ޚަބަރާއި އިވެންޓްސް

ޖަޕާނުގެ ޕާލިމެންޓަރީ ވައިސް މިނިސްޓަރ ފޯ ފޮރިން އެފެއާސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް މުޙައްމަދު އަސްލަމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

18 ނޮވެމްބަރު 2023 16:38

ޖަޕާނުގެ ޕާލިމެންޓަރީ ވައިސް މިނިސްޓަރ ފޯ ފޮރިން އެފެއާޒް ހިޒް އެކްސެލެންސީ މިސްޓަރ ކޮމުރާ މަސަހިރޯ ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް މުޙައްމަދު އަސްލަމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީސް ކުރާ ގޭގައި ބޭއްވި މިބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ހުވައިކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވިކަމަށްޓަކައި މިސްޓަރ ކޮމުރާ މަސަހިރޯއަށް ޝުކުރުއަދާކުރެއްވިއެވެ.

އަދި ދިވެހި ރާއްޖެއާއި ޖަޕާނާ ދެމެދު އޮންނަ ގާތް ރަޙްމަތްތެރި ގުޅުން ފާހަގަކުރައްވާ، ޖަޕާނުން ރާއްޖޭގެ ތަރައްޤީއަށް ވެދެއްވާ އެހީތެރިކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް މުޙައްމަދު އަސްލަމް ޖަޕާން ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ. ވަކިން ޚާއްސަކޮށް، ދަނޑުވެރިކަމާއި މަސްވެރިކަމުގެ އިތުރުން ފާއިތުވި ތިން އަހަރުގައި ރާއްޖޭގެ ސިއްޚީ ދާއިރާއަށް ޖަޕާނުން ވެދެއްވާފައިވާ އެހީ އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި ޖަޕާނުގެ ޤާނޫނު ހަދާ މަޖިލީހާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިވެ.

މިބައްދަލުކުރެއްވުމުގައި، އިގްތިސާދީ ދާއިރާގެ އިތުރުން އެހެނިހެން ދާއިރާތަކުން ރާއްޖެއާއި ޖަޕާނާ ދެމެދު އޮންނަ ގާތް ރަޙްމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މުހިއްމުކަން ޖަޕާނުގެ ވައިސް މިސްޓަރ ކޮމުރާ މަސަހިރޯ ފާހަގަކުރެއްވިއެވެ. އަދި މި ގުޅުން ވަރުގަދަ ކުރެއްވޭނެ ގޮތްތަކާއިބެހޭ ގޮތުން ޖަޕާނުގެ ޕާލިމެންޓަރީ ވައިސް މިނިސްޓަރ ފޯރ ފޮރިން އެފެއާޒް ހިޒް އެކްސެލެންސީ މިސްޓަރ ކޮމުރާ މަސަހިރޯ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް މުޙައްމަދު އަސްލަމް މަޝްވަރާކުރެއްވިއެވެ.

© 2023 ރައްޔިތުންގެ މަޖިލިސްގެ އިދާރާA