ޚަބަރާއި އިވެންޓްސް

ރައްޔިތުންގެ މަޖިލީހުގެ ކުތުބުޚާނާ އަދި ޑިޖިޓަލް އަރކައިވް އިފްތިތާޙްކޮށްފި

4 ފެބްރުއަރީ 2021 12:00

ރައްޔިތުންގެ މަޖިލީހުގެ ގިނަ ދުވަސްވީ ލިޔުންތަކާއި ޔައުމިއްޔާތަކާއި، މަޖިލީހުގެ ކަން ހިންގަމުންދިޔަގޮތުގެ ލިޔުންތަކާއި އަދި ކުރީއްސުރެ ފަށައިގެން އުފެދިގެން އައި ޤާނުނުތައް ފެންނަގޮތަށް ރައްޔިތުންގެ މަޖިލީހުގެ ކުތުބުޚާނާ އަދި ޑިޖިޓަލް އަރކައިވް އިފްތިތާޙްކޮށްފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވުނު ޙަފްލާގައި ރައްޔިތުންގެ މަޖިލީހުގެ ކުތުބުޚާނާ އަދި ޑިޖިޓަލް އަރކައިވް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުތުބުޚާނާއިން މިވަގުތު ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ ތެރޭގައި މަޖިލީހުގެ މެންބަރުންނަށާއި މުވައްޒަފުންނަށް ފޮތް ދޫކުރުމުގެ ޚިދުމަތްތަކާއި، ރިފަރެންސްގެ ޚިދުމަތްތަކާއި އަދި ކޮމްޕިއުޓަރ ޓާމިނަލްތަކުގެ ޚިދުމަތްތައް ހިމެނެއެވެ. މަޖިލީހުގެ ކުތުބުޚާނާގެ ޚިދުމަތް ކޮންމެ އާދިއްތައަކުން ބުރާސްފައްޗެއްގެ ހެނދުނު 8:30 އިން މެންދުރު 13:30 އަށް އަދި ރަމަޟާން މަހު ކޮންމެ އާދިއްތަ ދުވަހަކުން ބުރާސްފައްޗެއްގެ ހެނދުނު 9:30 އިން މެންދުރު 12:30 އާއި ހަމައަށް ލިބިވަޑައިގަންނަވާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ ކުތުބުޚާނާއިން ލިބެން ހުރި މަޢުލޫމާތުތައް ބެހިގެންވަނީ މައިގަނޑު 4 ދާއިރާއަކަށެވެ. އެއީ، ޢާންމު މަޢުލޫމާތު، ރިފަރެންސް، ދިވެހިރާއްޖެއާ ގުޅުންހުރި މަޢުލޫމާތު އަދި ޚާއްސަ ކަލެކްޝަންތަކަށެވެ. ޚާއްސަ ކަލެކްޝަންތަކުގެ ދަށުން ވެރިކަން ހިންގުމުގެ ބާރާއި، ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރާއި، މިނިވަން މުސްތަޤިއްލު މުއައްސަސާތަކާ ގުޅުންހުރި މަޢުލޫމާތުތަށް ލިބިވަޑައިގަންނަވާނެއެވެ. އަދި، ޢާންމު ކަލެކްޝަނުން ގިނަވެގެން ކޮންމެވެސް 2 ފޮތެއް 14 ދުވަސް ވަންދެން ގެންދިއުމުގެ ހުއްދަ މަޖިލީހުގެ ލައިބްރަރީގެ ޚިދުމަތްތަކުގެ ބޭނުންކުރައްވާ ފަރާތްތަކަށް ލިބޭނެއެވެ.

މަޖިލީހުގެ ޑިޖިޓަލް އާކައިވް މެދުވެރިކޮށް ލިބެންހުރި މަޢުލޫމާތުތަކުގެ ތެރެއިން ދިވެހި ރައްޔިތުންގެ މަޖިލީހުގެ ތާރީޚާއި، މަޖިލީހުގެ ތާރީޚުގައި މިހާތަނަށް ބޭއްވި ޖަލްސާތަކާއި، އިއްވާފައިވާ ރިޔާސީ ބަޔާންތަކާއި، އަހަރީ ބަޖެޓުގެ މަޢުލޫމާތުތައް ފާހަގަކޮށްލެވޭއިރު، އޭގެ އިތުރަށްވެސް މުހިއްމު އެހެނިހެން މަޢުލޫމާތުތައް ތަފްސީލުކޮށް ލިބެން ހުންނާނެއެވެ. މަޖިލީހުގެ ތާރީޚާއި މަސައްކަތާއި ގުޅުންހުރި މަޢުލޫމާތު ހޯދައި ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އާކައިވް ބޭނުންކުރެވޭނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުތުބުޚާނާ 2006ގައި ފުރަތަމަ ހުޅުއްވުމަށްފަހު ޖާގައިގެ ދަތިކަމާއި ގުޅިގެން ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގައި އުދަގޫތަކެއް ކުރިމަތިވީނަމަވެސް، މަޖިލީހުގެ އައު އިމާރާތް ހުޅުވުމުގެ ސަބަބުން މިކަމަށް ހައްލެއްލިބިގެން ދިޔައެވެ. މަޖިލީހުގެ ލިޔުންތައް ޑިޖިޓަލް ކުރުމުވެ މަސައްކަތް ފެށުނީ 2019 ގައެވެ. އަދި، ކުރިއަށްއޮތް ތަނުގައި އިތުރު ފުރިހަމަކަމާއި އެކީ ރައްޔިތުންގެ މަޖިލީހުގެ ކުތުބުޚާނާ އަދި ޑިޖިޓަލް އަރކައިވްގެ އިތުރު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް މަޖިލީހުގެ އިދާރާއިން ކުރަމުންދާނެއެވެ.

                     ______________

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ: އަލްފާޟިލް ޙަސަން ޒިޔާޢު، ޑިރެކްޓަރ, މީޑިއާ އެންޑް ކޮމިއުނިކޭޝަން | ރައްޔިތުންގެ މަޖިލީހުގެ އިދާރާ މެދުޒިޔާރަތްމަގު، މާލެ, ދިވެހިރާއްޖެ | ފޯން: 3032636 އީމެއިލް: [email protected] މަޖިލިސް ޓުވިޓަރ: @mvpeoplesmajlis

ގުޅުންހުރި ފޮޓޯތައް

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA