ޚަބަރާއި އިވެންޓްސް

‏ކޮވިޑް-19އާ ގުޅިގެން މަޖިލީހަށް ހުށަހަޅުއްވާފައިވާ މައްސަލަ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއިން ދިރާސާކުރެއްވުމަށްފަހު އެކުލަވާލެއްވި ރިޕޯޓުގައި ހިމެނޭ މުހިއްމު ކަންކަން

15 މޭ 2020 21:00

ކޮވިޑް-19 ރޯގާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ މައްސަލައާގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ކުރަން ޙަވާލުކުރެވިފައިވާ މައިގަނޑު މަސައްކަތަކީ، ކޮވިޑް-19 ފެތުރުނަ ނުދިނުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމުގައި، ތިމާވެއްޓަށާއި، އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް އަދި މިފަދަ ކަންކަމަށް ބަލާ އެކަންކަން ފުރިހަމަ ކުރަމުން، ސަރުކާރުން ހިންގާ ކަންކަން ހިންގާނެ އުސޫލުތަކެއްގެ ލަފާ ސަރުކާރަށް ދިނުމެވެ.

އެގޮތުން، ދިވެހިރާއްޖޭގެ ރަށްތަކުގައި ހަކަތައިގެ ފުދުންތެރިކަން ހާސިލްކުރުމަށް އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ކުރާ މަސައްކަތްތައް ހަލުއިކޮށް، އިއާދަކުރަނިވި ހަކަތައަށް މިވަގުތު އިސްކަންދިނުމުގެ ގޮތުން، ޕީއެސްއައިޕީގެ މަޝްރޫޢުތަކުގެ ތެރެއިން އިއާދަކުރަނިވި ހަކަތައަށް އިންވެސްޓްކުރުމަށް ފައިސާ ބަދަލުކުރެވެން ހުރި މަޝްރޫޢުތައް ބަދަލުކުރުމަށް ކޮމިޓީން ވަނީ ހުށަހަޅާފައެވެ. އަދި، ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ދެމެހެއްޓެނިވި ނިޒާމަކަށް ހެދުމަށް، ތެލަށް އެކަނި ބަރޯސާވުން ކުޑަކުރުމަށް އުޅަނދުފަހަރުގެ ފަރުމާއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި އިއާދަކުރަނިވި ހަކަތަ އުފައްދައި އެއިން ވިޔަފާރި ކުރުމަށް ބޭނުންވާ އަމިއްލަ ފަރާތްތަކަށް އެފުރުސަތު މިހާރުން މިހާރަށް ހުޅުވާލުމަށްވެސް ކޮމިޓީން ވަނީ ހުށަހަޅާފައެވެ.

މީގެއިތުރުން، ސޯލަރ ޕެނަލް ހަރުކުރަން ބޭނުންވާ މީހުންނަށް ރަށު ފެންވަރުގައި ލުއި ލޯނު ސްކީމެއް ތަޢާރުފްކުރުމުގެ ގޮތުން، އިއާދަކުރުވަނިވި ހަކަތަ ކުރިއެރުވުމަށް ކަނޑައަޅާފައިވާ ފައިސާއިން، ކުރިއަށް އޮތް ތިން އަހަރު ކޮންމެ އަހަރެއްގެ ބަޖެޓުން ކޮންމެ ކައުންސިލަކަށް 1,000,000/- (އެއް މިލިޔަން ރުފިޔާ) ކަނޑައެޅުމަށާއި، ތަރައްޤީގެ މަޝްރޫޢުތަކުގައި ހަކަތަ ބޭނުންވާ މިންވަރު ބަލާ، އެ މަޝްރޫޢުތަކުގެ ބަޖެޓް ހަދާއިރު، އިއާދަކުރަނިވި ހަކަތަ ހިމެނުމަށް ބަޖެޓްކުރުންވެސް ވަނީ ހުށަހަޅާފައެވެ. ދަތުރުފަތުރަށާއި މަސްވެރިކަމަށް އެންމެ ކުޑަމިނުން ކުރިއަށް އޮތް އަހަރެއްހާދުވަހަށް ބޭނުންވާ ވަރަށް ތެޔޮ ރައްކާކުރެވޭނެކަން ޔަޤީންކުރުމާއެކު ތެޔޮ ރައްކާކުރެވޭނެ މިންވަރު އިތުރުކުރުމަށް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމަށާއި، ޔުޓިލިޓީ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށް އެޅޭނެ ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި، އެ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށްވެސް ކޮމިޓީން ވަނީ ހުށަހަޅާފައެވެ.

އަދި، ކޮމިޓީގެ ހުށަހެޅުމުގެތެރޭގައި، ކަރަންޓް ބިލުތައް ކުޑަކުރެވޭނެ ގޮތްތަކެއް އޮތްތޯ ބެލުމަށްޓަކައި ފެނަކައާއި ސްޓެލްކޯގެ ހިންގުމުގެ ނިޒާމު މޮނިޓަރކުރުމާއި، މަސްވެރިކަން ކުރިއަރުވައި އަދި މަސްވެރިކަމުގެ ބާޒާރުގައި އެކަން ކުރާ ދޯނިފަހަރު އިތުރު ކުރުމުގެ ގޮތުން ސަރުކާރުން މަސްދޯނިތައް ހަދައި އެ ދޯނިފަހަރު ބާޒާރަށް ނެރެ، ލުއި ލޯނުގެ ގޮތުގައި މަސްވެރި ރަށްރަށަށް ނުވަތަ މަސްވެރިކަން ކުރާ ފަރާތްތަކަށް އެ ދޯނިފަހަރު ދޫކުރުމުގެ އިންތިޒާމް ހަމަޖެއްސުންވެސް ހިމެނެނެއެވެ. އަދި، މަސްފިނިކޮށް ބެލެހެއްޓުމަށް ސްޓޯރޭޖް ކެޕޭސިޓީ ރަށްތަކުގައި އިތުރުކޮށް މިކަމުގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށާއި މަސްވެރިން ބާނާ މަސް ގަންނަ މިންވަރު އިތުރުކުރުމަށްޓަކައި މަސް ކުންފުނިތަކަށް ދިމާވެފައިވާ މައްސަލަތަކަކީ ކޮބައިތޯ ބަލައި، އެ ކުންފުނިތަކުގެ ޤާބިލުކަން އިތުރުކުރުމަށްވެސް ކޮމިޓީން ވަނީ ހުށަހަޅާފައެވެ. މަސްވެރިކަން ކުރިއެރުވުމަށްޓަކައި މި ދަނޑިވަޅަކީ މި ސިނާއަތައް އެންމެބޮޑު ހޭދައެއް ކުރަންވީ ދަނޑިވަޅުކަމާއި، މަސްވެރިކަން ކުރާ އުޅަނދުތައް ބަންނަން ފަށާ އެ މަސައްކަތް ކޮންމެވެސް ސަބަބަކާހުރެ ނުނިމިހުރި އުޅަނދުތައް ނިންމުމަށްޓަކައި އެފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ދިނުމަށާއި އޮޑިދޯނިފަހަރު ބަނދެ މަސްވެރިކަމަށް އެ ދޯނިފަހަރު ނެރެ މި ސިނާއަތް ކުރިއެރުވުމަށްޓަކައި، އޮޑިދޯނިފަހަރު ބަނުމަށް ބޭނުންވާ ސާމާނުން ނަގާ ޑިއުޓީ ކުރިއަށް އޮތް 3 އަހަރަށް މާފުކުރުމަށްވެސް މި ކޮމިޓީއުން ވަނީ ހުށަހަޅާފައެވެ.

މީގެއިތުރުން، ކޮމިޓީގެ ހުށަހަޅުންތަކުގެ ތެރޭގައި، ދަނޑުވެރިކަމުގެ އުފެއްދުންތައް ސަރުކާރުން ގަތުމަށް ނިންމެވި ފަދައިން ރަށްރަށުގައި ބާނާ ފަރުމަސް ސަރުކާރަށް ގަނެވޭނެ ގޮތެއް ކަނޑައެޅުމަށާއި، އަދި، ދަނޑުވެރިކަން ފުޅާކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ރަށްރަށުން ދަނޑުވެރިކަމަށް ދޫކުރެވޭނެ ބިންތައް ކައުންސިލްތަކުން އަވަހަށް ކަނޑައެޅުމަށް އަންގާ، އެ ބިންތައް ދަނޑުވެރިކަން ކުރަން ޝައުޤުވެރިވާ ފަރާތްތަކަށް ފުރަތަމަ އަހަރު ހިލޭ، ދެން ޖެހިގެން އަންނަ އަހަރުތަކުގައި ކުޑަ ކުއްޔެއް ކައުންސިލަށް ނަގާ ގޮތައް، ބިން ދޫކުރުމާއި، ދަނޑުވެރިކަން ކުރުމަށް ލުއި ލޯނު އަދި ފަންނީ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދިނުން ހިމެނެއެވެ. އަދި، ދަނޑުވެރިކަން ކުރުމުގައި ދިވެހިރާއްޖެއިން ބޭރުން އެތެރެކުރާ ބާއްވަތްތަކުގެ ތެރެއިން ދިވެހިރާއްޖޭގައި އެކަށީގެންވާ ގޮތެއްގައި ހެއްދޭ ބާވަތްތަކަށް މާކެޓް ޕްރިފަރެންސް ލިބޭނެ ގޮތްތައް ހެދުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލުމާއި، ދިވެހިރާއްޖޭގެ އެކި ސަރަޙައްދުގައި ހުރި އެސްޓީއޯ ފިހާރަތަކަށް ދަނޑުވެރިކަމުގެ ބާވަތްތައް ފަސޭހައިން ވިއްކޭނެ އިންތިޒާމް ހަމަޖެއްސުމަށާއި ވަރުވާއަށް ދޫކޮށްފައިވާ ރައްތަކުގައި ދަނޑުވެރިކަމާއި، ކުކުޅު ގެންގުޅުންފަދަ މަސައްކަތްތައް ހިންގުމަށް ރަށްތައް ދޫކޮށްފައިވާ ފަރާތްތަކަށް ބާރު އަޅާ އެފަރާތްތަކަށް އެކަމުގައި އެހީތެރިވުމަށް ކޮމިޓީއިން ހުށަހަޅާފައިވެއެވެ. މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކޮންމެ 5 އާއިލާއަކަށް ބަނބުކެޔޮ ގަހެއްގެ ނިސްބަތުން ބަނބުކެޔޮ ހެއްދުމުގެ ޕްރޮގްރާމެއް ކައުންސިލްތަކުން މި އަހަރުގެ ތެރޭގައި ފުރިހަމަކުރުމަށާއި، އަދި، ދިވެހިރާއްޖޭގެ ރަށްރަށުގައި ހުރި ގިނަ ރުކަކީ ދުވަސްވެ މުސްކުޅިވެފައިވާ ރުއްކަމަށް ތަޖުރިބާކާރުން ބުނާތީ، ދެލައްކަ ރުއް ދިވެހިރާއްޖޭގައި އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ފުރިހަމަކުރުމަށްވެސް ކޮމިޓީއިން ހުށަހަޅާފައިވެއެވެ.

އަދި، ދިރިއުޅުމަށް ގޯތި ދޫކުރުމުގައި އެ ގޯއްޗަކަށް އެކަށޭނެ މިންވަރަކަށް "ހޯމް ގާޑްން" ހެއްދުމަށް ގަވާއިދުގައި ހިމެނުމަށާއި، ދަނޑުވެރިކަމަށް ބޭނުންވާ ގަސްކާނާއާއި އޯގޭނިކް ބޭސް ދިވެހިރާއްޖެއަށް ބޭނުންވާ މިންވަރަށް އުފެއްދުމުގެ ޕްރޮގްރާމެއް ފެށުމަށާއި، ފަޅުގޮވާން ކުރުމަށް ހިތްވަރުދީ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ތަމްރީނާއި، ވަސީލަތްތައް ފަހިކޮށްދިނުމަށާއި، އަދި، ރައްރަށުގައި ސަރުކާރުގެ ޢިމާރާތްތަކުގައި ބަހައްޓާފައިހުރި ވާރޭފެން ނަގާ ތާނގީތަކުގެ ޙާލަތު ދެނެގަނެ، ފެން ނަގާ ރައްކާ ކުރެވޭނެ ޙާލަތަކަށް އެތަކެތި އަވަހަށް ގެނައުންވެސް ކޮމިޓީގެ ހުށަހެޅުންތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެއިތުރުން، ދުނިޔެއަށް ދިމާވާ މިފަދަ ދަތި ދުވަސްތަކުގައި ދިވެހިރާއްޖޭގައި ހިމާޔަތް ކުރެވިފައިވާ ތަންތަނާއި ބާވަތްތަކުގެ ބޭނުން ނާޖާއިޒް ގޮތެއްގައި ހިފުން އިތުރުވެދާނެކަމަށް ބަލައި، ސަރުކާރުން ގައިޑްލައިންތަކެއް ކަނޑައަޅާ، އެ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެމަތިން ހިމާޔަތް ކުރެވިފައިވާ ތަންތަން ބެލެހެއްޓުން ކައުންސިލްތަކާ ޙަވާލުކުރުމަށާއި، ކާބޯތަކެއްޗާއި، ފެނާއި ކަރަންޓް އިސްރާފް ނުކުރުމަށާއި، ތިމާވެށި ޙިމާޔަތްކުރުމާ ގުޅޭގޮތުން ޢާންމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް މީޑިއާ މެދުވެރިކޮށް ކަމާބެހޭ ވުޒާރާތަކުންނާއި، ޔުޓިލިޓީ ކުންފުނިތަކުން ހިންގުމަށްވެސް މި ކޮމިޓީއިން ހުށަހަޅާފައިވެއެވެ.


އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

އަލްފާޟިލް ޙަސަން ޒިޔާޢު، ޑިރެކްޓަރ, މީޑިއާ އެންޑް ކޮމިއުނިކޭޝަން | ރައްޔިތުންގެ މަޖިލީހުގެ އިދާރާ މެދުޒިޔާރަތްމަގު، މާލެ, ދިވެހިރާއްޖެ | ފޯން: 3312107 އީމެއިލް: [email protected] މަޖިލިސް ޓުވިޓަރ: @mvpeoplesmajlis

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA