ކޮވިޑް-19 ރޯގާއާ ގުޅިގެން ކޮމިޓީތަކުގެ ހޯދުންތަކާއި ހުށަހެޅުންތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙަށް އަރުވައިފި

8 ޖޫން 2020 13:10

ކޮވިޑް-19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ޢާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގަން ނިންމާފައިވާ ޕްރޮގްރާމްތައް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމަށް މަޖިލީހަށް ހުށަހަޅުއްވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީތަކުން ދިރާސާކުރުމަށްފަހު، އެ މައްސަލައާ ގުޅޭގޮތުން ކޮމިޓީތަކުން ފާހަގަކޮށްފައިވާ ހޯދުންތަކާއި ހުށަހެޅުންތައް އެކުލެވޭ ރިޕޯޓެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙަށް މިއަދު އަރުއްވައިފިއެވެ. އިސްވެދެންނެވި ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށް އަރުއްވާފައިވަނީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ރިޕޯޓުގެ ބޭނުމަކީ، ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭ މިހާރު އޮތް ޙާލަތުން އަރައިގަތުމަށްޓަކައި ސަރުކާރުން ކުރައްވަން ޤަސްދުކުރައްވާ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ފެންނަ ލަފައެއް ސަރުކާރުގައި ދެންނެވުމެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ ހުށަހެޅުންތަކުގައި، މިވަގުތު ދިވެހިރާއްޖެއަށް މާލީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ކުރިމަތިވެފައިވާ ދަތިތަކުގެ ތަފްޞީލާއި އަދި، ދައުލަތުގެ އާމްދަނީ ހުރި މިންވަރާއި، ދައުލަތުގެ އާމްދަނީއަށް އަންނާނެ ބަދަލާއި ދައުލަތުގެ އާމްދަނީއަށް ވެގެންދާނެކަމަށް އަންދާޒާކުރެވޭ ގޮތްތަކާއި އެކަމުގެ ތަފުސީލު ހިމަނުއްވާފައިވެއެވެ. މީގެއިތުރުން، ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން، ވަޒީފާ ގެއްލޭނެކަމަށް އަންދާޒާކުރެވޭ މިންވަރާއި އަދި ވަޒީފާ ގެއްލޭނެ ކަމަށް އަންދާޒާކުރެވޭ ފަރާތްތަކާއި، އެކަމުގެ ސަބަބުން ކުރިމަތިވާނެ އިތުރު އިޖްތިމާޢީ މައްސަލަތަކާއި، ބޯހިޔާވެހިކަން ގެއްލޭނެ މިންވަރާއި، އެކަންކަން ގޮސްދާނެ މިސްރާބަކާގުޅޭ ދިރާސާތައްވެސް ރިޕޯޓުތަކުގައި ހިމަނާފައިވެއެވެ. އަދި، މާލެއާއި އެހެން ރަށްރަށުގައި ބަންދުވެފައި ތިބި މީހުންނާއި، ވަޒީފާ ގެއްލޭ ފަރާތްތަކާއި، ބޯހިޔާވެހިކަން ގެއްލޭ ފަރާތްތަކަށް އެހީވެވިދާނެ ގޮތުގެ ލަފައެއްވެސް ހިމަނާފައިވެއެވެ. މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކޮށްދެއްވި މި ބުރަ މަސައްކަތައް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛާ ފާތިމަތު ނިޔުޝާއާއި، ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް އަލްއުސްތާޛާ ފާތިމަތު ފިލްޒާއާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯ ރުޤިއްޔާ އަޙުމަދު ދީދީ ބައިވެރިވެވަޑައިގެންނެވިއެވެ. ______________ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ: އަލްފާޟިލް ޙަސަން ޒިޔާޢު، ޑިރެކްޓަރ، މީޑިއާ އެންޑް ކޮމިއުނިކޭޝަން | ރައްޔިތުންގެ މަޖިލީހުގެ އިދާރާ މެދުޒިޔާރަތްމަގު، މާލެ, ދިވެހިރާއްޖެ | ފޯން: 3312107 އީމެއިލް: [email protected] މަޖިލިސް ޓުވިޓަރ: @mvpeoplesmajlis
ލިޔުން ޝެއަރ ކުރުމަށް
ގުޅުންހުރި ފޮޓޯތައް

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA