ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މޯލްޓާއަށް ފުރާވަޑައިގެންފި
ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނިވަޑައިގަންނަވާ ވަފުދެއް މިރޭ މޯލްޓާއަށް ފުރާވަޑައިގެންފިއެވެ.
މިއީ 'ވަރލްޑް ފޯރަމް ފޮރ ކަލްޗަރ އޮފް ޕީސް" ގެ 2 ވަނަ އެޑިޝަންގެ ދަށުން ބާއްވާ 'ލީޑަރޝިޕް ފޯރ ޕީސް' ފޯރަމްގައި ތަޤުރީރުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރައްވާ ދަތުރުފުޅެކެވެ. އެމަނިކުފާނު ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މި ފޯރަމްގެ 3 ވަނަ ސެޝަންގައި "އިޖްތިމާޢީ ކަންކަމަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކާއި މަޖިލީހުގެ މެންބަރުންގެ ދައުރު" މި މަޢުޟޫޢުގެ މައްޗަށެވެ.
ޢަބްދުލްޢަޒީޒް ސަޢޫދު އަލް-ބާބްޠީން ކަލްޗަރަލް ފައުންޑޭޝަންގެ ޗެއަރމަން، ހިޒް އެކްސަލަންސީ ޢަބްދުލްޢަޒީޒް ސަޢޫދު އަލް-ބާބްޠީންގެ ދަޢުވަތަކަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މޯލްޓާއަށް ކުރައްވާ މި ދަތުރުފުޅުގައި މޯލްޓާ ސަރުކާރުގެ އިސްބޭފުޅުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ފޯރަމްއަކީ ސުލްހަޔާއި އަމާންކަން ކުރިއަރުވާ، ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ދެމެހެއްޓުމަށްޓަކައި ލީޑަރޝިޕްގެ ދާއިރާއިން ޤާބިލްކަން އިތުރުކުރުމާއި މި ދާއިރާތަކުން ތަޢުލީމީ ޕްރޮގްރާމްތަކާއި އެކްޝަން ޕްލޭންތައް އެކުލަވާލުމުގެ ބޭނުމުގައި ޢަބްދުލްޢަޒީޒް ސަޢޫދު އަލް-ބާބްޠީން ކަލްޗަރަލް ފައުންޑޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ ފޯރަމެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން، މި ފޯރަމްގައި މޯލްޓާގެ ރައީސާއި ކޮސޯވޯގެ ރައީސާއި އަލްބޭނިއާގެ ރައީސްގެ އިތުރުން ޔޫރަޕްގެ އިއްތިހާދުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ވާހަކަފުޅު ދައްކަވާނެއެވެ.
______________
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:
އަލްފާޟިލް ޙަސަން ޒިޔާޢު، ޑިރެކްޓަރ، މީޑިއާ އެންޑް ކޮމިއުނިކޭޝަން
ރައްޔިތުންގެ މަޖިލީހުގެ އިދާރާ މެދުޒިޔާރަތްމަގު، މާލެ، ދިވެހިރާއްޖެ
ފޯން: 3032636 އީމެއިލް:
[email protected]
ރައްޔިތުންގެ މަޖިލީހުގެ ޓުވިޓާ: @mvpeoplesmajlis