ޚަބަރާއި އިވެންޓްސް

ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް މުޙައްމަދު އަސްލަމް ސްރީލަންކާއަށް މިއަދު ފުރާވަޑައިގެންފި

15 ޖެނުއަރީ 2024 19:46

ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް މުޙައްމަދު އަސްލަމް ސްރީލަންކާގެ ވެރިރަށް ކޮލަމްބޯއަށް މިއަދު ހެނދުނު ފުރާވަޑައިގަންނަވައިފިއެވެ. މި ދަތުރުފުޅަކީ ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް އޮނަރަބަލް މަހިންދާ ޔަޕާ އަބޭވަރްދޭނާގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި މަޖިލީހުގެ ރައީސް އޮނަރަބަލް މުޙައްމަދު އަސްލަމްގެ އަރިހުގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރ އަދި ދަ ޑިމޮކްރޭޓްސްގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް، އަދި މޯލްޑިވްސް-ސްރީލަންކާ ޕާލަމެންޓަރީ ފްރެންޑްޝިޕް ގްރޫޕްގެ މުޤައްރިރު ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒްގެ އިތުރުން އެ ގްރޫޕްގެ މެންބަރު އަދި މަޖިލީހުގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ މުޤައްރިރު ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް ބައިވެރިވެވަޑައިގަންނަވައެވެ.

މަޖިލީހުގެ ރައީސްގެ މި ދަތުރުފުޅުގައި ސްރީލަންކާގެ ބޮޑުވަޒީރާއި، ޤާނޫނު ހަދާ މަޖިލީހުގެ ރައީސް އަދި އެކްޓިންގ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން އެޤައުމުގެ ފާހަގަކޮށްލެވޭ މުހިންމު ބައެއް ތަންތަނަށް ޒިޔާރަތް ކުރައްވާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA