މިޞްރު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

19 ނޮވެމްބަރު 2023 10:00

މިޞްރު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، މާގެދް މުސްލިޙް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް މުޙައްމަދު އަސްލަމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީސް ކުރާ ގޭގައި ބޭއްވި މިބައްދަލުކުރެއްވުމުގައި، ދިވެހި ރާއްޖެއާއި މިޞްރާ ދެމެދު އޮންނަ ގާތް ރަޙްމަތްތެރި ގުޅުން ފާހަގަކުރައްވާ، މިޞްރުން ރާއްޖޭގެ ތަރައްޤީއަށާއި ރާއްޖެއަށް ތަޢުލީމީ ދާއިރާއިން ވެދެއްވާ އެހީތެރިކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް މުޙައްމަދު އަސްލަމް މިޞްރު ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހާއި މިޞްރުގެ ޤާނޫނު ހަދާ މަޖިލީހާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ. މިބައްދަލުކުރެއްވުމުގައި، މިޞްރު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ރާއްޖެއާއި މިޞްރާ ދެމެދު އޮންނަ ތާރީޚީ އަދި ދީނީ ގުޅުން ފާހަގަކުރެއްވިއެވެ. އަދި، މިއަންނަ އަހަރު ފެބުރުވަރީ މަހު ދިވެހިރާއްޖެއާއި މިޞްރާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރެވުނުތާ 55 އަހަރު ފުރުން ކުލަ ގަދަކޮށް ފާހަގަކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މީގެ އިތުރުން، އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާނުތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ރާއްޖެއާއި މިޞްރު އަބަދުވެސް އޮންނާނީ ފަލަސްޠީނާ އެކުގައިކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް މުޙައްމަދު އަސްލަމްއާއި މިސްރުގެ ސަފީރު މާގެދް މުސްލިޙް ފާހަގަކުރެއްވިއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ހުވައިކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވިކަމަށްޓަކައި މިސްޓަރ މާގެދް މުސްލިޙަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޝުކުރުއަދާކުރެއްވިއެވެ.
ލިޔުން ޝެއަރ ކުރުމަށް
ގުޅުންހުރި ފޮޓޯތައް

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA