ޚަބަރާއި އިވެންޓްސް

ކޮމަންވެލްތް އެންޓަރޕްރައިޒް އެންޑް އިންވެސްޓްމަންޓް ކައުންސިލްގެ ފަރާތުން ބޭއްވި ޓޫރިޒަމް ވެބިނަރ

24 މޭ 2020 16:00

ކޮވިޑް-19 ފުރަބަންދާއި ގުޅިގެން އަޅާ ފިޔަވަޅުތަކާއި ކުރިއަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ކޮމަންވެލްތް އެންޓަރޕްރައިޒް އެންޑް އިންވެސްޓްމަންޓް ކައުންސިލްގެ ފަރާތުން ބޭއްވި ޓޫރިޒަމް ވެބިނަރގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއާއި އެހެނިހެން ފަރާތްތަކުން ބައިވެރިވެވަޑައިގަތުމުން، ކޮމަންވެލްތް އެންޓަރޕްރައިޒް އެންޑް އިންވެސްޓްމަންޓް ކައުންސިލްގެ ޗެއަރމަން، ލޯޑް މާލަންޑް އެ ފަރާތްތަކަށް ޝުކުރު ދަންނަވައިފިއެވެ.

މި ވެބިނަރގައި ބައިވެރި ފަރާތްތަކުން ވަނީ، ސަލާމަތީ ގޮތުންނާއި ސިއްޙީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެއްގޮތް ކުރުމަށްޓަކައި، ސަރުކާރާއި ކޮމަންވެލްތްގެ ހިމެނޭ ޓޫރިޒަމްގެ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާއި ގުޅުން ބަދަހިކުރުމަށް ގޮވާލާފައެވެ. މީގެ ސަބަބުން، މިހާރު މި ބަލި ނެތް ޤައުމުތަކުގެ ދެމެދުގައި އަލުން ޓޫރިމްގެ ޙިދުމަތްތަށް ހުޅުވުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ.

މި ވެބިނަރއާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، ރާއްޖޭގެ %80 އަށް ވުރެ ގިނަ ރަށްތަކުގެ ދިރިއުޅުން ބިނާކުރެވިފައިވަނީ ޓޫރިޒަމް އިންޑަސްޓްރީގެ މައްޗަށް ކަމަށް ބަޔާންކުރައްވާފައިވެއެވެ. އަދި، ދުނިޔޭގެ ތަނަވަސް ޤައުމުތަކުން އެ ޤައުމުތަކުގެ ބޯޑަރުތައް ބަންދު ނުކުރުމަށާއި ކުދި ޤައުމުތަކަށް ޓްރޭޑް އެމްބަރގޯ ދިނުމަށްވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުށަހެޅުއްވިއެވެ.

މި ވެބިނަރއަށްފަހު ލޯޑް މާލަންޑް ވަނީ، އިޤްތިޞާދީ ގޮތުން ކުދި ޖަޒީރާ ރަށްތަކަށް ކުރާނެ ނޭދެވޭ އަސަރުތަކާއި، އިނގިރޭސީ ފަތުރުވެރިންނަށް ބަރޯސާވެގެން ތިބި ޤައުމުތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި، އިނގިރޭސިވިލާތަށް އެތެރެވާ ފަރާތްތައް 14 ދުވަހުށް ކަރަންޓީނު ކުރުމުގެ ނިންމުން އަލުން ދިރާސާކުރުމަށް އެދި އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ލިޔުމަކުން ހުށަހަޅާފައެވެ. އަދި، 100 އަށް ވުރެ ގިނަ ޓޫރިޒަމް އިންޑަސްޓްރީގެ ލީޑަރުންނާއި ކޮމަންވެލްތް ސަރުކާރުތަކުގެ ނަމުގައި، ސަރުކާރުތަކާއި ކޮމަންވެލްތްގެ ހިމެނޭ ޓޫރިޒަމްގެ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާއި ގުޅުން ބަދަހިކުރުމަށާއި، ދަތުރުފަތުރު ކުރުމުގައި ސަލާމަތީ ފިޔަވަޅުތަކާއި ސިއްޙީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެއްގޮތް ކުރުމަށްވެސް ހުށަހަޅާފައެވެ.

މިދިޔަ އަންގާރަ ދުވަހު އޮންލައިންކޮށް ބޭއްވުނު ވެބިނަރގައި، އެކި ޤައުމުތަކުގެ ސަރުކާރުގެ އިސް ވަޒީރުންނާއި، އަދި ދިވެހިރާއްޖެ، މަލްޓާ، ސައިޕްރަސް، އޮސްޓްރޭލިއާ، އިންޑިއާ، ސްރީލަންކާ، ދި ކެރެބިއަން، އަދި ޕެސިފިކް އައިލެންޑްސްގެ ޓޫރިޒަމް ދާއިރާގެ އިސް ފަރާތްތަކުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.


އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ: އަލްފާޟިލް ޙަސަން ޒިޔާޢު، ޑިރެކްޓަރ, މީޑިއާ އެންޑް ކޮމިއުނިކޭޝަން | ރައްޔިތުންގެ މަޖިލީހުގެ އިދާރާ މެދުޒިޔާރަތްމަގު، މާލެ, ދިވެހިރާއްޖެ | ފޯން: 3312107 އީމެއިލް: [email protected] މަޖިލިސް ޓުވިޓަރ: @mvpeoplesmajlis

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA