މަޖިލީހުގެ ރައީސް، އަޒަރުބައިޖާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވައިފި
23 ފެބްރުއަރީ 2024 22:30
ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް މުޙައްމަދު އަސްލަމް އަޒަރުބައިޖާންގެ ޤާނޫނު ހަދާ މަޖިލީސް، މިލީ މަޖިލީސްގެ ރައީސް ސާހިބާ ޤަފަރޯވާ އާ ބައްދަލުކުރައްވައިފިއެވެ.
އަޒަރުބައިޖާންގެ ޤާނޫނު ހަދާ މަޖިލީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި އަޒަރުބައިޖާންގެ މިލީ މަޖިލީހާއި ރައްޔިތުންގެ މަޖިލީހާ ދެމެދު ގުޅުން ވަރުގަދަ ކުރެއްވުމުގެ މުހިއްމުކަން ފާހަގަކުރައްވާ، އެކަމަށް މަގުފަހި ކުރެއްވުމުގެ ގޮތުން ޕާލަމެންޓަރީ ފްރެންޑްޝިޕް ގްރޫޕެއް އުފެއްދުމަށް ހުށަހެޅުއްވިއެވެ.
މީގެ އިތުރުން، ނޮން އެލައިންޑް މޫވްމަންޓް - ޕާލަމެންޓަރީ ނެޓްވޯކުގައި ރާއްޖެއިން ބައިވެރުވުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އެގޮތުން ކުރިއަށް އޮތް ނާމް ޕާލަމެންޓަރީ ނެޓްވޯކުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެކަމުގެ ޔަޤީންކަން މަޖިލީހުގެ ރައީސް ދެއްވިއެވެ.
މިބައްދަލުވުމުގައި އަޒަރުބައިޖާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް، ސާހިބާ ޤަފަރޯވާ ދެއްކެވި ވާހަކަފުޅުގައި އޭޝިއަން ޕާލަމެންޓަރީ އެސެމްބްލީގައި ހިމެނޭ ޤާނޫނު ހަދާ މަޖިލީސްތަކާއެކު ގާތް ގުޅުމެއް ބޭއްވުމަށް މިލީ މަޖިލީހުން މަސައްކަތް ކުރައްވަމުންދާކަން ފާހަގަކުރެއްވިއެވެ.
މިބައްދަލުވުމުގައި މަޖިލީހުގެ ރައީސް ވަނީ ރައްޔިތުންގެ މަޖިލީސް އެކުލެވިގެންވާ ގޮތާއި މަޖިލީހުގައި ހިމެނޭ ޕާޓީތަކާއި އަދި މަޖިލީހުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.
އަދި ވިޔަފާރިއާއި ފަތުރުވެރިމާއި އިންވެންސްޓްމަންޓު ދާއިރާއިން ދެ ޤައުމުގެ ގުޅުން ބަދަހިކުރެއްވުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް މުޙައްމަދު އަސްލަމް އަޒަރުބައިޖާނަށް ކުރައްވާ މި ދަތުރުފުޅަކީ އޭޝިއަން ޕާލަމެންޓަރީ އެސެމްބްލީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. ދަތުރުފުޅުގައި އަރިހުގައި އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ބައިވެރިވެވަޑައިގަންނަވައެވެ.