އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

27 ނޮވެމްބަރު 2023 23:00

އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ޝްރީ މުނު މަހާވަރް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް މުޙައްމަދު އަސްލަމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިއަދު ރައްޔިތުންގެ މަޖިލިސް ކުރާގޭގައި އޮތް މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖީލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، އިންޑިއާއަކީ ޒަމާނުއްސުރެ ރާއްޖެއާއި ވަރަށް ގާތް ގުޅުމެއް އޮންނަ ޤައުމެއްކަން ފާހަނގަކުރެއްވިއެވެ. އަދި އިންޑިއާ އަކީ ރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެއްކަން ފާހަގަކުރައްވާ، އިންޑިއާއިން ރާއްޖެއަށް ވެދެއްވަމުންދާ އެހީތަކަށް އިންޑިއާ ސަރުކާރަށާއި ރައްޔިތުންނަށް މަޖިލީހުގެ ރައީސް ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުން ރައްޔިތުންގެ މަޖިލީހަށް ފޯރުކޮށްދެއްވާ އެހީއާއި ތަމްރީނުގެ ފުރުޞަތުތައް އޮނަރަބަލް މުޙައްމަދު އަސްލަމް ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހާއި އިންޑިއާގެ ޤާނޫނު ހަދާ މަޖިލީސް، ލޮކް ސަބާއާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް މުޙައްމަދު އަސްލަމް ވިދާޅުވިއެވެ. އިންޑިއާ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި އިންޑިއާ ދެމެދު އޮންނަ ޒަމާންވީ ރަޙްމަތްތެރި ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ. އަދި އިންޑިއާ އިން އަބަދުވެސް ރާއްޖޭގެ ތަރައްޤީގެ މުހިއްމު މަސައްކަތް ތަކުގައި ބައިވެރިވެ ރާއްޖެއަށް އެހީތެރިވެދޭނެކަމަށް އިންޑިއާ ސަފީރު ވިދާޅުވިއެވެ.
ލިޔުން ޝެއަރ ކުރުމަށް
ގުޅުންހުރި ފޮޓޯތައް

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA