އޮސްޓްރޭލިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއްކުރައްވައިފި

13 ޑިސެމްބަރު 2023 11:30

އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ޑޭވިޑް ޖަސެޕް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް މުޙައްމަދު އަސްލަމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއްކުރައްވައިފިއެވެ. މިއަދު ރައްޔިތުންގެ މަޖިލިސް ކުރާގޭގައި އޮތް މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖީލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، އޮސްޓްރޭލިއާއަކީ ޒަމާނުއްސުރެ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް އޮންނަ ޤައުމެއްކަން ފާހަނގަކުރެއްވިއެވެ. އަދި، އޮސްޓްރޭލިއާއިން ރާއްޖޭގެ ތަޢުލީމީ ދާއިރާއަށާއި ރައްޔިތުންގެ މަޖިލީހުން ކުރިއަށްގެންދާ ޕްރެކްޓިސް ޕާލަމެންޓް ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ވެދެއްވާ އެހީތެރިކަން ފާހަގަކޮށް، އޮސްޓްރޭލިއާ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހާއި އޮސްޓްރޭލިއާގެ ޤާނޫނު ހަދާ މަޖިލީހާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް މުޙައްމަދު އަސްލަމް ވިދާޅުވިއެވެ. މިބައްދަލުކުރެއްވުމުގައި، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭގޮތުންނާއި އަންނަ އަހަރަށް ލަފާކުރައްވާ ދަޢުލަތުގެ ބަޖެޓާ ގުޅޭގޮތުން އޮސްޓްރޭލިއާ ސަފީރު މަޢުލޫމާތު ސާފުކުރެއްވިއެވެ. އަދި މަޖިލީހުގައި ގިންތީގެ ހަމަހަމަކަން ގާއިމްވެފައި އޮތުމުގެ މުހިންމުކަން ފާހަގަކުރައްވާ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގިނަ ދާއިރާތައް ތަމްސީލުކުރެއްވުމުގައި އަންހެން ބޭފުޅުން ފެނިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވެ، އެކަމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
ލިޔުން ޝެއަރ ކުރުމަށް
ގުޅުންހުރި ފޮޓޯތައް

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA