ޚަބަރާއި އިވެންޓްސް

މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ޤައުމުތަކުގެ ދަރަނިތައް ރީސްޓްރަކްޗަރ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގޮވާލައްވައިފި

15 ފެބްރުއަރީ 2022 20:06

މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ޤައުމުތަކުގެ ދަރަނިތައް ރީސްޓްރަކްޗަރ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މިކަމަށް ގޮވާލެއްވީ ކޮމަންވެލްތް ފައުންޑޭޝަނުން މިއަދު ހަވީރު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި އެމަނިކުފާނު ވަނީ އެންމެ ބޮޑަށް ދަރަނިވެރިވެފައިވާ ޤައުމުތަކުގެ ދަރަނި ރީސްޓްރަކްޗަރ ކުރާނެ ގޮތުގެ ޚުލާސާއެއްވެސް ހުށަހަޅުއްވާފައެވެ.

ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން، ކޮމަންވެލްތް ފައުންޑޭޝަނުން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ދަރަނިވެރިވެފައިވާ ޤައުމުތަކުގެ ޙާލަތު ދެނެގަތުމަށްފަހު، އެންމެ މަދުވެގެން 18 މަސްދުވަހުގެ މުއްދަތަކާއެކު ވޯލްޑް ބޭންކުން އިތުރު ބޮންޑުތައް ދޫކޮށްފިނަމަ ދަރަނިވެރިވެފައިވާ ޤައުމުތަކަށް މޫސުމާ ދެކޮޅަށް މަސައްކަތް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ފުރުޞަތު އޮންނާނެކަމަށެވެ. އަދި، ދަރަނި ރީސްޓްރަކްޗަރ ކޮށްފިނަމަ ތަރައްޤީގެ މަޝްރޫއުތަކާއި ސިއްޙީ ޚިދުމަތާއި ތަޢުލީމު އަދި ދެމެހެއްޓެނިވި ހަކަތައާއި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމަށް ޚަރަދު ކުރުމުގެ ފުރުޞަތު މި ޤައުމުތަކަށް ލިބޭނީ ގައުމުތަކުގެ ދަރަނި ރީސްޓްރަކްޗަރކޮށް، ފުރުސަތު ފަހިކޮށްދީގެންނެވެ.

އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ދަރަނިވެރިވެފައިވާ ޤައުމުތަކުން މޫސުމީ ގެއްލުންތަކާ ދެކޮޅަށް އަޅާނެ ފިޔަވަޅުތައް ކަނޑައެޅުމަށްޓަކައި ކްލައިމެޓް ޕްރޮސްޕެރިޓީ ޕްލޭނެއް އެކުލަވާލަންޖެހޭކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން އެންމެ ބޮޑަށް ކުރިމަތިވެފައިވާ 55 ޤައުމު ހިމެނޭ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ތީމެޓިކް އެމްބެސެޑަރުކަންވެސް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ދުނިޔޭގެ ޖަންގަލިތަކާއި ކަނޑޫފާތަކާއި މުރަކައިގެ ފަރުތައް ހިމާޔަތް ކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި، ތިމާވެއްޓާ ރައްޓެހި ހަކަތައާއި ކްލީން ހައިޑްރެޖަން އަދި އެޑްވާންސް ނިއުކްލިއަރ ފިޝަން ބޭނުންކޮށް، މޫސުމަށް ގެއްލުންދޭ ބާވަތްތަކުން ސަލާމަތް ވެވިދާނެކަން އެމަނިކުފާނު ފަހަގަކުރެއްވިއެވެ. ނަމަވެސް މި ހުރިހާ ކަމަކަށްވެސް ފައިސާ ބޭނުންވާ ކަމަށާއި އެ ބޭނުންވާ ފައިސާ ހޯދާ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް އިންވެސްޓް ކުރެވޭނީ ދަރާފައިވާ ޤައުމުތަކުގެ ދަރަނި ރީސްޓްރަކްޗަރކޮށް އެގައުމުތަކަށް އެފުރުސަތު ފަހިކޮށްދީގެންނެވެ. އެހެންކަމުން ވަކިވަކި ގައުމުތަކުން އެކަމަށް ޖެހިލުންވިޔަސް، މޫސުމީ ގެއްލުންތަކާ ދެކޮޅަށް ކުރާ މަސައްކަތް ކާމިޔާބުކުރުމަށް މުހިއްމު ކަމެއްކަން ފާހަގަކުރެއްވިއެވެ.


އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ: އަލްފާޟިލް ޙަސަން ޒިޔާޢު، ޑިރެކްޓަރ، މީޑިއާ އެންޑް ކޮމިއުނިކޭޝަން | ރައްޔިތުންގެ މަޖިލީހުގެ އިދާރާ މެދުޒިޔާރަތްމަގު، މާލެ، ދިވެހިރާއްޖެ | ފޯން: 3032636 އީމެއިލް: [email protected] ރައްޔިތުންގެ މަޖިލީހުގެ ޓުވިޓާ: @mvpeoplesmajlis

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA