގެ ތެރޭގައި، ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމުގައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން އާމްދަނީ މަދުވެ ގެއްލުން ލިބިފައިވާ ދާއިރާތަކުގެ ގޮތުގައި ކޮމިޓީއިން ފާހަގަކޮށްފައިވާ ދާއިރާތަކަކީ މަސްވެރިކަމާއި، ފަރުމަސް ރިސޯޓްތަކަށް ވިއްކާ ފަރާތްތަކާއި، ލަނޑާގެ މަސްވެރިކަންކުރާ ފަރާތްތަކާއި، ދަނޑުވެރިކަމާއި، ޓުއަރިޒަމް ދާއިރާ/ ލޯކަލް ޓުއަރިޒަމްގެ ދާއިރާތަކާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރާ ފަރާތްތަކާއި، ހޮޓާ އަދި ރެސްޓޯރަންޓްގެ މަސައްކަތްކުރާ ފަރާތްތަކާއި، ކޮންސްޓްރަކްޝަން ދާއިރާތަކާއި، ކޮންޓްރެކްޓް މަސައްކަތްކުރާ ފަރާތްތަކާއި، ޕްރައިވެޓް ކުންފުނި އަދި އޮފީސްތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި، ފަންގިވިނުމާއި، ރޯނުވެށުމާއި، ލިޔެލާޖެހުމާއި، ކުލީ ކޮޓަރި ދޫކުރާ ފަރާތްތަކާއި، ޓިއުޝަންދޭ ފަރާތްތަކާއި، ޓެކްސީކުރާ ފަރާތްތަކާއި، ކަނޑުދަތުރުފަތުގެ ޚިދުމަތްދޭ ފަރާތްތަކާއި އަދި ލޯކަލް ކައުންސިލް އިންތިޚާބުގައި ބައިވެރިވެފައިވާ ފަރާތްތަކެވެ.

ކޮވިޑް-19 ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން އާމްދަނީ މަދުވެ އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ޓުއަރިޒަމްގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށްކަން ކޮމިޓީގެ ދިރާސާއިން ވަނީ ފާހަގަކޮށްފައެވެ. ރިސޯޓްތަކާއި، ގެސްޓްހައުސްތަކާއި، ހޮޓާ އަދި ރެސްޓޯރަންޓްތައް ބަންދުކުރަންޖެހުމުން ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރެވި ނުވަތަ މުސާރަ ނުލިބިވާކަމާއި، އަދި، ރިސޯޓްތަކާއި ގެސްޓްހައުސްތައް ބަންދުކުރުމުގެ ސަބަބުން އެ ދާއިރާތަކާ ގުޅުންހުރި މަސައްކަތްތައް (ފަރުމަސްވެރިކަން، ލަނޑާގެ މަސްވެރިކަން، ފަންގިވިނުން އަދި ލިޔެލާޖެހުން) ހުއްޓި، އެ މަސައްކަތްކުރާ ފަރާތްތަކަށް އާމްދަނީ ލިބޭނެ އިތުރު ގޮތެއް ނެތްކަންވެސް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، ދަތުރުފަތުރުގެ ނިޒާމަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން، ދަނޑުވެރިކަންކުރުމަށް ބޭނުންވާ އާލާތްތަކާއި އަދި ގަސްކާނާފަދަ ތަކެތި ލިބުމަށް ދަތިވެފައިވާކަމާއި، ޕްރައިވެޓް ކުންފުނި އަދި އޮފީސްތަކުގައި މަސައްކަތްކުރާ ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރެވި ނުވަތަ މުސާރަ ނުލިބިވާކަންވެސް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި، ރަށުގައި ދިރިއުޅޭ މީހުންގެ އާމްދަނީ ދަށްވުމުން ގިނަ ފިހާރަތަކެއްގެ ވިޔަފާރި ދަށްވެފައިވާކަމާއި މިކަމުގެ ސަބަބުން ފިހާރަތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ދިނުމަށް ދަތިވެފައިވާކަން، އަދި، އަމިއްލަ މަސައްކަތްކުރާ ފަރާތްތައް (ކޮންޓްރެކްޓް މަސައްކަތްކުރާ ފަރާތްތައް، ޓިއުޝަންދޭ ފަރާތްތައް އަދި ޓެކްސީކުރާ ފަރާތްތައް) އާމްދަނީ ހޯދާނެ އިތުރުގޮތެއްނެތި ތިބެންޖެހިފައިވާކަންވެސް ފާހަގަކުރެވިފައިވެއެވެ.

އަދި، ލޯކަލް ކައުންސިލް އިންތިޚާބު ފަސްވެފައިވުމުން، ވަޒީފާދޫކޮށް މި އިންތިޚާބުގައި ބައިވެރިވެފައިވާ ފަރާތްތަކުގެ މާލީ ޙާލަތު ދަށްވެފައިވާކަމާއި، ރަށުގައި ދިރިއުޅޭ މީހުންގެ ޢަމްދަނީ ދަށްވުމުން ރަށު ތެރެއިން މަސައްކަތް ހޯދައިގެން ދިރިއުޅޭ ފަރާތްތަކަށް މަސައްކަތެއް ނުލިބި، ދިރިއުޅުމުގެ ޒަރޫރީ ބޭނުން ފުއްދުމަށް ދަތިވެފައިވާކަންވެސް މި ރިޕޯޓުގައި ފާހަގަކުރެވިފައިވެއެވެ. މީގެއިތުރުން، ކޮވިޑް-19އާ ގުޅިގެން ޢިމާރާތްކުރުމަށް ބޭނުންވާ ސާމާނާއި މެޝިނަރީޒް ލިބުމުގައި ހުރި ދަތިކަމުގެ ސަބަބުން ކޮންސްޓްރަކްޝަން ދާއިރާގެ މަސައްކަތްތައް ހުއްޓިފައިވާކަމާއި، ޖުމްލަކޮށް ހުރިހާ ރަށެއްގައި ދިރިއުޅޭ ހުރިހާ ފަރާތްތަކުގެ ދިރިއުޅުމުގެ ޙާލަތު ދަށްވެފައިވާކަން މި ކޮމިޓީގެ ދިރާސާއިން ފާހަގަކޮށްފައިވެއެވެ.


އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

އަލްފާޟިލް ޙަސަން ޒިޔާޢު، ޑިރެކްޓަރ, މީޑިއާ އެންޑް ކޮމިއުނިކޭޝަން | ރައްޔިތުންގެ މަޖިލީހުގެ އިދާރާ މެދުޒިޔާރަތްމަގު، މާލެ, ދިވެހިރާއްޖެ | ފޯން: 3312107 އީމެއިލް: [email protected] މަޖިލިސް ޓުވިޓަރ: @mvpeoplesmajlis

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA