ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް މިރޭގެ 8:30 ކަންހާއިރު، ނީލޯފަރު މަގުގައި ބާރުގަދަ އެއްޗެއް ގޮއްވާލައި ދެވުނު ހަމަލާއާގުޅިގެން އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޒަހަމްތަކަށް މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ. އެ ހަމަލާގައި އެމަނިކުފާނުގެ އިތުރުން، އެމަނިކުފާނުގެ 3 ހަށިފާރަވެރިންކަމުގައިވާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ 3 އޮފިސަރުންނަށްވެސް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ފުރާނަފުޅަށް އަމާޒުކޮށް މިރޭ މިދިން ފިނޑި ޓެރަރިސްޓު ހަމަލާ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްއާއި މަޖިލީހުގެ ހުރިހާ ޢިއްޒަތްތެރި މެންބަރުންނާއި މުވައްޒަފުންގެ ނަމުގައި ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.
އެ ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާތަކަށް އޭޑީކޭގެ ޑޮކްޓަރުންގެ ޚާއްޞަ ޓީމަކުން (މަލްޓި ސްޕޭޝަލިޓީ މެޑިކަލް ޓީމަކުން) މިހާރު ގެންދަވަނީ ރައީސް ނަޝީދުއަށް ފަރުވާ ދެއްވަމުންނެވެ. އެމަނިކުފާނުގެ ޞިއްޙީ ޙާލަތާގުޅޭ ގޮތުން ޑޮކްޓަރުންގެ ޓީމުން މަޢުލޫމާތު ޙިއްޞާކުރައްވާ މިންވަރަކުން އެ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރަމުން ގެންދާނަމެވެ. މަޖިލީހުގެ ރައީސްއަށް އަމާޒުކޮށް ދިން ހަމަލާ، ދިވެހި ފުލުހުންގެ ޚިދުމަތުންނާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން މިހާރު ގެންދަނީ ތަޙްޤީޤުކުރައްވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ކުއްލި ޖަލްސާއެއް މިރޭ 22:45 އިން ފެށިގެން ކުރިއަށް އެބަދެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ސިއްޙީ ހާލުކޮޅާގުޅޭ ފުރިހަމަ މަޢުލޫމާތު އެޑީކޭ ހޮސްޕިޓަލުން ހާމަކުރަންދެން މި ޖަލްސާ ކުރިއަށްދާނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދުނަޝީދުއަށާއި ހަމަލާގައި އަނިޔާވި އެމަނިކުފާނުގެ ހަށިފާރަވެރިންނަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުމަށާއި ރައްކާތެރިކަން ދެއްވުމަށް އެދި ދުޢާ ކުރަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ: އަލްފާޟިލް ޙަސަން ޒިޔާޢު، ޑިރެކްޓަރ، މީޑިއާ އެންޑް ކޮމިއުނިކޭޝަން | ރައްޔިތުންގެ މަޖިލީހުގެ އިދާރާ މެދުޒިޔާރަތްމަގު، މާލެ، ދިވެހިރާއްޖެ | ފޯން: 3032636 އީމެއިލް: media@majlis.gov.mv މަޖިލިސް ޓުވިޓަރ: @mvpeoplesmajlis