ޚަބަރާއި އިވެންޓްސް

"އާސްކް ސްޕީކަރ"ގެ 5ވަނަ ޕްރޮގްރާމް ބޭއްވެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނިންމަވައިފި

21 ޖޫން 2022 14:00

ރައްޔިތުންގެ މަޖިލީހާ ގުޅޭގޮތުން ރައްޔިތުން ކުރައްވަން ބޭނުންފުޅުވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ބާއްވަވާ "އާސްކް ސްޕީކަރ"ގެ 5ވަނަ ޕްރޮގްރާމް ޖޫން މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމަވާފައެވެ.

ޓީވީއާއި ސޯޝަލް މީޑިއާ މެދުވެރިކޮށް، ރައްޔިތުންގެ ސުވާލުތަކައް ޖަވާބު ދެއްވުމަށް ބާއްވަވާ، 'އާސްކް ސްޕީކަރ" ޕްރޮގްރާމް އޮންނާނީ 30 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 9:00 ގައި ޕީއެސްއެމް ސްޓޫޑިއޯގައެވެ. އަދި މި ޕްރޮގްރާމް ދިވެހިރާއްޖޭގެ ހުރިހާ ޓީވީ ޗެނަލްތަކުންނާއި ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ވަގުތުން ފެނިވަޑައިގަންނަވާނެއެވެ. މި ޕްރޮގްރާމުގައި ރައްޔިތުންގެ ސުވާލުތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަގުތުން ޖަވާބު ދެއްވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސާ ސުވާލުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން، ސުވާލު ފޮނުއްވުމުގެ ފުރުޞަތު ވަނީ ހުޅުވާލައްވާފައެވެ. އެގޮތުން ސުވާލު ފޯނުން ވީޑިއޯ ކުރެއްވުމަށްފަހު ފޮނުއްވައިގެން ނުވަތަ މެސެޖު މެދުވެރިކޮށް ސުވާލުކުރެއްވޭނެގޮތް ވަނީ ހަމަޖައްސަވާފައެވެ. އަދި ޕްރޮގްރާމުގައި ލައިވްކޮށް ސުވާލުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ނަން ނޯޓުކުރެއްވުމުގެ ފުރުޞަތު ވަނީ ހުޅުވާލައްވާފައެވެ. އެގޮތުން ސުވާލުކުރައްވާ ފަރާތުގެ ނަމާއި ކުރައްވަން ބޭނުންފުޅުވާ ސުވާލު ފޮނުއްވާނީ 30 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މީޑިއާ ސެކްޝަންގެ ހޮޓްލައިން ނަންބަރު 7234566 އަށެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ސުވާލުކުރައްވަން ބޭނުންފުޅުވާ ފަރާތްތައް، ސުވާލު ޕޯސްޓު ކުރައްވާއިރު #AskSpeaker ބޭނުންކުރެއްވުން އެދެމެވެ.

"އާސްކް ސްޕީކަރ" ޕްރޮގްރާމަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރިއަށް ގެންދާ ލައިވް ޕްރޮގްރާމެކެވެ. މިއީ މިގޮތަށް ޢާންމުކޮށް ރައްޔިތުންނަށް ހުޅުވާލައިގެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ބާއްވަވާ 5ވަނަ ޕްރޮގްރާމެވެ.


އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ: އަލްފާޟިލް ޙަސަން ޒިޔާޢު، ޑިރެކްޓަރ، މީޑިއާ އެންޑް ކޮމިއުނިކޭޝަން | ރައްޔިތުންގެ މަޖިލީހުގެ އިދާރާ މެދުޒިޔާރަތްމަގު، މާލެ، ދިވެހިރާއްޖެ | ފޯން: 3032636 އީމެއިލް: [email protected] ރައްޔިތުންގެ މަޖިލީހުގެ ޓުވިޓާ: @mvpeoplesmajlis

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA