ޚަބަރާއި އިވެންޓްސް

ޕޯޓްގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ކ.ގުޅިފަޅު ހިއްކުމުގެ މަސައްކަތް ފެށުމާއެކު އެސަރަޙައްދުގެ ތިމާވެއްޓަށް ގެއްލުން ލިބެމުންދާ މައްސަލަ ދިރާސާކުރެއްވުމަށް ނިންމަވައިފި

2 ޖޫން 2020 18:59

ކ. ގުޅިފަޅުގައި ޤާއިމްކުރެވޭ ޕޯޓްގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ގުޅިފަޅު ހިއްކުމުގެ މަސައްކަތް ފެށުމާއެކު އެސަރަޙައްދުގެ ތިމާވެއްޓަށް އަސަރު ކުރަމުންދާތީ، އެކި ފަރާތްތަކުން އެކަމާ ކަންބޮޑުވުން ފާޅު ކުރަމުން ދިއުމާއެކު، އެ މައްސަލަ ދިރާސާކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ނިންމަވައިފިއެވެ. މިއީ ކޮމިޓީން އިސްނަންގަވައިގެން އެޖެންޑާ ކުރައްވާފައިވާ މައްސަލައެކެވެ.

މައްސަލަ ކުރިއަށްގެންދަވާނެ ގޮތަކާމެދު 01 ޖޫން 2020 ވަނަ ދުވަހު ބޭއްވެވި ކޮމިޓީގެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވުމަށްފަހު ހާޒިރުވެ ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ނިންމެވީ، ކޮމިޓީން މައްސަލަ ބެއްލެވުމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހޯއްދަވަންޖެހޭ ލިޔެކިޔުންތައް ހޯއްދެވުމުގެ މަސައްކަތް ކޮމިޓީގެ އިދާރީ މޭޒުން މިހާރު ވަނީ ފައްޓަވާފައެވެ. މައްސަލަ ދިރާސާ ކުރެއްވުމުގެގޮތުން، އަންނަ ހޮނިހިރު ދުވަހު (06 ޖޫން 2020) ހެނދުނު 10:00 ގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓާއި، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއާއި އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީގެ އިސްބޭފުޅުންގެ އިތުރުން މަޝްރޫޢުގެ އީ.އައި.އޭ ކޮންސަލްޓަންޓް ކޮމިޓީއަށް ހާޒިރުކުރައްވާގޮތައް ކޮމިޓީން ވަނީ ފާސްކުރައްވާފައެވެ.


އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ: އަލްފާޟިލް ޙަސަން ޒިޔާޢު، ޑިރެކްޓަރ, މީޑިއާ އެންޑް ކޮމިއުނިކޭޝަން | ރައްޔިތުންގެ މަޖިލީހުގެ އިދާރާ މެދުޒިޔާރަތްމަގު، މާލެ, ދިވެހިރާއްޖެ | ފޯން: 3312107 އީމެއިލް: [email protected] މަޖިލިސް ޓުވިޓަރ: @mvpeoplesmajlis

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA