ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއްކުރައްވައިފި

3 ޑިސެމްބަރު 2023 11:00

ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މަތްރެކް ބިން ޢަބްދުﷲ އަލްޢަޖާލީން އަލްދައުސަރީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް މުޙައްމަދު އަސްލަމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއްކުރައްވައިފިއެވެ. މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީސް ކުރާ ގޭގައި ބޭއްވި މިބައްދަލުކުރެއްވުމުގައި، ސަޢުދީ ޢަރަބިއްޔާއިން ރާއްޖޭގެ ތަރައްޤީއަށް ވެދެއްވާ އެހީތެރިކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް މުޙައްމަދު އަސްލަމް ސަޢުދީ ޢަރަބިއްޔާގެ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، ރައްޔިތުންގެ މަޖިލީހާއި ސަޢުދީ ޢަރަބިއްޔާގެ ޤާނޫނު ހަދާ މަޖިލީހާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮންނަ ދީނީ ގުޅުން ފާހަގަކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ސަޢޫދީ ސަފީރު މަޝްވަރާ ކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި، ސަޢޫދީ ޢަރަބިއްޔާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮންނަ ރަޙްމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އިސްލާމީ އަދި ޘަޤާފީ އަޚްލާޤާއި، ތާރީޚީ ގުޅުން ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ތަޢުލީމީ ދާއިރާއިންނާއި ޞިއްޙީ ދާއިރާއިން ރާއްޖޭއަށް އިތުރު އެހީތައް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް ސަޢޫދީ ޢަރަބިއްޔާ ސަފީރު މަތްރެކް ބިން ޢަބްދުﷲ އަލްޢަޖާލީން އަލްދައުސަރީ ވިދާޅުވިއެވެ.
ލިޔުން ޝެއަރ ކުރުމަށް
ގުޅުންހުރި ފޮޓޯތައް

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA