ޚަބަރާއި އިވެންޓްސް

ތުރުކީވިލާތުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ހިޒް އެކްސެލެންސީ މެވްލުތު ޝަވުޝުގްލު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

30 ޖެނުއަރީ 2022 14:00

ތުރުކީގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ހިޒް އެކްސެލެންސީ މިސްޓަރ މެވްލުތް ޝަވްޝުގްލު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލިސް ކުރާގޭގައި އޮތް މިބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެއާއި ތުރުކީއާއި ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި، އެކިދާއިރާތަކުން ތުރުކީ ސަރުކާރުން ރާއްޖެއަށް ވެދެއްވަމުންގެންދަވާ އެހީތަކާއި، ދެ ޤައުމުގެ ޙާރިޖީ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މީގެ އިތުރުން، ތުރުކީގެ ޤާނޫނު ހަދާ މަޖިލީހާއި ރައްޔިތުންގެ މަޖިލީހާ ދެމެދު އޮތް ގުޅުން ވަރުގަދަ ކުރެއްވުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އެގޮތުން، ޕަލަމަންޓަރީ ފްރެންޑްޝިޕް ގްރޫޕް އެކުލަވާލުމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރެއްވިއެވެ.

ތުރުކީގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ހިޒް އެކްސެލެންސީ މެވްލުތް ޝަވްޝުގްލު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ތުރުކީއާ ދެމެދުއޮތީ ވަރަށް ގާތް ގުޅުމެއްކަން ފަހަގަކުރައްވާ، ކުރިއަށްއޮތް ތަނުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި ތުރުކީން ރާއްޖެއަށް އަބަދުވެސް އެހީތެރިވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގެ ރީތިކަމާއި ދިވެހިންގެ މެހުމާންދާރީގެ ފުރިހަމަކަންވެސް ތުރުކީގެ ފޮރިން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އޮނަރަބަލް އީވާ ޢަބްދުﷲއާއި ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛާ ފާތިމަތު ނިޔުޝާއާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ގުޅުންހުރި ފޮޓޯތައް

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA