ޚަބަރާއި އިވެންޓްސް

އައިޕީޔޫގެ 148 ވަނަ އެސެމްބްލީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ތަޤްރީރުކުރައްވައިފި

24 މާރިޗު 2024 22:00

މިމަހުގެ 23 އިން 27 އަށް ސްވިޒަރލެންޑުގެ ޖެނީވާގައި ކުރިއަށްދާ އިންޓަރ-ޕާލިމެންޓަރީ ޔުނިއަންގެ 148 ވަނަ އެސެމްބްލީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް މުޙައްމަދު އަސްލަމް މިއަދު ތަޤްރީރުކުރައްވައިފިއެވެ.

ދުނިޔޭގެ ސުލްހަމަސަލަސްކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި ޤާނޫނު ހަދާ މަޖިލިސްތަކުގެ ސިޔާސަތުތަކުގެ މުހިންމުކަމާ ގުޅޭގޮތުން ބަހުސްކުރެވުނު މަޢުޟޫޢަށް ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސްވަނީ މޫސުމަށް އަންނަ ބަދަލުތަކާއި، މިންތީގެ ހަމަހަމަކަން ދެމެހެއްޓުމާއި އަދި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި ޤާނޫނު ހަދާ މަޖިލިސްތަކުގެ ސިޔާސަތުތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

މަޖިލީހުގެ ރައީސްގެ ތަޤްރީރުގައި ދިވެހިރާއްޖޭގައި ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް ގެނައި އިޞްލާޙުގެ ސަބަބުން އެފަދަ ފަރާތްތައް އަވަހަށް ދެނެގަނެ ފިޔަވަޅުއެޅުމަށް މަގުފަހިވެ، ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު އަނބުރާ އަންނަ ފަރާތްތައް މުޖްތަމަޢަށް ރުޖޫޢަވުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ނޭޝަނަލް ރީއިންޓެރިގޭޝަން ސެންޓަރެއް ގާއިމުކުރެވިފައިވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މީގެއިތުރުން، މަސްތުވާތަކެތިން ސަލާމަތްވުމަށް ބޭނުންވާ ފުރިހަމަ ވަސީލަތްތައް މަދުކަމާއި، މަސްތުވާތަކެތީގެ ވިޔާފާރި ހުއްޓުވުމަށް ޤައުމުތަކުގެ ދެމެދުގެ ގުޅުން ރަނގަޅުކޮށް ސިޔާސަތުތައް އިތުރަށް ވަރުގަދަކުރުމަށްވެސް މަޖިލީހުގެ ރައީސް ގޮވާލެއްވިއެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ވަރަށް ބޮޑެތި ގެއްލުންވަމުންދާކަމާއި، ރާއްޖެއަކީ މާގިނަ ވަސީލަތްތަކެއް ނެތް ނަމަވެސް ތިމާވެށްޓަށް ހެޔޮއެދޭ ކަންތައްތައް ކުރުމުގައި ކުރިއަރާފައިވާ ޤައުމެއްކަމަށް ފާހަގަކުރައްވިއެވެ.

އަދި، މިންތީގެ ހަމަހަމަކަން ދެމެހެއްޓުމާއި ރައްޔިތުން ހޭލުންތެރިކުރުމަށާއި ބައިވެރިވުން އިރުތުކުރުމަށް މަޖިލީހުން ކުރަމުންދާ މަސައްކަތްތައްވެސް ފާހަނގަކުރެއްވިއެވެ. އެގޮތުން، ސިޔާސީ ޕާޓީތަކުގައި އަންހެން ބޭފުޅުން ތަމްސީލުކުރުމުގެ މުހިންމުކަން ފާހަނގަކުރައްވައި މަޖިލީހުގެ 33 ޕަސަންޓު އަންހެނުންނަށް ޚާއްސަ ކުރަން ހުށަހެޅިފައިވާ ބިލުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ. އަދި, ރައްޔިތުންގެ މަޖިލީހާއި ޔޫއެންޑީޕީއާ ގުޅިގެން ހިންގާ ޕްރެކްޓިސް ޕާލަމެންޓް ފޯ ވިމެން އަދި ޕްރެކްޓިސް ޕާލަމެންޓް ފޯ ޔޫތު ޕްރޮގްރާމާއި، އަދި، މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތޚާބުގައި ވާދަކުރައްވާ އަންހެން ކެންޑިޑޭޓުންނަށް އަމާޒުކޮށް ކުރިއަށް ގެންދިޔަ ޕާލިމެންޓަރީ އެޑިޔުކޭޝަން ވޯރކްޝޮޕްވެސް ފާހަނގަކުރެއްވިއެވެ.

މަޖިލީހުގެ ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ޒަމާނުއްސުރެ ފަލަސްތީނުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ސުލްޙަވެރި އަވަސް ޙައްލެއް ގެނައުމުގެ މުހިންމުކަންވެސް ފާހަގަކުރެވިއެވެ.

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA